ކްރިމިނަލް ކޯޓު ހިންގުން ބާރީއާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް-- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓު ހިންގެވުން އެ ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ބާރީއާ އެ ކޯޓު ހިންގުން ހަވާލުކޮށްފައި ވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ނެންގެވުމުން ކަމަށެވެ.

އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ ކިތައް ދުވަހުގެ މުއްދަތަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ގާޒީ ބާރީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ފަނޑިޔާރުކަން ކުރައްވާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިދިއަ އަހަރު ޗުއްޓީ ނެންގެވި މުއްދަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި، އޭނާ މައްޗަށް ޓްރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ހުކުމް ކުރީ ވެސް އަބްދުﷲ ގާޒީ ޗުއްޓީގައި ހުންނެވި މުއްދަތުގަ އެވެ.

comment ކޮމެންޓް