ޔޫއޭއީ އާއި ޕާކިސްތާނުން ދިން ފައިސާގެ އެހީއަށް ވީގޮތެއް ނޭނގެ: އޮޑިޓް

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް: 2013 ވަނަ އަހަރުގެ މާލީބަޔާން ތައްޔާރުކޮށްފައި ވަނީ ތެދުވެރިކަމާއި ހަގީގަތާ އެއްގޮތަށް ނޫން ކަމަށް އޮޑިޓުގައި ބުނެފައިވޭ-- ސަން ފައިލް ފޮޓޯ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖޭގެ ދެ މިޝަންއަކަށް 2013 ވަނަ އަހަރު ދިން 3.3 މިލިއަން ރުފިޔާގެ ފައިސާގެ އެހީއަށް ހަރަދު ކުރި ގޮތް އެނގެން ނެތް ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ފޮރިން މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެ ގައުމުގެ ސަރުކާރުން 500،000 ޔޫއޭއީ ދިރުހަމް (2 މިލިއަން ރުފިޔާ) ހަދިޔާ ކުރި ކަމަށެވެ. އެ ފައިސާ ލިބުނު ކަމަށް ފޮރިން މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށާއި އެ ފައިސާ އަށް ހަރަދު ކުރި ގޮތެއް ވެސް އެނގެން ނެތް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވެ އެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް އެ ގައުމުގެ ސަރުކާރުން 2013 ވަނަ އަހަރު ދިން 8.5 މިލިއަން ޕާކިސްތާން ރުޕީސް (1.2 މިލިއަން ރުފިޔާ)ގެ ހިސާބުތައް ވެސް މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. ޕާކިސްތާނުން ހަދިޔާ ކުރި އެ ފައިސާއަކީ ކޮންމެ އަހަރަދު ދެމުން އަންނަ އެހީއެއް ކަމަށާއި އެ ފައިސާ ހަދިޔާ ކުރަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އިމާރާތަށް ކުލި ދެއްކުމަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ޔޫއޭއީ އާއި ޕާކިސްތާނުން ރާއްޖެ އަށް ދިން ޖުމްލަ 3.3 މިލިއަން ރުފިޔާ އެ ގައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކުން ބޭނުންކޮށްފައި ވާތީ، ފޮރިން މިނިސްޓްރީން އިސްލާހު ކުރަން އޮޑިޓާ ޖެނަރަލް ލަފާދީފައި ވަނީ އެ ފައިސާ ލިބުނު ގޮތާއި ހަރަދު ކުރި ގޮތް އެނގޭ ގޮތަށް މާލީ ބަޔާންތަކުގައި ހިމެނުމަށެވެ.

ރާއްޖެ އިން ބޭރުގައި ގާއިމްކޮށްފައިވާ މިޝަންތަކަށް ދައުލަތުގެ ބަޖެޓުން އެޑްވާންސްކޮށް 2013 ވަނަ އަހަރު ފޮނުވާފައިވާ 88.9 މިލިއަން ރުފިޔާގެ ތެރެއިން ހަރަދު ކުރެވުނީ ކިހާ ފައިސާއެއްކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ފައިސާތައް ހަރަދު ކުރި ގޮތް އެނގެން ނެތީ މަހުން މަހަށް ހިސާބުތައް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ނުފޮނުވާތީ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަކޮށްފައިވެ އެވެ.

އެޑްވާންސް އޮޕީނިއަންއެއްގެ ގޮތުގައި އޮޑިޓާ ރިޕޯޓުގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށްފައި ވަނީ ތެދުވެރިކަމާއި ހަގީގަތާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެގޮތުން ފޮރިން މިނިސްޓްރީ އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާއަށް ހޭދަ ކުރި ގޮތާއި އެ އަހަރު ތެރޭގައި ލިބުނު ފައިސާގެ ތަފްސީލުތަކާއި އަހަރު ނިމުނު އިރު ބަޖެޓުގައި ބާކީހުރި އަދަދު ހިމަނާފައި ވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މާލީ ހިސާބުތައް ބެލެހެއްޓުމުގައި 2013 ވަނަ އަހަރު ފޮރިން މިނިސްޓްރީން އިހުމާލުވެފައިވާ ކަންތައްތަކެއް އޮޑިޓާ ޖެނަރަލް ފާހަގަ ކުރައްވާފައިވާ އިރު، އެ އަހަރު ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ޑރ. އަބްދުއް ސަމަދު އަބްދުﷲ އެވެ. އޮގަސްޓް 25، 2013، ގައި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލު ކުރެއްވީ ޑރ. އާސިމް އަހުމަދަށެވެ. ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓްރު ކަމަށް އައްޔަން ކުރެއްވީ މިހާރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.

comment ކޮމެންޓް