ފުރަތަމަ ޕާކިން ޒޯން، ދެން ސްޓިކާ!

އިސްލާމީ މަރުކަޒު ސަރަހައްދު ކައިރިން ދެކޮޅަށް ދުއްވޭ ގޮތަށް ހެދި މަގުތަކުގައި ޓުރެފިކް ފުލުހުން ހަރަކާތްތެރިވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާޒީ ބިލްޑިންގައި ހުންނަ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކުރާ ހުސައިން ހަމީދު، 23، އަށް މި ވަނީ މާބޮޑު ކަމެއް ލައްވާލާފަ އެވެ. މަޖުބޫރުވެގެން ކުރެވޭ ކުށަކާހުރެ އޭނާ އެ ވަނީ ދަރަނިވެރިވާން ކައިރިވެފަ އެވެ. މި ދައްކަނީ ޓުރެފިކްގެ ގަވައިދާ ހިލާފުވެގެން ޖަހާ ސުޓިކާތަކުގެ ވާހަކަ އެވެ.

ރަސްމީ ކޮންމެ ދުވަހެއްގެ 8:00 ޖަހާއިރު ހުސެއިން އޮފީހަށް ދާއިރު އޭނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ސައިކަލް ޕާކް ކުރާނެ ތަނެކެވެ. އެންމެ ފަހުން ގަޑި ނުޖެހި އޮފީހަށް ވަނުމަށް ޓަކައި އޭނާ އަށް މަޖުބޫރު ވަނީ ގަވައިދާ ހިލާފަށް ސައިކަލް ޕާކް ކުރާށެވެ. ނަތީޖާއަކީ ކޮންމެ ދުވަހެކޭ ކިޔާހެން ސައިކަލުގައި ސްޓިކާޖެހުމެވެ.

"ދެން ގޮތެއް ނެތިގެން ގަޑި ނުޖެހެންވެގެން ކޮންމެ ވެސް ދޭތެރެއަކަށް ސައިކަލް ކޮށްޕާލާފައި އަވަސްވެ ގަންނަނީ ފިންގާ ޖެހުމަށް އޮފީހަށް ވަނުމަށް. ދެން ނުކުންނަ އިރު އޮންނަނީ ސްޓިކާ ޖަހާފައި. ހީވަނީ ފުލުހުން ހަމަ ބަލައިގެނޭ ހުންނަނީ، މީދެން ކިހާބޮޑުވެއްޖެ ކަމެއް،" ހުސެއިން ބުންޏެވެ.

އެތައް މުވައްޒަފުންނެއް ޖޫރިމަނާވެފައި

ހުސެއިންނަށް އެ ދިމާވާ މައްސަލައަކީ އެތައް ބަޔަކަށް ދިމާވަމުން އަންނަ ކަމެކެވެ. ވެލާނާގެ އާއި އެ ސަރަހައްދުގައި ހުންނަ އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި މާލޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ވެސް އެ ދައްޗާ އެ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

އެ ހިސާބަށް ދާންޖެހޭ ހަގީގީ ސަބަބަކީ މާލޭގެ ދުއްވާ އުޅަނދުތަކާއި އެއްވަރަށް ވެހިކަލް ޕާކް ކުރާނެ ޖާގަނެތުމެވެ. އޮފީސްތަކާއި ބޭންކް ފަދަ ތަންތަނަށް ދާ މުވައްޒަފުންނާއި ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ އުޅަނދުތައް ޕާކް ކުރާނެ ޖާގައެއް ވެރިރަށް މާލެއިން ފޯރުކޮށްދެވިފައެއްނުވެ އެވެ. އެ ޖާގަ ހޯދާ ނުދެވޭއިރު ފުލުހުން އަމަލު ކުރަމުން މިދާ ގޮތަކީ ނުގަވައިދުން ޕާކްކޮށްފައި ހުންނަ ނަމަ ސްޓިކާޖެހުމެވެ. މީގެ ދެރަކަމަކީ ޕާކް ކުރާނެ ޖާގަ ދައުލަތުން ފޯރުނުކޮށްދީ ސްޓިކާ ޖަހާކަމެވެ.

"ހަގީގަތުގައި އެއީ އެއްވެސް ގޮތެއް ނޫން ދޯ، އަހަރެމެން ހިދުމަތް ހޯދަން ދާއިރު ނުވަތަ ގެއަށް އަރަން ބަލާއިރު ޒޯންއިން ޖާގައެއް ނުލިބޭ މަދު ފަހަރެއްގަ ނޫނީ، ދެން ޖާގަ އޮތްތަނެއްގައި ނުގަވައިދުން ޕާކްކުރީމަ ސްޓިކާ ޖެހިޔަސް އޯކޭ ކަންނޭންގެ، އެކަމަކު ޖާގަނެތިސް ޖަހައިގެން ނުވާނެދޯ،" މުހައްމަދު ޝިހާމް ބުންޏެވެ.

ޕާކްކުރާނެ ޖާގަ ދައްކަން ޖެހޭ

ކޮންމެ ކަމަކީ ވެސް ދެކޮޅަށް ހަމަހަމަކޮށް ކުރަންޖެހޭ ކަމަކަށްވާއިރު އުޅަނދު ޕާކް ކުރާނެ ޖާގަ ނުދައްކައި ސްޓިކާ ޖަހަމުން ދިއުމަކީ ވަރަށް ވެސް ބޮޑު ބޭއިންސާފެކެވެ. ވަޒީފާ އާއި ހިދުމަތްތައް ހޯދުމަށް ދާ ހިސާބުތަކުގައި ޖާގަ ހުރެ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް އާންމުން ކޮންމެހެން ދާން ޖެހޭ ހިސާބުތަކުން ޕާކްކުރާނެ އެކަށިގެންވާ ވަސީލަތެއް ގާއިމްނުކޮށް ސްޓިކާޖަހައި މީހުންގެ އަތުން އިންތިހާ އަށް ފައިސާ ނެގުމަކީ ހިތާމަ ހުރިކަމެކެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ޕާކް ކުރެވޭނެ ރަނގަޅު ގޮތްތަކެއް އެބަ ކަނޑައަޅަން ޖެހެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ޓުރެފިކް އުސޫލަށް ހައްލެއް ގެނައުމަށް ޕާކް ކުރާނެ ރަނގަޅު އުސޫލެއް ގާއިމް ކުރެވެން ޖެހެ އެވެ. އެހެންކަމުން މި އަހަރުތެ ރޭ ޕާކްކުރާނެ ސަރަހައްދުތަކެއް ގާއިމް ކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ބައެއް ބިންތައް ހައުސިން ޕުރޮޖެކްޓްގެ ތެރެއިން ހުސްވެ، ދައުލަތަށް ލިބިފައިވާ ކަމަށާއި އެކަހަލަ ތަންތަނުގައި ޕާކިން އޭރިއާތައް ހެދުމަށް ނިންމާފައިވާ ކަމަށާއި އޭގެން އެދެވޭ ނަތީޖާ ނުކުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕާކް ކުރާނެތަން ނުދައްކާ ކުރަމުން ޖަހަމުން އަންނަ ސުޓިކާތަކުގެ ސަބަބުން އެތައް ބަޔަކަށް އެ ވަނީ އެތައް ދަށްޗަކާ ކުރިމަތިލާން ޖެހިފަ އެވެ. ޓުރެފިކް މައްސަލަތަކުގެ ވާހަކަ ދައްކާ އިރު ހިތާމައަކީ ހަގީގީ މައްސަލައިގެ ވާހަކަ ނުދައްކާތީ އެވެ. ހަގީގީ ހައްލަކަށް ވެގެންދާނީ މާލޭގައި ދުއްވޭ އުޅަނދާއި މާލޭގެ ބިމުގެ ޖާގަ އާއި އެއްވަރަށް ލިމިޓެއް ގެންގުޅުމެވެ. މާލެ ވަށައިގެން ފަސް ކިލޯމީޓަރު ހަމަވާއިރު މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދެ އެވެ. އެއީ މާލޭގައި ޕާކް ކުރަން ހަދާފައިވާ ޖާގަތަކާއި އަދި ހެދެން ހުރި ޖާގަތަކާ ވެސް އެކަށީގެންވާ މިންވަރަކަށް ނުވެ އެވެ.

ހަގީގަތަކީ ސްޓިކާއަށް މިހާރު ނެގޭ ޖޫރިމަނާއަކީ ބޮޑު އަދަދެއް ކަމަށް ފުލުހުން ވެސް އަދި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވެސް ގަބޫލު ކުރުމެވެ. އެހެން ކަމުން މިހާރު ޖޫރިމަނާގެ ގޮތުގައި ނަގާ 250 ރުފިޔާ އާއި 750 ރުފިޔާގެ ޖޫރިމަނާއެ އަށް ވުރެ ކުޑަކޮށް އެ ކުށް ތަކުރާރު ކުރާ ފަރާތްތަކާ މެދު ހަރުކަށި އަދަބެއް ދޭގޮތަށް އުސޫލް ބަދަލު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ފެނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ދެކިވަޑައިގަންނަވާ ގޮތުގައި މާލޭގެ ޓުރެފިކް ހައްލުކުރުމަށް ސްޓިކާ ޖެހުމަކީ އޭގެ ހައްލެއް ނޫނެވެ.

"މި މައްސަލަ ހައްލެއް ނުކުރެވޭނެ ސްޓިކާ ޖަހައިގެނެއް، މިއީ 100 ޕަސެންޓް ޔަގީން ކުރެވޭކަމެއް،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ޓުރެފިކްގެ މައްސަލަ ހައްލުކުރެވެން އޮތީ މައިގަނޑު ދެ މައްސަލައެއް ހައްލުކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އާއި ނުކަތާވަރަށް އުޅަނދު ގިނަވުން ހައްލުކުރުމާއި އުޅަނދުތައް ގަވައިދުން ޕާކް ކުރާނެ ޖާގަ ތަނަވަސްކޮށްދިނުމެވެ.

ހެޑް އޮފް ޓުރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް އަމާން ކުރަން ބޭނުންނަމަ މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު ކޮންޓުރޯލް ކުރަން ޖެހެ އެވެ. ހަމައެހެންމެ ތަކުރާރުކޮށް ޓުރެފިކް ގަވައިދާއި ހިލާފްވާ ފަރާތްތައް ފުލުހުންގެ ހައްޔަރަށް ގެނެވޭނެ އުސޫލްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކަންކަން މިހާ ހިސާބަށް ގޮސްފައިވާއިރު އަމަލު ކުރާތަން މި ފެންނަނީ ވަރަށް ވެސް ހެއްވާ ގޮތަކަށެވެ. ކޮންމެ ވެހިކަލަކުން އަހަރީ ފީ އާއި އެހެނިހެން ފީތައް ނަގާއިރު އެ އުޅަނދުތައް ޕާކް ކުރާނެ ޖާގައެއް ނެތެވެ. އޭގެ ބަދަލުގައި މި ފެންނަނީ ބައެއް ފަރާތްތައް ޖޫރިމަނާ ކުރާތަނެވެ. މިކަމަކީ ދެކޮޅު ޖެހޭ ކަމަކަށް ހަދަންޖެހެ އެވެ. ކަންކަން ހައްލު ކުރުމަށް ޕޮލިސީތައް ހަދައި އެއަަށް އަމަލު ކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކަމެކެވެ.

comment ކޮމެންޓް