ދަށު ކޯޓުގެ އަމުރު ބާތިލްކޮށް މުހުތާޒު ހައްޔަރުކޮށްފި

މުހުތާޒު މުހުސިން މިއަދު ހައިކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ހައިކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހުތާޒު ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ރޭ ދަންވަރުން ފެށިގެން އެ މައްސަލަ ބަލައި ނިންމުމަށްފަހު މިރޭ ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، 15 ދުވަހުގެ މުއްދަތަށް މުހުތާޒު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

މުހުތާޒުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، ގއ. މާމެންދޫ، ވީނަސް އަހްމަދު ނިހާނެވެ. އޭނާގެ ބަންދަށް ހައިކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް