ބިންފުރި ތޮއްޖެހި މަޑުއްވަރީ ރައްޔިތުން ހައްލެއް ބޭނުންވެފައި

ރ. މަޑުއްވަރި: ބިންފުރި އުޅޭނެތަނެއް ނެތުމުގެ މައްސަލަ އެރަށުގައި ބޮޑު -- ފޮޓޯ/ މަޑުއްވަރި ފޭސްބުކް ޕޭޖް

މަޑުއްވަރީން: ފާތިމަތު ސައީދު

ރާއްޖޭގެ ރަށަކަށް އަރާލުމުން އެ ފެންނަ ރީތި ގޮނޑުދޮށާއި ރީތި މޫދާއި ފެހި ކަމެއް ރ. މަޑުއްވަރީއަކުން ނުފެނެ އެވެ. މޫދަށް އެރިލަން ދާނެ ސަރަހައްދެއް ވެސް ނޯވެ އެވެ. ފަތަން އެނގޭ މީހެއްވެއްޖެއްޔާ ކޮނެގެންހަދާފައި އޮންނަ ފަޅުތެރެއަށް މޫދަށް އެރިލެވިދާނެ އެވެ. ނަމަވެސް ފަތަން ނޭނގޭ މީހުން ނުވަތަ ކުޑަކުދިން މޫދަށް އެރެން ބޭނުން ނަމަ ދޯނި ނުވަތަ ޑިންގީ ކުއްޔަށް ހިފައިގެން ދާން ޖެހެނީ ކައިރީ އޮންނަ ފަޅުރަށްތަކަށެވެ.

މަޑުއްވަރީގައި މޫދަށް އެރިލާނެ ތަންކޮޅެއް ނެތީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށް ވަށައިގެން ހިތްކައި ބޮޑު ހިލަ ޖެހުމުންނެވެ. ކުރިންނަމަ ރާޅުއަރާ ދުވަސްވަސްވަރެއްގައި މޫދާ ކައިރި ހުންނަ ގޭގޭގެ މީހުން ތިބެންޖެހޭނީ ނުނިދާހޭލަ އެވެ. ނަަމަވެސް އެ މައްސަލައަށް މިހާރު އެވަނީ ހައްލެއް ލިބިފަ އެވެ. އެ ހައްލާ އެކު ކުރިމަތިވީ އިތުރު މައްސަލަތައް އެތައް ގުނަ އިތުރުވެއްޖެ އެވެ.

ރަށްފުރި އުޅޭނެ ބިން ނެތުމުގެ ވާހަކައަކީ މިރަށު މީހުން ދައްކާ އާންމު ވާހަކަ އެވެ. މީގެ އެތައް ޒަމާނެއް ކުރިން މިރަށުގައި ބިން ނެތިގެން ގޯތި ދޫކުރުން ހުއްޓާލިފަހުން މީހުން ދިރިއުޅޭނީ އެމީހެއްގެ މައިންބަފައިންގެ ފަރާތުން ވާރުތަވާ ކުޑަތަންކޮޅުގަ އެވެ. ބިން ހިއްކައިގެން ބިން ބޮޑުކުރަން ބެލި ނަމަވެސް ހިއްކެން އޮތީ ކުޑަތަންކޮޅެކެވެ. ނަމަވެސް އެތަންކޮޅާ ނުބައްދަލު އާބާދީއެއް މަޑުއްވަރީގައި އޮތުމުން އެއީ ވެސް ހައްލަކަށް ނުފުދެ އެވެ.

ރ. މަޑުއްވަރި: ބިމުގެ މައްސަލައަށް ބިން ހިއްކައިގެންވެސް ހައްލެއް ހޯދޭކަށް ނެތް --- ފޮޓޯ/ ފާތިމަތު ސައީދު

ރައީސް ޔާމީން މިދިޔަ އަހަރު މިރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައި ވަނީ މަޑުއްވަރީ އަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް ބުރިބުރިއަށް ގެދޮރު އިމާރާތް ކުރުމަށް ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މަޑުއްވަރީ އަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމަށާއި ހިއްކަން އޮތް ތަންކޮޅާއި ރަށުގެ އާބާދީއާ ނުބައްދަލުވުމުން އެއީ ބޮޑު މައްސަލައެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ދެން އޮތް ހަމައެކަނި ހައްލަކީ ހުޅުމާލެ އާއި މާލެއެކޭ އެއްގޮތަށް އުސްކޮށް ގެތައް އިމާރާތްކުރުން ކަމަށާއި އެކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ހައްލަކީ ފްލެޓްތަ؟ ނުވަތަ ހުޅުމާލެއަށް ބަދަލުވުންތަ؟

މަޑުއްވަރީ ކައުންސިލުގެ ރައީސް ހަސަން އަބްދުއްރަހީމް (ހައްޕޭ) 'ސަން' އަށް ވިދާޅުވީ މަޑުއްވަރީގެ ބިމުގެދަތިކަން ބޮޑުވެއުޅޭނެ ތަންކޮޅެއް ނެތް މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމުގެ ޝަކުވާ ވަރަށް ގިނަ ރައްޔިތުން ކުރަމުންދާ ކަމަށެވެ. އަދި ހިއްކެން އޮތް ބިންކޮޅާއި އާބާދީއާ ނުބައްދަލުވުމުން ބިން ހިއްކައިގެން ވެސް އެކަމަށް ދާއިމީ ހައްލެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ހައްޕޭ ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތަށް ބުރި ބުރިއަށް އިމާރާތްތައް ނެގުމާ މެދު ނުވަތަ ފްލެޓް އެޅުމާ މެދު ރައްޔިތުންގެ މެދުގައި އަދި މަޝްވަރާ ނުކުރާ ކަމަށް ވެސް ހައްޕޭ ވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މެދުގައި އަދި މަޝްވަރާއެއް ނުކުރެވޭ އެކަމާ މެދުއެއް. އަޅުގަނޑުމެން އެކަމާމެދު މަޝްވަރާކޮށް މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރަށް ދަންނަވާފައި ވަނީ މެމްބަރު ވަޑައިގެން ކައުންސިލާ ގުޅިގެން ރައްޔިތުންގެ ހިޔާލު އެކަމުގައި އޮތް ގޮތެއް ހޯދުމަށް މަސައްކަތްކުރަން،" މަޑުއްވަރީ ކައުންސިލުގެ ރައީސް ހައްޕޭ ވިދާޅުވި އެވެ.

ރ. މަޑުއްވަރި: ބިންފުރި އުޅޭނެތަނެއް ނެތުމުގެ މައްސަލަ އެރަށުގައި ބޮޑު -- ފޮޓޯ/ މަޑުއްވަރީ ފޭސްބުކް ޕޭޖް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރަށަށް ދާދިފަހުން ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވެފައި ވަނީ މަޑުއްވަރީ ރައްޔިތުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ޖާގަ ލިބިގެންދާނެ ކަމަށް ހައުސިންގް މިނިސްޓްރީ އިން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އަމީތު ވަނީ ވިދާޅުވެފަ އެވެ. އެކަމާ މެދު މަޑުއްވަރީގެ ބައެއް ރައްޔިތުން ދެކޭ ގޮތް ތަފާތެވެ. ބައެއް ފަރާތަކުން ބުނީ ހުޅުމާލެއަށް ބަދަލުވުމަށް ވުރެ ފްލެޓް އެޅުމަކީ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

މަޑުއްވަރީ ބިމުގެ މައްސަލައާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަދައްކާލި ބައެއް މީހުން ބުނީ ރަށް ކައިރީ ގިނަ އަދަދެއްގެ ޓުއަރިސްޓް ރިސޯޓުތައް އެޅުމާއި އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ހުޅުވިގެން ދިއުމަކީ ރަށް ދޫކޮށް ހުޅުމާލެއަށް ބަދަލުވާން ބޭނުން ނުވާ އެއް ސަބަބު ކަމަށެވެ. އަދި މާލެ ނުވަތަ ހުޅުމާލެ އިން ވާޒީފާހޯދުން ފަސޭހަ ކަމަކަށް ނުވާ އިރު ކުރަން ޖެހޭ ހަރަދުތައް ޑަބަލްވެގެން ދިއުމަކީ ހުޅުމާލެއަށް ބަދަލުވުމުން ލިބޭނެ ގެއްލުމެއް ކަމަށް ނަން ހާމަ ނުކުރުމަށް އެދި ވާހަކަދެއްކި މަޑުއްވަރީ ޒުވާނަކު ބުންޏެވެ.

ރ. މަޑުއްވަރި: އެރަށު މީހުން ބުނަނީ ފްލެޓް ބޭނުންވާ ކަމަށް -- ފޮޓޯ/ މަޑުއްވަރި ފޭސްބުން ޕޭޖް

"މިހާރު މިރަށުގައި މީހުން ނޫޅޭ ފަޅުގެތައް ނެގުމަށް ފަހު ފްލެޓް އެޅުމަކީ ހައްލެއް ކަމަށް ފެނޭ. އެކަމަކު ހުޅުމާލެއަށް ބަދަލުވެގެން ވަރަށް ހާލުގައި އުޅެން ޖެހޭނީ މިތަނުގައި ކުލި ދައްކައިގެން އުޅެން ނުޖެހޭ އިރު ވެސް މިއުޅެނީ އަގަޔާ އަތާ ދިމާނުވެގެން. ހަރަދުތައް އެހާ ގިނަ. އަހަރެމެން ބޭނުމެއް ނޫން ހުޅުމާލެއަށް ބަދަލުވާކަށް" މަޑުއްވަރީ ޒުވާނެއް

ރައްޔިތުންގެ ހިޔާލު ހުރިގޮތް އަދި ހޯދާފައި ނުވި ނަމަވެސް "ގިނަ ރައްޔިތުން ބޭނުންވަނީ ހުޅުމާލެއަށް ބަދަލުވާން" ކަމަށް ދެކޭކަމަށް މަޑުއްވަރީ ކައުންސިލުގެ ރައީސް ހައްޕޭ ވިދާޅުވި އެވެ. ހައްޕޭ ވިދާޅުވީ އެންމެ ފަހުން ހައުސިންގް މިނިސްޓްރީން ހުޅުމާލޭ ފްލެޓަށް އިއުލާނު ކުރުމުން މަޑުއްވަރީގެ 50 މީހުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ކަމަށާއި އެހެން ކަމުން ހުޅުމާލެއަށް ބަދަލުވުމަކީ ރައްޔިތުން ބޭނުންވާ ގޮތްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބޯޅަ ދަނޑުގައި މިން ހަމަ ނުވެގެން ރަސްމީ މެޗުތައް ނުކުޅެވޭ

މަޑުއްވަރީއަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ފުޓު ބޯޅަ ދަނޑުގައި މިން ހަމަ ނުވުމުގެ ސަބަބުން ރަސްމީ މެޗުތައް ނުކުޅެވުވުމުގެ މައްސަލަ އެވެ. ފުޓުބޯޅަ ދަނޑަކީ މަޑުއްވަރީގައި މިހާރު އޮތް ހަމަ އެކަނި ހުސް ބިމެވެ. ނަމަވެސް ކުޅިވަރު ކުޅެން ބޭނުންވާ ޒުވާނުންނަށް އެ ދަނޑުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފެނީ މިން ހަމަ ނުވުމުގެ ސަބަބުން ކަމަށް ޒުވާނުން ބުނެ އެވެ.

"މިފަހަރު ވެސް މިނިވަން 50 ފުޓުބޯޅަ މުބާރާތުގެ މަޑުއްވަރީ ޓީމުގެ ހޯމް މެޗުތައް ކުޅެން ދާން ޖެހުނީ ރ. ފައިނަށް. އެއީ ފުޓު ބޯޅަ ދަނޑުގައި މިންހަމަނުވެގެން. އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުންވެ ގިނަ މެޗުތަކުން ބަލިވީ. މި އަތޮޅު މީދޫ އަތުން ކުޅުނު މެޗު 10 -0 އަކުން ބަލިވީ. އެވެސް ހޯމް މެޗެއް،" މަޑުއްވަރީ ޒުވާނެއް

ރ. މަޑުއްވަރި: ބިންފުރި އުޅޭނެތަނެއް ނެތުމުގެ މައްސަލަ އެރަށުގައި ބޮޑު -- ފޮޓޯ/ މަޑުއްވަރި ފޭސްބުކް ޕޭޖް

ކައުންސިލުގެ ރައީސް ވެސް ވިދާޅުވީ ދަނޑުގައި މިން ހަމަ ނުވުމުގެ ސަބަބުން ޒުވާނުންނަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ. އަދި ދަނޑުގެ މިން ހަމަކުރަން ބެލި ނަމަވެސް ވަށައިގެން ހަތަރު ގެ ވަރު ނަގައިގެން ނޫނީ މިން ހަމަވާކަށް ނެތެވެ. ހައްޕޭ ވިދާޅުވީ މިހާރު ހިއްކެން އޮތް ސަރަހައްދުން ބިން ހިތްކުމަށް ފަހު އެތަނުގައި ފުޓު ބޯޅަދަނޑެއް އަޅައި މިހާރުގެ ފުޓު ބޯޅަދަނޑުން ގޯތި ދޫކުރުމަކީ ހެދިދާނެ ގޮތެއް ކަމަށެވެ. އެކަމާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އަދި ވަކިގޮތެއް ނުނިމޭ ކަމަށް ހައްޕޭ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗެއް ބޭނުންވޭ

މަޑުއްވަރީގައި ބޮޑު އަނެއް މައްސަލައަކީ މޫދަށް އެރިލާނެ ތަންކޮޅެއް ނެތުމެވެ. ރަށް ގިރުމުގެ މައްސަލަ ބޮޑުވެގެން އެމައްސަލަ ހައްލުކުރުމަށް ރަށް ވަށައިގެން ވަނީ ރިވެޓްމެންޓް ޖަހާފަ އެވެ. މަޑުއްވަރީ ކައުންސިލުގެ ރައީސް ހައްޕޭ ވިދާޅުވީ އެރު ރަށް ވަށައިގެން ބޮޑު ހިލަ ޖެހި އިރު ރައްޔިތުން އެދިގެން މޫދަށް އެރިލަން ތަން ކޮޅެއް ބޭންދި ކަމަށެވެ.

" މޫދަށް އެރިލަން އެއްދިމާލަކުން އިންނާނެ ތަންކޮޅެއް އެކަމަކު އެތަން ކޮޅުވެސް ގާ ގިނަކަމުން މޫދަށް އެރި އުޅެއް އެހާ ރައްކާތެރިއެއް ނޫން. ހާއްސަކޮށް ކުޑަކުދިން." ކައުންސިލުގެ ރައީސް ހައްޕޭ

މަޑުއްވަރީ ރައްޔިތުން މޫދަށް އެރިލަން ވެއްޖެނަމަ ދާން ޖެހެނީ ކައިރީ އޮންނަ ފަޅު ރަށްތަކަށެވެ. ފަޅުރަށަކަށް ދާން ޖެހެނީ " 300 ރުފިޔާ ދީފައި ކުއްޔަށް ޑިންގީ ހިފައިގެން" ކަމަށް މަޑުއްވަރީ އިން ވާހަކަދައްކާލި މީހުން ބުނެ އެވެ. އަދި އެއީ ބޮޑު ހަރަދެއް ކަމަށާއި އެހެންކަމުން ކުދިން ގޮވައިގެން މޫދަށް އެރިލަން ދެވެނީ އަހަރަކު ދޭއް ނުވަތަ ތިން ފަހަރު ކަމަށް މިރަށު މީހުން ބުނެ އެވެ.

"އެންމެ ކައިރީ އޮންނަ އުފުލަންދޫ އަށް ވެސް ދެވެނީ 300 ރުފިޔާއަށް އަނެއްކާ މޫދަށް އެރިލުމުގެ ބޭނުމުގައި ދިޔަޔަސް އެބަޖެހޭ ކާއެއްޗިހި ގެންދަން. ހަމަ ދަތުރެއް ދާން ކުރާ ހަރަދު ކުރަން ޖެހޭ،" މަޑުއްވަރީ މީހަކު ބުންޏެވެ.

ރ. މަޑުއްވަރި: މަޑުއްވަރީގައި މޫދަށް އެރިލާނެ ތަންކޮޅެއް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް --- ފޮޓޯ/ ފާތިމަތު ސައީދު

ފަތަން ދަސްކޮށްލަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހުމަކީ މަޑުއްވަރީ ރައްޔިތުން ކަންބޮޑުވާ މައްސަލަ އެވެ. އެހެންކަމުން ރަށުގައި އާޓިފިޝަލް ބީޗެއް ހެދޭނެ ދުވަހަކީ ރަށުގެ ރައްޔިތުން ކުރާ ބޮޑު އުންމީދެއް ކަމަށް ގިނަ މީހުން ބުނެ އެވެ.

އާޓިފިޝަލް ބީޗެއް ރަށު ކައުންސިލުގެ ބަޖެޓުން ހަދަން ވިސްނާއިރު އެކަންވާން ނެތް ކަމަށް ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރަށަށް އާމްދަނީ ލިބޭ ހަމައެކަނި ކަމަކީ ރަށު ކައުންސިލުން ވަރުވާއަށް ދޫކޮށޮފައިވާ ރ. ވާދޫ ކިޔާ ފަޅުރަށް ކަމަށެވެ. ނަމަވެސް މިހާރު އެރަށް ސަރުކާރަށް ނެގުމުގެ ސަބަބުން އާމްދަނީ ލިބުމަށް އޮތް މަގު ވެސް ބަންދުވެފައިވާ ކަމަށް ހައްޕޭ ވިދާޅުވި އެވެ. އަދި ތަރަށްގީއަށް ކަމެއް ކުރަން ބެލިޔަސް ބަޖެޓުގައި ފައިސާ ނެތްކަމަށް ހައްޕޭ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް