ސަމާލުވޭ! މިކަންކަމުންވެސް ހަންގަނޑަށް ގެއްލުން ލިބޭ

ކޮންމެ މީހަކީވެސް ރީތި ހަންގަނޑެއް ބޭނުންވާނެ މީހެކެވެ. ނަމަވެސް އެންމެނަކީ އޮމާން ރީތި ހަންގަނޑެއް ލިބިފައިވާ މީހަކަށް ނުވެދާނެ އެވެ. މިއީ ބައެއް ފަހަރު ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިމާވާ މައްސަލައަކަށްވެސް ވެދާނެ އެވެ. އެހެންކަމުން ހަންގަނޑަށް ގެއްލުންވާ ކަހަލަ އާދަތަކުން ދުރުވާން އެބަ ޖެހެ އެވެ.

ނޭނގި ނަމަވެސް ތިމާގެ ހަންގަނޑަށް ގެއްލުންވާ ބައެއް ކަންކަން ކުރެވެ އެވެ. އެފަދަ ބައެއް ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

1. ފޯނުން ވާހަކަ ދެއްކުން

ދިރާސާތަކުން ދައްކާ ގޮތުން ފާހާނާ ތަށީގައި ބެކްޓީރިއާ ހުންނަ މިންވަރަށް ވުރެ އިތުރަށް އަޅުގަނޑުމެން ބޭނުންކުރާ ފޯނު ތަކުގައި ބެކްޓީރިއާ ހުރެ އެވެ. އެހެންކަމުން ފޯނުން ވާހަކަ ދައްކާ އިރު ފޯނުގައި ހުންނަ ބެކްޓީރިއާތައް މޫނުގެ ހަންގަނޑަށް ދެއެވެ.

އެހެންކަމުން ޓިޝޫ އެއް ނުވަތަ މަޑު ފޮތިކޮޅަކުން ކޮންމެ ދުވަހަކުވެސް ފޯނު ސާފު ކުރަން ހަނދާން ބަހައްޓާށެވެ. އަދި ގިނަގިނައިން އަތްވެސް ދޮންނަން އާދަ ކުރާށެވެ.

2. ގަޑިން ގަޑިއަށް ނުކެއުން

ގިނަ މީހުންނަކީ ދުވާލަކު ދެ ފަހަރު ކައިގެން އުޅޭ މީހުންނެވެ. ވަގުތު ނުވާތީ އެވެ. ނަމަވެސް ކާނާ އަކީ ހަށިގަނޑަށް ބާރު ލިއްބއިދީ ހަންގަނޑުގެ ތާޒާ ކަންވެސް ދަމަހައްޓައިދޭ ވަސީލަތެވެ. ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނަށް ވީއިރު، ގަޑިން ގަޑިއަށް ނުކާނަމަ އެކަމުގެ ގެއްލުން ހަންގަނޑަށް ކުރާ މިންވަރުވެސް ބޮޑުވެ އެވެ. އެކަށީގެންވާ ވިޓަމިން ހަންގަނޑަށް ނުލިބޭ ނަމަ، ހަމުގައި ހުންނަ ތާޒާ ކަމާއި ރީތިކަން ގެއްލޭނެ އެވެ.

3.ކަސްރަތު ނުކުރުން

ކަސްރަތު ނުކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ތިމާގެ ހިތާއި ބަރުދަނަކަށް ނޫނެވެ. ކަސްރަތުގެ ސަބަބުން ލޭ ހޮޅިތައް މެދުވެރިކޮށް ހަންގަނޑަށް އޮކްސިޖަން އާއި ކާނާ ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދެ އެވެ. އަދި ސްޓްރެސް އިން ދުރުކޮށްދީ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ނަމަވެސް ކަސްރަތު ކުރާ އިރުވެސް ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން މޭކަޕް ކޮށްގެން ހުރެ ކަސްރަތު ނުކުރުމާއި، ކަސްރަތުކޮށް ނިމުމަށްފަހު މޫނު ދޮވެ ފެންވެރުން ފަދަ ކަންކަން ހިމެނެ އެވެ. ނޫންނަމަ ހަންގަނޑަށް ގެއްލުން ވާނެ އެވެ.

4. ހޫނު ފެނުން ފެން ވެރުން

ހޫނު ފެނުން ފެންވަރާލުމަކީ މީހާއަށް ތާޒާކަމެއް ލިބިދޭ ކަމެއް ނަމަވެސް ހަންގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. ހޫނުގެ ސަބަބުން ހަމުގައި ހުންނަ ގުދުރަތީ ތެޔޮކަން ކަނޑުވައިދެ އެވެ. ހޫނު ފެނުގެ ނޭދެވޭ އަސަރުން ހަންގަނޑު ސަލާމަތް ކުރުމަށް 10 މިނެޓަށް ވުރެ ގިނަ އިރު ފެން ނުވަރާށެވެ. އަދި ފެންވަރާ ނިމުމުން މަޑު ތުވާއްޔަކުން ފެން ހިއްކުމަށްފަހު ހަށިގަނޑު މޮއިސްޗުރައިޒް ކޮށްލާށެވެ.

5. ހަކުރު ބޭނުންކުރާ މިންވަރު މަތިވުން

ހަކުުރުގެ މިންވަރު އިތުރުވުމުގެ ސަބަބުން ބިހިނެގުމާއި، ލަކުނު ލުން ކަހަލަ ކަންކަން ކުރިމަތިވެ އެވެ. އެއީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އަދި ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވާ ނަމަ ހަންގަނޑުގައި ރޫޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެން ދެ އެވެ. އެހެންކަމުން ކެއުމުގައި ފޮނިކާ އެއްޗެހި ބޭނުންކުރާ މިންވަރު މަދުކުރުން ބުއްދިވެރި އެވެ.

6. މޫނުގައި ހުންނަ ބިހި ފެޅުން

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ބިއްސެއް ފަޅާލުމުން ފަސޭހައިން އެ ބިހި ފިލައިގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް މޫނުގައި ހުންނަ ބިހި ފެޅުމުގެ ސަބަބުން ހަންގަނޑުގެ ތެރެއަށް ބެކްޓީރިއާ ވަނުމުގެ ފުރުސަތު ބޮޑުވެ އެވެ.

7. އެކަށީގެންވާ ވަރަށް ނިދި ނުލިބުން

އެންމެ ރެޔަކުވެސް ރަނގަޅު ނިންޖެއް ނުލިބިއްޖެނަމަ ހަންގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެ އެެވެ. އެހެންކަމުން ރަނގަޅަށް ނުނިދާ ގިނަ ދުވަސްވާނަމަ، ހަންގަނޑު ހަލާކުވާގޮތް ވެ އެވެ. އެކަށީގެންވާ ނިދި ނުލިބޭ ނަމަ ލޯ ކައިރި ކަޅުވެ، ހަންގަނޑުގެ ތާޒާކަން ގެއްލި އުމުރަށް ވުރެ ހަންގަނޑި ދުވަސްވެފައިވާ ކަމަށް ދައްކާނެ އެވެ.

comment ކޮމެންޓް