މާފަރު އެއާޕޯޓް ލިބިއްޖެނަމަ ދެ އަހަރުން ނިންމާނަން: ސިޔާމް

މިއަދުގެ ޖަލްސާގައި ސިޔާމު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

ނ. އަތޮޅުގައި ތަރައްގީކުރުމަށް މަސައްކަތް ކުރަމުން އަންނަ ނ. މާފަރު އެއާޕޯޓްގެ މަސައްކަތް، ބިޑިން ސިސްޓަމެއްގެ ތެރެއިން ލިބިވަޑައިގެންފި ނަމަ ދެއަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ކުޑަފަރި ބަނދަރު ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ނ. އަތޮޅުގެ ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ އެއާޕޯޓެއް ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތާ ހަވާލުވެގެން އުޅޭ ކުންފުންޏަށް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

"މާފަރު އެއާޕޯޓަކީ މީގެ އެތައް އަހަރެއް ކުރިން ފެށި ޕްރޮޖެކްޓެއް. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެ އެއާޕޯޓް ހަދަން އިތުރު ގިއަރަކަށް ލެވުނު. އިތުރު ބަޔަކަށް އެ އެއާޕޯޓް ހެދުމަށްޓަކާ ދެވުނު.،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މި ސަރުކާރުން އައުމަށްފަހު އެ މަސައްކަތް ބިޑްކޮށްގެން ނަގައިގެން އުޅޭ ކުންފުންޏަކީ މިއަދު ގައުމަށް އެންމެ "ގައްދާރުވި" މީހުންކަން މިހާރު އެނގެން އެބައޮތް ކަމަށާއި، އެ ކުންފުނީގެ ވެރިންނަކީ ރާއްޖޭގެ އެންމެބޮޑު ކޮރަޕްޝަނެއް ހެއްދެވި ފަރާތްތައް ކަމަށެވެ. ސިޔާމް ވިދާޅުވީ އެއީ ކުރީގެ ނައިބު ރައީސް އަދީބާއި ހާމިދު ކަމަށާއި އެމީހުންނަށް މިހާރު އެއާޕޯޓް ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިއަދު އެ ދެބޭފުޅުންނަކަށް އެ އެއާޕޯޓެއް ނުހެދޭނެ. އަޅުގަނޑު ނ. އަތޮޅުގެ ރައްޔިތުން ހެކިކޮށް އަޅުގަނޑު ދަންނަވާނީ މި އެއާޕޯޓް އެއްވެސް މީހަކަށް ނުހެދުނޭ. ﷲ ސުބްޙަނަހޫ ވަތަޢާލާގެ ރަހުމަތްފުޅާއި ވާގިފުޅާ ބިޑިން ސިސްޓަމަކުން މާފަރު އެއާޕޯޓު އަޅުގަނޑަށް ލިބިއްޖެނަމަ ދެ އަހަރު ވުމުގެ ކުރީގަ އެއާޕޯޓް ނ. އަތޮޅުގެ ރައްޔިތުންނަށް ދައްކާނެ ވާހަކަ އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި ހިތްހަމަޖެހުން ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކަށް ގޮސް، ދިވެހި ރައްޔިތުންނަށް ލިބޭ އާމްދަނީ އަދި ކުރިއެރުން ހުއްޓާލުމަށްޓަކައި "އިދިކޮޅު އެމްޑީޕީގެ ގައްދާރު ޝައިތާނުންތަކެއް އަޑީގަ ތިބެގެން" މަސައްކަތްތަކެއް ކުރާ ކަމަށާއި އެ ކަންކަން ކުއްވެރިކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން އެމްޑީޕީގެ ހުރިހާ މީހުންނަށް އެމްޑީޕީގެ ހެޔޮވިސްނޭ ބޭފުޅުންނަށް ތި ޕާޓީން ކެނޑިވަޑައިގަންވާށޭ. ތިއީ ޝައިތާނީ ފިކުރެކޭ. ތި ބޭފުޅުން ދެދުނިޔޭން ގެއްލި ހިނގައިދާނެއޭ،" ސިޔާމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މާފަރު އެއާޕޯޓް އެހެން ބަޔަކަށް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށާއި މިހާރު އެ މަސައްކަތް ހަވާލުވެފައި އޮތް ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް