މުހުތާޒަށް ވަކީލަކު އައްޔަން ކުރަން ހައި ކޯޓުން ފުރުސަތު ދީފި

ކުރީގެ ޕީޖީ މުހުތާޒު: އޭނާއަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނީ މާދަމާ ހެނދުނުގެ ނިޔަލަށް-- ސަން ފައިލް ފޮޓޯ

ރައީސުލް ޖުމްހޫރިއްޔާ ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި ރޭ ދަންވަރު ހައްޔަރު ކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ދަށު ކޯޓުން ދޫކޮށްލި މައްސަލަ، ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ވަކީލަކު އައްޔަން ކުރަން އޭނާއަށް މިރޭ ފުރުސަތު ދީފި އެވެ.

ކްރިމިނަލް ކޯޓުން މުހުތާޒު ދޫކޮށްލި މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް މިރޭ 12 ޖަހަން އުޅެނިކޮށް ވަނީ ބާއްވާފަ އެވެ.

އެ އަޑުއެހުމުގައި މުހުތާޒަށް ވަކީލަކު އައްޔަންކުރަން މާދަމާ ހެނދނުގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެވެ.

ކޯޓުން ނުކުމެ ވަޑައިގެން މުހުތާޒު މީޑިއާއަށް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކަށް އިންކާރުކުރައްވާ ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް މީޑިއާށް ވިދަޅުވާން ބޭނުން ނުވާކަމަށާއި އޭނާގެ ފަރާތުން ދެން މީޑިއާއާ ވާހަކަ ދައްކާނީ ވަކީލުން ކަމަށް ވިދާޅުވި އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އުޅުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގަ އެވެ.

comment ކޮމެންޓް