އުއްމުހާތުލް މުއުމިނީންގެ ތެރެއިން އުއްމުލް މުއުމިނީން: އައްސައްޔިދާ ޙަފްސާ ބިންތި ޢުމަރު ރަޟިޔަ ﷲ އަންހާ (ހަތަރުވަނަ ބައި)

(01 ފެބްރުއަރީގެ އަދަދާ ގުޅޭ)

عمر الفاروق رضى اللّـه عنــه ނުހަނު އުފާފުޅުން أبوبكر رضى اللّـه عنــه އާމެދު ހިތްޕުޅު ސާފުކުރައްވަމުން، އަންނަނިވި އާޔަތް ވިދާޅުވިއެވެ.

"މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ ފަޟުލުވަންތަކަމުންނެވެ. (އެއީ) އަހުރެން ނިޢުމަތަށް ޝުކުރުކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ޝުކުރުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ އެ ޝުކުރުކުރާކަން ކަށަވަރީ، ހަމަ އޭނާގެ އަމިއްލަ ނަފުސަށެވެ. އަދި (ނިޢުމަތަށް) ދެކޮޅުހަދާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އަހުރެންގެ ވެރި ރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ. (النّمل: 40)

أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ ކާވެނިފުޅަށްފަހު، އެކަމަނާ އިތުރު ސާހިބާގެ ގަނޑުވަރަށް ފުރާތަކުރެއްވުމުގެ ކުރީން، عمر رضى اللّـه عنــه ލޮބުވެތި ދަރިކަނބަލުންނަށް ހެޔޮހައި ނަސޭހަތާއި ވަސޭހަތް ދެއްވިއެވެ. عمر ގެފާނު ވިދާޅުވިއެވެ. "ލޮބުވެތި ދަރިފުޅާއެވެ! ދަރިފުޅު ތިޔަ ދަނީ ދެދުނިޔޭގެ ސާހިބާގެ ގަނޑުވަރަށެވެ. އެމާތް ސާހިބާގެ އަރިހުގައި އުޅޭއިރު ފުރިހަމަ އަދަބު އިޙްތިރާމާއި ކިޔަމަންތެރިކަމާއެކު އުޅޭށެވެ! السّيّدة عائشة رضى اللّـه عنــها އާ ވާދަކުރަން މަސައްކަތް ނުކުރާށެވެ. އެކަމަނާ ދަރިފުޅަށްވުރެ މާހެޔޮކަން ބޮޑެވެ. އެކަމަނާއަށް ހިތުގެ އަޑީން ކަމޭހިތާށެވެ. ބައްޕަގެ މިނަސޭހަތް ދުވަހަކުކޮޅުންވެސް ހަނދާންނައްތައި ނުލާށެވެ. ދަރިފުޅުގެ ނަސީބު ވަރަށް ރަނގަޅެވެ. އުފަލުން، ހިތްހަމަޖެހިގެން ހުންނާށެވެ!"

أمّ المؤمنين السّيّدة حفصة رضى اللّـه عنــها ކާވެނިފުޅަށްފަހު، އިތުރު ސާހިބާގެ ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އާއި އެކަމަނާގެ ގޭތެރޭގެ ދިރިއުޅުއްވުން ވަރަށް އޮމާނެވެ. أمّ المؤمنين السّيّدة حفصة رضى اللّـه عنــها އިތުރު ސާހިބާގެ ގަނޑުވަރަށް ވަޑައިގެންނެވިއިރުވެސް، ހިސާބަކަށް ލިޔުއްވައި ކިޔުއްވަން ދެނެވަޑައިގަންނަވައެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އިސްލާމީ އުންމަތުގެ މުޢައްލިމާއެއްގެ ޙައިޘިއްޔަތުން އެކަމަނާ ތަރުބިޔަތު ކުރައްވަން ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. އިސްލާމީ އުންމަތުގެ އަންހެންދަރީން ޢިލްމުގެ ގަހަނާއިން ޒީނަތްތެރި ކުރެއްވުމަކީ، އިތުރު ސާހިބާ ނުހަނު އަހަންމިއްޔަތު ދެއްވި މުހިންމަތެކެވެ. عدىّ ވަންހައިން حفصة ގެ ދައިތާފުޅެއް ކަމުގައިވާ السّيّدة شفّاء بنت عبد اللّـه رضى اللّـه عنــها އާ، حفصة އަށް އިތުރަށް އުނގަންނައިދެއްވުމާ ޙަވާލުކުރެއްވިއެވެ. أمّ المؤمنين އަކީ އެކަމަނާގެ ލޮބުވެތި ބައްޕާފުޅު ފަދައިން ނުހަނު ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. ކަންކަން އަވަހަށް ފަހުމުކުރެއްވޭ ބޭކަނބަލެކެވެ. އެހެންކަމުން، ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް އުނގެނިވަޑައިގެންނެވިއެވެ. ކީރިތި ޤުރްއާނުން ބާވައިލައްވަމުން ގެންދަވާ ހުރިހާ ބައިތަކެއް، ކައުސާހިބާގެ އިރްޝާދާ އެއްގޮތަށް ތަރުތީބުކުރައްވައި ބަލަހައްޓަވަމުން ގެންދެވުމުގެ ޤާބިލުކަން ވަރަށް އަވަހަށް ހޯއްދެވިއެވެ. ކީރިތި ޤުރްއާނުން ބާވައިލައްވާ ހުރިހާ އާޔަތްތަކެއް ދަސްކުރައްވަމުން ގެންދެވުމަކީ، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެންނެވުމުގެ ކުރީންވެސް أمّ المؤمنين ނުހަނު ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދެވި ކަމެކެވެ.

އިސްލާމްދީނުގެ އެންމެހައި ޙުކުމްތަކާއި، މުޢާމަލާތުތަކާއި، މައްސަލަތަކުގެ އެންމެފުނަށް ފީނާވަޑައިގެން، އެކަންކަމުގެ ބަތާނަފުށަށް ދަންދެން އޮޅުންފިލުއްވުމަކީ، أمّ المؤمنين السّيّدة حفصة رضى اللّـه عنــها ވަރަށް ބޮޑަށް ކުރައްވާހިތްޕުޅުވާ ކަމެކެވެ. އެހެންކަމުން، ކައުސާހިބާ صلّى اللّـه عليه وسلّم އާ ވަރަށްގިނައިން ސުވާލު ކުރައްވައި އުޅުއްވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު، އެކަމަނާއަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. މިގޮތުން އެދެމަފިރިކަނބަލުންގެ މެދުގައި ހިނގައިދިޔަ ޙާދިޘާއެއް، ސީރަތު ފޮތްތަކުގައި ރިވާވެފައިވެއެވެ.

جابر بن عبد اللّـه الأنصارى رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި أمّ مبشّر رضى اللّـه عنــها ވިދާޅުވިއެވެ. ތިމަން ކަމަނާ އެއްދުވަހަކު حفصة بنت عمر ގެ އަރިހުގައި، އެކަމަނާގެ ކޮޓަރިކޮޅުގައި އިންނެވީމެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ވެސް ވަޑައިގެން އިންނެވިއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ބަދުރުގެ އަހްލުވެރީންނާއި، (ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންނާއި) ޙުދައިބިއްޔާގެ އަހްލުވެރީން (ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުން) ނަރަކައަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެކަމަށް، ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ. أمّ المؤمنين السّيّدة حفصة بنت عمر ވިދާޅުވިއެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ! ތިޔަފަދައިންވާނީ ކިހިނަކުންތޯއެވެ؟ އަރަހުށި މާތް اللّـه ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.

"އަދި ތިޔަބައިމީހުންކުރެ ނަރަކަމަތީން ލައިފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވައިފައިވާ ކަމެއްކަމުގައިވިއެވެ." (مريم: 71)

އިންސާނިއްޔަތުގެ މުޢައްލިމް صلّى اللّـه عليه وسلّم ޖަވާބު ދެއްވިއެވެ. އާނއެކެވެ. އެކަމަކު އޯގާވަންތަ، ރަޙީމުވަންތަ މާތް اللّـه ކީރިތި ޤުރްއާނުގައި މިފަދައިންވެސް ވަޙީކުރައްވައިފައިވެއެވެ.

"ދެން ތިމަންރަސްކަލާނގެ ތަޤްވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ." (مريم: 72)

މި ޙާދިޘާގެ ޚަބަރު، މަދީނާގައި ޢާއްމުވިއެވެ. عمر الفاروق رضى اللّـه عنــه އަށް، އެ ޙާދިޘާގެ ޚަބަރު ލިބިވަޑައިގެންނެވުމުން، އަވަސްއަވަހަށް ވަޑައިގެން، أمّ المؤمنين السّيّدة حفصة رضى اللّـه عنــها އަށް ނަސޭހަތްޕުޅު އެރުއްވިއެވެ.

"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު ތިޔަގޮތަށް ސުވާލުކޮށް، ޖަވާބު އަރުވައި ތިޔަހަދަނީ، މާތް اللّـه ގެ ލޮބުވެތި ނަބިއްޔާ صلّى اللّـه عليه وسلّم އަށެވެ. އެކަލޭގެފާނު ދެއްވާ އިރުޝާދުތައް، އަދަބުވެރިކަމާއެކު އަޑުއަހައި، ދަސްކޮށް ހަދާށެވެ. ތިޔަގޮތަށް ޖަވާބު އަރުވައި ނަހަދާށެވެ."

حفصة رضى اللّـه عنــها ވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ! عائشة ވެސް މިގޮތަށް ސުވާލު ކުރައްވައި ޖަވާބު އަރުއްވައި ހައްދަވައެވެ."

عمر ގެފާނު ވިދާޅުވިއެވެ. "ދަރިފުޅުގާތު އެންމެ ފުރަތަމަ ދުވަހުވެސް ބައްޕަ ވާނީ ބުނެފައެވެ. عائشة ކޮޕީކުރަން ނުއުޅޭށެވެ. އެކަމަނާއާ ވާދަޔަށް ދުވަން ނަހަދާށެވެ. ފަހަރެއްގައި ދަރިފުޅަށް ގެއްލުމެއް ލިބިދާނެއެވެ. އަބަދުވެސް އަދަބު އިޙްތިރާމާއި ކިޔަމަންތެރިކަން ޚިޔާރު ކުރާށެވެ."

ކައުސާހިބާގެ ސިއްރެއް ފާޅުކުރެއްވުމާއި، ތަޙްރީމުގެ މައްސަލަ

أمّهات المؤمنين ގެ ތެރެއިން السّيّدة سودة بنت زمعة رضى اللّـه عنــها އާއި، السّيّدة عائشة بنت أبى بكر رضى اللّـه عنــها އާއި، السّيّدة حفصة بنت عمر رضى اللّـه عنــها އާއި، السّيّدة أمّ سلمة رضى اللّـه عنــها އާއި، السّيّدة أمّ حبيبة رضى اللّـه عنــها އަކީ ޤުރައިޝުވަންހައިގެ ބޭކަނބަލުންނެވެ. ދެން ތިއްބެވި ބޭބޭކަނބަލުންނަކީ، އެހެނިހެން ޤަބީލާތަކުގެ ބޭކަނބަލުންނެވެ. ޤުރައިޝުވަންހައިގެ ބޭކަނބަލުންގެ މެދުގައި ޚާއްޞަ އެއްބައިވަންތަކަމެއް އޮވެއެވެ. ވަކީން ޚާއްޞަ ގޮތެއްގައި، سودة އާއި، عائشة އާއި، حفصة އާ ތިންބޭކަނބަލުންގެ ގުޅުން ބޮޑެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم ގެ އާދަފުޅަކީ، ކޮންމެ ދުވަހަކުވެސް، ޢަޞުރު ނަމާދަށްފަހު، ހުރިހާ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކަށް ވެދެވަޑައިގެން، އިރުކޮޅެއް ހޭދަކޮށްލެއްވުމެވެ. އެބޭކަނބަލުންގެ ހާލުކޮޅު އޮޅުންފިލުއްވައި، މުހުތާދުފުޅެއް އޮތްތޯ ބައްލަވައިލެއްވުމެވެ. ހުރިހާ أمّهات ންވެސް ތިއްބަވަނީ، އެވަގުތުކޮޅުގެ އިންތިޒާރުގައެވެ. އެއްދުވަސްވަރަކު ދިމާވި ކަމެކެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ގެ ކޮޓަރިކޮޅުގައި ތަންކޮޅެއް ގިނައިރު މަޑުކޮށްލައްވައެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ހިތްޕުޅުގައި، ކައުސާހިބާ صلّى اللّـه عليه وسلّم ގެ މައްޗަށް އޮންނަ ލޯބިފުޅުގެ ސަބަބުން، އެކަމާމެދު ހަހުރަ އުފެދި، السّيّدة سودة އާއި، السّيّدة حفصة އާ އެކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެ ތިންބޭކަނބަލުން އެކަމުގެ ސަބަބު ހޯއްދެވުމުން އެނގިވަޑައިގަތީ، السّيّدة زينب ގެ ތިމާގެފުޅު ބޭފުޅަކު، އެކަމަނާއަށް ވެދުމަކަށް މާމުއި ފޮނުއްވީކަމެވެ. އެކަމަނާ ކައުސާހިބާއަށް މާމުއި ހިއްޕަވަން އެރުވުމުން، މާމުއި ހިއްޕެވުމަށްޓަކައި އެކަމަނާގެ ކޮޓަރިކޮޅުގައި ތަންކޮޅެއް ލަސްވަނީކަމެވެ. މާމުޔަކީ، ކައުސާހިބާ صلّى اللّـه عليه وسلّم އަށް ވަރަށް މީރުފުޅު އެއްޗެކެވެ. އިތުރު ސާހިބާއާމެދު ބަހައްޓަވާ އަދަބު އިޙްތިރާމުގެ ސަބަބުން، އެބޭކަނބަލުންނަށް އެކަމާ ސީދާ ވާހަކަ ދައްކަވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން، އެ ތިންބޭކަނބަލުންނާއި، أمّ المؤمنين السّيّدة صفيّة އާ ހަތަރު ބޭކަނބަލުން އެއްބަސްވެވަޑައިގަތީ، ކައުސާހިބާ صلّى اللّـه عليه وسلّم އެބޭކަނބަލެއްގެ ކޮޓަރިކޮޅަށް ވަޑައިގަތުމުން، އިތުރު ސާހިބާގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ވާހަކަ ދެންނެވުމަށެވެ. މަޣާފީރަކީ، ޒަވި ވަހެއް ހުންނަ މަލެކެވެ. މާމުއި ކުޅަނދުރު އެމަލުން ފޮނުބުއިމުން، ބައެއްފަހަރު، މާމުއިގައިވެސް އެވަސް ހުންނަ ކަމުގައިވެއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އަނގަފުޅު ހުޅުއްވައިލެއްވުމުން، ފަޒާ އެއްވަސްވަނީ، ހުވަނދު ވަހުންނެވެ. އެހެންކަމުން، އިތުރު ސާހިބާގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ކަމުގައި، ހަތަރު އަނބިކަނބަލަކު ވިދާޅުވުމުން، އިތުރު ސާހިބާ ކަނޑައެޅުއްވީ، އެއީ މާމުއިގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. އިތުރު ސާހިބާއަކީ ސާފުތާހިރުކަމަށް ނުހަނު ލޯބިކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިކޮޅުން ޒަވި ވަހެއް ދުވުމަކީ، ހިތްޕުޅާ ހަމަކުރެއްވޭފަދަ ކަމަކަށް ނުވެއެވެ. އެހެންކަމުން، ހުވާގެ ޢިބާރަތް ބޭނުންކުރައްވަމުން، މާމުއި ފަރީއްނުކުޅުއްވާނެ ވާހަކަ ވިދާޅުވިއެވެ. އެވާހަކަ ވިދާޅުވިކަމުގައިވަނީ، أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ އަރިހުގައެވެ. އެކަން ސިއްރު ކުރައްވަން އަންގަވަމުންނެވެ. އިތުރު ސާހިބާ އެކަން ސިއްރު ކުރައްވަން ބޭނުންފުޅުވީ، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها ގެ ހިތްޕުޅުގައި ޖެހިވަޑައިގެންފާނެތީއެވެ.

(ނުނިމޭ)

comment ކޮމެންޓް