ޗައިނާ އިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިއްޖެ

ޒިކާ ވައިރަސް ފަތުރާ އީޑީސް މަދިރި -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ފެބްރުއަރީ 10): ދެކުނު އެމެރިކާއަށް ދަތުރުކުރުމަށް ފަހު އަނބުރާ ޗައިނާ އަށް ދިޔަ އެ ގައުމުގެ ރައްޔިތެއްގެ ގައިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިއްޖެ ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓުތަކުގައިވެ އެވެ.

ޗައިނާގެ ރަސްމީ މީޑިއާ، ޒިންހުއާގައިވާ ގޮތުން ވައިރަސް ފެނުނީ އިރުމަތީ ޗައިނާ އަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

ޒިކާ ވައިރަސްގެ ސަބަބުން ދުނިޔޭގައި ސިއްހީ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފައި އޮތް ނަމަވެސް ޒިކާ އަކީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ވައިރަސްއަކަށް ވުމުންނާއި މިދުވަސްވަރަކީ އެ ގައުމުގައި ފިނި މޫސުން ކަމުން، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ޒިކާ ފެތުރިދާނެ ކަމުގެ އިންޒާރުތަކަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށް ވެސް ޒިންހުއާގައިވެ އެވެ.

އެމެރިކާގެ ވެނެޒުއޭލާގައި ހުރުމަށް ފަހު ހޮންކޮން މަގުން ޗައިނާއަށް ދަތުރުކުރި އެމީހާގެ ގައިން ޒިކާ ވައިރަހުގެ އަލާމާތްތައް އެންމެ ފުރަތަމަ ފެނުނީ ވެނެޒުއޭލާގައި ހުއްޓާކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލަށް އެނބުރުން އެރުން ހިމެނެ އެވެ. އެމީހާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދެކުނު އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގައި ޒިކާ ވައިރަސް ފެތުރުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ދުނިޔޭގައި ސިއްހީ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ޒިކާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ބްރެޒިލްގައި އެވެ.

ތުއްތު ކުދިން އުފެދުމުގައި ހުންނަ އުނިކަމެއް ކަމަށްވާ މައިކްރޯސެފަލީއާ ޒިކާ ވައިރަސް ގުޅުމެއްވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ސައިންސުވެރިން މިހާރު ދަނީ ޒިކާ އާ މައިކްރޯސެފަލީއާ ސީދާ ގުޅުމެއްވޭތޯ ބަލަމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް