ލޯޑަރު ދުއްވަން އިން ޑްރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފި

ލޯޑަރުގެ ދަށުގެ ނިޔާވި އަމާނުﷲ-- ސަން ފޮޓޯ/ ފައިހަތު

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ޒަހަމްވި ކުޑަކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި، އެ ލޯޑަރު ދުއްވަން އިން ޑުރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ ހާދިސާގައި އެ ޑްރައިވަރު ހައްޔަރުކޮށް ފުރަތަމަ ވަނީ ބަންދަށް ހަތް ދުވަސްޖަހާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ހަތް ދުވަސްވެގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޑްރައިވަރުގެ ބަންދަށް އިތުރު 15 ދުވަސްޖަހާފައިވާ ކަމަށެވެ.

ލޯޑަރު ދަށުވުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކާ ގުޅިގެން ނިޔާވެފައި ވަނީ، މާތޮޑާ އަވަށު، އުމުރުން 10 އަހަރުގެ އަމާނުﷲ އެވެ. އެ ހާދިސާގައި އަމާނުﷲގެ މޫނު އެކީގައި ޗިސްވެފައިވާ ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

އަމާނު ﷲ ނިޔާވީ އިތުރު ފަރުވާއަށް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.

އަމާނުﷲ ނިޔާވެފައި ވަނީ، އެންވަޔަރަންމެންޓް މިނިސްޓްރީން ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑުގެ މަސައްކަތަށް އެ ރަށުގައި ބޭނުންކުރަމުން ދިޔަ ލޯޑަރެއްގެ ދަށުވެ އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައި ވަނީ، މައްސަލައިގެ ތަހުގީގަށް މިނިސްޓްރީ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

comment ކޮމެންޓް