ބްރިޖުގެ މަސައްކަތަށް ގާދޫކޯ ބަންދު ކުރަނީ

މާލެ-ހުޅުލެ ބްރިޖު

މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފިއިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް"ގެ މަސައްކަތް ފެށިފައިވުމާ އެކު، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގާދޫކޯ (މާލެއާއި ހުޅެލެއާއި ދެމެދުގައިވާ ކަނޑުއޮޅި) ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ ފެބުރުއަރީ 20 ވަނަ ދުވަހުން ފެށިގެން ގާދޫކޯ ހުރިހާ އުޅަނދަކަށް ބަންދު ވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެއާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

ގާދޫކޯ ކަނޑުގެ ޓްރެފިކަށް ބަންދުވުމާ ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއަކީ ބޮޑުކަޅި އެވެ. މާލެއާއި ތިލަފުށީ ބަނދަރުން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރުން ދުވާލުގެ އަލި ކަމުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރެވިދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އޭގެ އިތުރުން މާތިލަ (މާލެއާއި ވިލިނގިއްޔާ ދެމެދުގައިވާ ކަނޑުއޮޅި) އިން ދިގުމިނުގައި 40 މީޓަރަށް ވުރެ ބޮޑު އުޅަނދު ވަދެނިކުތުން ވެސް ވަނީ މަނާކޮށްފަ އެވެ.

ބުރިޖު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނުމަގު ޓަސްކަލޫސާ ހަމައިން ދަރުބާރުގޭ އިރު ހުޅަނގު ކަންމައްޗާ ހަމަ އަށް ވެސް ވަނީ ބަންދުކޮށްފަ އެވެ.

އަދި އަމީނީމަގުގެ އިރުމަތީކޮޅުން ފެށިގެން މޫންލައިޓްހިނގުމުގެ އިރުދެކުނު ކަނާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާއިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018 ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.

comment ކޮމެންޓް