އުއްމުހާތުލް މުއުމިނީންގެ ތެރެއިން އުއްމުލް މުއުމިނީން: އައްސައްޔިދާ ޙަފްސާ ބިންތި ޢުމަރު ރަޟިޔަ ﷲ އަންހާ (ފަސްވަނަ ބައި)

(4 ފެބްރުއަރީގެ އަދަދާގުޅޭ)

ޢާއްމު އިންސާނަކު، ޙަލާލު އެއްޗެއް އަމިއްލަޔަށް ޙަރާމްކުރުމާ، ނަބީބޭކަލަކު އެފަދަ ކަމެއް ކުރެއްވުމާ ވަރަށް ތަފާތެވެ. ޚާއްޞަކޮށް، އިސްލާމްދީނުގެ ނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަކީ، އެކަންކަމާ އެއްގޮތަށް ޝަރީޢަތުގެ ޤާނޫނުތައް ތަދުވީނުވަމުން އަންނަ ކަންކަން ކަމުގައިވާތީއެވެ. އެހެންކަމުން، އަރަހުށި މާތް اللّـه سبحانه وتعالى ތަންބީހުގެ ގޮތުން ވަޙީކުރެއްވިއެވެ.

"އޭ ނަބިއްޔާއެވެ! اللّـه ކަލޭގެފާނަށް ޙަލާލު ކުރައްވައިފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހިވަޑައިގަތުން ހޯއްދެވުމަށްޓަކައި، ކަލޭގެފާނު ޙަރާމް ކުރައްވަނީ ކީއްވެގެންތޯއެވެ؟ اللّـه އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (التّحريم: 1)

التّحريم ގެ އާޔަތް ބާވައިލެއްވުމުގެ ސަބަބުއްނުޒޫލެއް ކަމުގައި ބައެއް ޢިލްމުވެރީން އެހެން ޙާދިޘާއެއްވެސް ބަޔާންކުރައްވައެވެ. އެކަމަކީ، ކައުސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ (ގިނަ ރިވާޔަތްތަކުގައި ވާގޮތުން، ޖާރިޔާއެއް ކަމުގައިވާ) السيّدة مارية القبطيّة رضى اللّـه عنــها އެކަލޭގެފާނުގެ މައްޗަށް ޙަރާމް ކުރެއްވުމެވެ. އެކަން ކުރެއްވީ، أمّ المؤمنين السّيّدة عائشة رضى اللّـه عنــها އާއި، أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ ބާރުއެޅުއްވުމުގެ ސަބަބުންނެވެ. (ތަފްހީމުލްޤުރުއާން، ޖިލްދު: 6، ޞަފްޙާ: 16) އެވާހަކަފުޅުވެސް ވިދާޅުވިކަމުގައިވަނީ، السّيّدة حفصة ގެ އަރިހުގައެވެ.

ނަމަވެސް، އިސްލާމީ ޢިލްމުވެރީންކުރެ ކުރިޔަށް ތިއްބެވި ގިނަބޭކަލުން ޞައްޙަކަމުގައި ބަޔާންކުރައްވަނީ، ކުރީން ދެންނެވި ޙާދިޘާއެވެ. އާދެ، މާމުއި ޙަރާމްކުރެއްވުމުގެ ވާހަކައެވެ. مارية ގެ ވާހަކައާމެދު ވިދާޅުވަނީ، "އިތުބާރުކުރަން އެކަށީގެންނުވާފަދަ ވާހަކައެއް" ކަމުގައެވެ. الإمام نَسَائىِ ވިދާޅުވާގޮތުގައި، "أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ އަރިހުން ރިވާވެގެން އައިސްފައިވާ މާމުޔާބެހޭ ޙަދީޘަކީ، ނުހަނު ޞައްޙަ ޙަދީޘެކެވެ. مارية ޙަރާމްކުރެއްވި ވާހަކަޔަކީ ރަނގަޅު ގޮތަކަށް ނަކަލުވެފައިވާ ވާހަކައެއް ނޫނެވެ." قاضى عياض ވިދާޅުވެފައިވެއެވެ. "މި އާޔަތަކީ، مارية އާ ބެހޭގޮތުން ބާވައިލެއްވި އާޔަތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މާމުޔާ ބެހޭގޮތުން ބާވައިލެއްވި އާޔަތެކެވެ. ޞައްޙަގޮތަކީ މިއީއެވެ." قاضى أبوبكر بن العربى ވެސް، ޞައްޙަ ކަމުގައި ކަނޑައަޅުއްވައިފައިވަނީ، މާމުއީގެ ވާހަކައެވެ. الإمام نورى އާއި حافظ بدرالدّين عينى ގެ ބަސްފުޅަކީވެސް މިއީއެވެ. إبن همام، فتح القدير ގައި ވިދާޅުވެފައިވެއެވެ. "މާމުއި ޙަރާމް ކުރެއްވުމުގެ ވާހަކަ، ޞަޙީޙައިނީގައި (بخارى އާއި مسلم ގައި) ޚުދު عائشة ގެފާނުގެ އަރިހުން ވަނީ ރިވާވެފައެވެ. އެ ޙާދިޘާއާ ގުޅެނީ، އެކަމަނާއާއެވެ. އެހެންކަމުން، އިތުބާރުކުރަން އެކަށީގެންވާ ވާހަކައަކީ އެއީއެވެ." حافظ إبن كثير ލިޔުއްވައިފައިވެއެވެ. "މިއާޔަތް ބާވައިލެއްވީ، ކައުސާހިބާ އެކަލޭގެފާނުގެ މައްޗަށް މާމުއި ޙަރާމް ކުރެއްވުމުގެ ސަބަބުންނެވެ. ޞައްޙަގޮތަކީ މިއީއެވެ." (ތަފްހީމުލްޤުރުއާން، ޖިލްދު: 6، ޞަފްޙާ: 17)

ތަޙްރީމުގެ ޙާދިޘާގެ ނިބޫ އަނެއް މައްސަލައަކީ، ކައުސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިކަނބަލެއްގެ (السّيّدة حفصة رضى اللّـه عنــها) އަރިހުގައި ވިދާޅުވި ސިއްރެއް، އެބޭކަނބަލަކު އެހެން ބޭކަނބަލެއް (السّيّدة عائشة رضى اللّـه عنــها) ގެ އަރިހުގައި ވިދާޅުވުމެވެ. އަރަހުށި މާތް اللّـه سبحانه وتعالى އެކަލާނގެ ލޮބުވެތި ނަބިއްޔާއަށް ވަޙީގެ ޒަރީޢާއިން އެކަން އެންގެވިއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލެއްގެ އަރިހުގައި ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން ޚަބަރުކުރެއްވިހިނދު، އަދި اللّـه އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު ޚަބަރު ކުރެއްވުމުން، އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ޚަބަރުދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ ޚަބަރު އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ." (التّحريم: 3)

މި އާޔަތުގައިމިވާ "ސިއްރު ވާހަކަ" އަކީ ކޮބައިކަމާމެދު ޢިލްމުވެރީން ދައްކަވައިފައިވާ ވާހަކަފުޅުތައް، މަތީގައި އެވަނީ ބަޔާންކުރެވިފައެވެ. ކޮންމެއަކަސް، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ސިއްރެއް، އެމާތް ސާހިބާގެ ހުއްދައާއި ރުހިވަޑައިގަތުމަކާނުލައި ފާޅުކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންކަމުން، އެ ދެބޭކަނބަލުންނާ ބެހޭގޮތުން މިދަންނަވާ އާޔަތް ބާވައިލެއްވިއެވެ.

"ތިޔަ ދެބޭކަނބަލުން اللّـه އަށް ތައުބާވާނަމަ، (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (ރަސޫލާ އެދިވަޑައިގަންނަވާ ކަންތައްތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ ހަމަކަށަވަރުން اللّـه އީ އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި جبريل ގެފާނާއި، ޞާލިޙު މުއުމިނުންވެސްމެއެވެ. އަދި އެއަށްފަހު، މަލާއިކަތުންވެސް އެކަލޭގެފާނުގެ އެހީތެރީން ކަމުގައިވެއެވެ." (التّحريم: 4)

سورة التّحريم ގެ އިސްވެދިޔަ އާޔަތްތަކުގައި، ކައުސާހިބާގެ ސިއްރެއް ފާޅުކުރެވުމުގެ މައްސަލައިގައި ޝާމިލުވެވަޑައިގަންނަވާ ދެބޭކަނބަލެއްގެ ނަންފުޅު ގެންނަވައިފައެއް ނުވެއެވެ. އެހެންކަމުން، އެ އާޔަތްތައް، ވަޙީގެ ކާތިބުން ލިޔުއްވައި، ޞަޙާބީންނާ ހަމަޔަށް ރައްދުވިއިރު، ޞަޙާބީންނަކަށްވެސް އެއީ ކޮން ދެބޭކަނބަލެއްކަމެއް އެނގިވަޑައިގެންފައެއް ނުވެއެވެ. މިކަމާބެހޭގޮތުން عبد اللّـه بن عبّاس رضى اللّـه عنــهما ގެ އަރިހުން ރިވާވެފައިވާ ވަރަށް ތަފްސީލު ރިވާޔަތެއް الإمام بخارى رحمه اللّـه އެކަލޭގެފާނުގެ ޞަޙީޙުގައި ބަޔާންކުރައްވައިފައިވެއެވެ.

عبد اللّـه بن عبّاس رضى اللّـه عنــهما ވިދާޅުވިއެވެ. "އެ އާޔަތުގައި، އެ ދެބޭކަނބަލެއްގެ ވާހަކަ ބަޔާންކުރައްވައިފައި އެވާ ދެބޭކަނބަލުންނަކީ ކޮން ދެބޭކަނބަލުންނެއްތޯ عمر بن الخطّاب رضى اللّـه عنــه ގެ އަރިހުން އޮޅުންފިލުވަން ޤަޞްދުކޮށްގެން، ދުވަސްތަކެއް ވަންދެން އަހަރެން ހުރީމެވެ. އެހެންހުއްޓައި، އަހަންނަށް ތަންވަޅެއް ލިބުނެވެ. عمر ގެފާނު ޙައްޖު ދަތުރުފުޅެއް ކުރެއްވިއެވެ. އަހަރެންވެސް އެދަތުރުފުޅުގައި ބައިވެރިވީމެވެ. عمر ގެފާނު ކޮންމެވެސް ބޭނުންފުޅަކު ޖަންގައްޔާ ދިމާއަށް ވަޑައިގެންފައި އެނބުރިވަޑައިގެން، ވުޟޫކުރައްވަން ބޭނުންފުޅުވިހިނދު އަހަރެން ފެން ހޯދައިދިނީމެވެ. އެކަލޭގެފާނު ވުޟޫކުރައްވަން އަތްޕުޅަށް ފެންއަޅައިދޭންހުރެފައި އަހަރެން ދެންނެވީމެވެ. "ތިޔަ ދެބޭކަނބަލުން اللّـه އަށް ތައުބާވާނަމަ" އެވެ. އަންގަވައިފައިއެވާ ދެބޭކަނބަލުންނަކީ ކޮބައިތޯއެވެ؟

عمرالفاروق ވިދާޅުވިއެވެ. "ކަލޭގެފާނާމެދު ޢަޖާއިބުވެއްޖައީމެވެ. އެއީ ކޮން ދެބޭކަނބަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނުވޭތޯއެވެ. އެއީ، حفصة އާއި عائشة އެވެ."

السّيّدة حفصة بنت عمر رضى اللّـه عنــها އާއި السّيّدة عائشة بنت أبى بكر رضى اللّـه عنــها އާ ދެބޭކަނބަލުންގެ މެދުގައި ޢާއްމުކޮށް އޮންނަނީ ދެ އުޚުތެއްގެ ދެމެދުގައި އޮންނަފަދަ ލޯތްބާއި އުޚުއްވަތުގެ ގުޅުމެކެވެ. ވަރަށްގިނަފަހަރަށް ވަރަށްގިނަ ކަންތައް ކުރައްވަނީ، އެދެބޭކަނބަލުން މަޝްވަރާ ކުރައްވައިގެންނެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، މާމުއި ޙަރާމްކުރެއްވުމާއި، ކައުސާހިބާގެ ސިއްރެއް ބޭޒާރު ކުރެއްވުމުގެ މައްސަލައަކީ މިގޮތުން އެ ދެބޭކަނބަލުން މަޝްވަރާ ކުރައްވައިގެން ނިންމެވި ދެ ނިންމެވުމެވެ.

އެއްފަހަރަކު أمّ المؤمنين السّيّدة حفصة بنت عمر އާއި، أمّ المؤمنين السّيّدة عائشة بنت أبى بكر އާ ދެބޭކަނބަލުން، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދަތުރުފުޅެއް ކުރެއްވިއެވެ. ރޭގަނޑުގެ ދަތުރުފުޅުގައި ކައުސާހިބާ صلّى اللّـه عليه وسلّم ދަތުރުކުރައްވަނީ، أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ޖަމަލުކޮޅާ އެއްހަމައެއްގައި، އެ ޖަމަލުގެ ކައިރީންނެވެ. އެއްދުވަހަކު أمّ المؤمنين السّيّدة حفصة رضى اللّـه عنــها، أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ އަރިހުގައި ވިދާޅުވިއެވެ. ކަމަނާ މިރޭ އަޅުގަނޑުގެ ޖަމަލުގައި ދަތުރުކުރައްވާށެވެ. އަޅުގަނޑަށް ކަމަނާގެ ޖަމަލު ދެއްވާށެވެ. މިގޮތަށް ވާހަކަ ދައްކަވައި، އެއްބަސްވެވަޑައިގެން، ޖަމަލު ބަދަލުކޮށްލެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، عائشة ގެފާނުގެ ޖަމަލުގެ ކައިރިޔަށް ވަޑައިގެންނެވުމުން، އެ ޖަމަލު މަތީގައިވާ ދޮޅިދާންކޮޅުގައި އިންނެވީ حفصة ކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް، ކައުސާހިބާ صلّى اللّـه عليه وسلّم އެރޭ ދަތުރުކުރެއްވީ، އެ ޖަމަލާއެކުގައެވެ. އެކަމާ عائشة ގެފާނު ވަރަށް ދެރަފުޅުވިއެވެ.

އީލާއާއި ތަޚްޔީރުގެ މައްސަލަ

ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުން، އެބޭކަނބަލުންގެ ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި އިޙްތިޖާޖުގައި، أمّ المؤمنين السّيّدة حفصة رضى اللّـه عنــها ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެވާހަކަ އަޅުގަނޑު ވާނީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ޙަޔާތްޕުޅާ ބެހޭގޮތުން އަޅުގަނޑު ލިޔުނު މަޒުމޫނެއްގައި ތަފްސީލުކޮށް ބަޔާންކޮށްފައެވެ. عمر بن الخطّاب رضى اللّـه عنــه އެ މައްސަލައިގެ ތެރޭގައިވަނީ السّيّدة حفصة އަށް ވިސްނައިދެއްވައި، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުން އެއްވެސްކަހަލަ ނަފަޤާތަކަށް އެދިވަޑައިނުގަންނަވަން އެކަމަނާ ލައްވައި ވަޢުދުކުރުއްވައިފައެވެ. السّيّدة حفصة رضى اللّـه عنــها ވަރަށް ރަނގަޅަށް އެ ވަޢުދު ފުއްދެވިއެވެ.

(ނުނިމޭ)

comment ކޮމެންޓް