އާމާލް ކްލޫނީ، ފައިސާއަށް ޓަކައި ހިތްވަރާ އެކު މަސައްކަތް ކުރާ މީހެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލު އާމާލް ކްލޫނީ ޑައުނިން ސްޓްރީޓް ނަމްބަރު10ގެ ބޭރުގައި. ފޮޓޯ: ޑެއިލީ މެއިލް

(މިއީ އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީ މޯނިން ހެރަލްޑް ނޫހަށް އެނޫހުގެ ކޮލަމްނިސްޓް ޕައުލް ޝީހާން އިއްޔެ ލިއުއްވާފައިވާ ކޮމެންޓެއްގެ ތަރުޖަމާއެކެވެ.)

އާމާލް ކްލޫނީ އަކީ ފައިސާއަށް ޓަކައި ހިތްވަރާ އެކު މަސައްކަތް ކުރާ މީހެކެވެ. އޭނާއަކީ ވަކީލެކެވެ. ޖޯޖް ކްލޫނީގެ ލޯބިވެރިޔާ އަދި އަންހެނުންގެ ހައިސިއްޔަތުން އޭނާ ވެފައި ވަނީ ދުނިޔޭގެ ސަމާލުކަން ދަމައިގަންނަ މީހަކަށެވެ. އެގޮތުން (މީޑިއާއިން) އޭނާ ހަދާފައި ވަނީ ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލަކަށެވެ. އަނިޔާ ލިބިފައިވާ މީހުންނަށް ޓަކައި އިންސާނީ ހައްގުތަކުގެ ހަނގުރާމައެއް ކުރާ މީހަކަށެވެ.

ކްލޫނީ އަކީ އޮކްސްފޯޑް( ޔުނިވާސިޓީ) އިން ކިޔަވައިގެން ހުރި، ފީ ނަގާ، އިންސާނީ ހައްގުތަކުގެ ދެ ފަރާތަށް ވެސް މަސައްކަތްކޮށްދޭ ވަކީލެއް ވެސް މެ އެވެ.

އޭނާގެ ހިދުމަތް ހޯދަން އެންމެ ފަހުން އައިމީހާގެ ދިފާއުގައި މަސައްކަތްކުރުމުގައި އޭނާ ވަނީ ސުވާލު އުފެދޭ ފަދަ އަޑުތަކެއް އުފުލާފަ އެވެ. ތިބާގެ ހިދުމަތް ހޯދާ މީހާގެ ކުށެއް ނެތްކަމަށް ދައުވާ ކުރުމަކީ އެއް ކަމެކެވެ. އެކަމަކު ހަގީގަތްތައް އޮޅުވާލުމަކީ އަދި އެހެން ކަމެކެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހު ދަ ގާޑިއަން އަށް ލިއުނު ހިޔާލުފާޅުކުރުމުގެ ލިއުމެއްގައި ލިޔެފައި ވަނީ، އޭނާގެ ހިދުމަތްހޯދާ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން ދުރުކޮށްފައި ވަނީ ހަތިޔާރާ އެކު ކުރި ބަޣާވާތަކުން ކަމަށެވެ. "އޭނާގެ ރައީސްކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރުކޮށްލާފައި ވަނީ ބަޑި ދިއްކޮށްގެން އިސްތިއުގާ ދިނުމަށް މަޖުބޫރުކުރުވައިގެންނެވެ،"

ނަޝީދަކީ ޑިމޮކްރަސީގެ ޝަހީދެއްކަމަށް ހެދުމުގެ މަސައްކަތުގެ މައިގަނޑު އެއް ބަޔަކީ މިއެވެ.

ނަމަވެސް ނަޝީދު މަގާމް ދޫކޮށްލެއްވި ހާދިސާ ތަހުގީގުކުރި ނެޝަނަލް އިންކުއަރީ ކޮމިޝަނަށް، އެމަނިކުފާނު ވެރިކަމުން ދުރުކޮށްފައި ވަނީ ބަޣާވާތަކުން ކަމުގެ އެއްވެސް ހެއްކެއް ނުހޯދެ އެވެ. އެކޮމިޝަނަށް އިރުޝާދުދީފައި ވަނީ ނިއުޒީލޭންޑްގެ އެޕީލްކޯޓްގެ ކުރީގެ ފަނޑިޔާރެކެވެ. ސިންގަޕޫރުގެ ސުޕްރީމްކޯޓްގެ ފަނޑިޔާރެކެވެ. އަދި ޔުނިވާސިޓީ އޮފް އޮޓާވާގައި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ.

ކޮމިޝަނަށް ހޯދިފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު މެންދު ފަހު 1.43ގައި ނަޝީދު އަމިއްލަފުޅު އިހުތިޔާރުގައި އިސްތިއުފާދެއްވި ކަމެވެ. އެމަނިކުފާނު އިސްތިއުފާދެއްވުމުގައި ބާރުގެ ބޭނުން ކޮށްގެން މަޖުބޫރުކޮށްފައި ނުވާ ކަމެވެ. އޭނާގެ މަގާމު ފުރުއްވުމަށް ވަޑައިގެންނެވި ބޭފުޅާ އަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރެވެ.

ކުރީގެ ނޫސްވެރިއެއް ކަމަށްވާ ނަޝީދު ޖެހިގެން އައި ދުވަހު މީޑިއާއަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ ބަޑިން ބިރުދެއްކުމުން ކަމަށެވެ.

ބޮކޮށްލާފައިވާ އެވާހަކައަކީ ހަދައިގެން ދައްކާފައިވާ ވާހަކައެއް ކަން ކޮމިޝަނަށް ހޯދުނެވެ. ނަމަވެސް ފެންނަން އޮތީ ނަޝީދު ވެރިކަމަށް ގެނައި ކޯލިޝަންގެ ތާއީދު އެމަނިކުފާނަށް ގެއްލުނުކަމެވެ.

ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުމުގެ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ހެއްކެއް ކޮމިޝަނަކަށް ނުލިބެ އެވެ.

ލަދުވެތި އަނެއް ކަމަކީ އޭނާ އިސްތިއުފާ ދެއްވި ދުވަހުގެ ރޭ އޭނާއަށް ތާއީދުކުރާ މީހުން ހަމަނުޖެހުން ހިންގުމަށް ގޮވާލައްވައި ފޯނުން ވާހަކަ ދައްކަވަނިކޮށް ރެކޯޑްކޮށްފައިވާ ފޯނުކޯލެކެވެ.

"... ތަޅާނެ ބަޔަކު ތިބި ނަމަ އެމީހުން އެކަން އެގޮތަށް ކުރިޔަދޭންވީ. ފުލުހުންނާ ތަޅަން ތައްޔާރަށް ތިބި ކޮންމެވެސް ބަޔަކު މާލޭން ހޯދަންވީ. އަޅުގަނޑަކަށް ޔަގީނެއް ނޫން ތަޅާނެ ބަޔަކު ލިބޭނެ ކަމެއް،"

އެހެން ގޮތަކަށް ބުނާ ނަމަ ކްލޫނީ ދައްކަމުން އަންނަ ޝަހީދުވުމުގެ ރިވާޔަތުގައި އެއްވެސް އޮއްޓަރެއް ނެތެވެ.

އޭނާ މަސައްކަތްކުރާ ގޮތަށް ފާޑުކިޔާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކީ ސިޑްނީ ޔުނިވާސިޓީގެ މައިކަލް ކެނެޑީ އެވެ. އޭނާއަކީ ފުލުހުންގެ ކުރީގެ ޖާސޫސެކެވެ. އޭނާ ފާއިތުވި ތިން އަހަރު ހޭދަކުރައްވާފައި ވަނީ ރާއްޖޭގައި ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަން ހިންގާ ޑިގްރީ ޕްރޮގްރާމެއްގައި ކިޔަވައިދެއްވުމުގަ އެވެ.

ކެނެޑީ ގަބޫލުކުރައްވާ ގޮތުގައި މީޑިއާގައި އޮޅުވާލުމަށް އާމާލު ވަނީ އޭނާގެ މަޝްހޫރުކަން ބޭނުންކޮށްފަ އެވެ.

"ނަޝީދު އިސްތިއުފާދެއްވުމަށް މަޖުބޫރުކުރި ކަމަކަށް ކުރާ ދައުވާގައި ހިމެނޭ އެއްވެސް ކަމަކަށް ކޮމަންވެލްތު ސެކްރެޓޭރިއަޓުން ކުރި ތަހުގީގުން ވާތްގެއް ނުލިބޭ. ސުޕްރީމްކޯޓްގައި ހުރި އެމަނިކުފާނުގެ ޒަމާންވީ އަދުއްވަކާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުގައި ގާނޫނު އަސާސީ ދޫކޮށްލައްވައި، ފުލުހުން ބައިޕާސްކުރެއްވި ވާހައަކީ ނުދައްކާ ވާހަކައެއް. އެމަނިކުފާނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން މިހާރު ގޮވައިލަމުން ދަނީ ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން. އެއީ ދަތިކަމާއި ވަޒީފާ ނެތުމުގެ ތެރެއިން ފުޅާ ދާއިރާއެއްގައި އިންސާނިއްޔަތާ ހިލާފު ކަންތައްތައް މެދުވެރިވާނެ ކަމެއް،"

މިދިޔަ އަހަރުގެ މާޗް މަހު ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ނަޝީދު މިހާރު ހުންނެވީ ފަރުވާ ހޯއްދަވަން ލަންޑަންގަ އެވެ.

އެމަނިކުފާނު ވަނީ 30 ދުވަހަށް ޖަލުން މިނިވަންކޮށްފަ އެވެ. އެނބުރި ވަޑައި ނުގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. އެކަމަކު ލަންޑަންގައި ހުންނަވަން ލިބިވަޑައިގެންފައިވާ އެމަނިކުފާނު އެ ވަގުތު ބޭނުންކުރައްވާފައި ވަނީ ދިވެހި ރާއްޖެއަކީ އިސްލާމީ ފަންޑަމެންޓަލިޒަމް ކުރިއަރަމުން އަންނަ ގައުމެއް ކަމަށް ދެއްކެވުމަށެވެ. އެއީ ޓޫރިޒަމްގެ މައްޗަށް ބިނާވެފައިވާ އިގުތިސާދަށް ގެއްލުން ލިބޭނެ ކަން އެނގޭ ދައުވާއެކެވެ.

"ޗުއްޓީ ހޭދަކޮށްލަން ހިތްގައިމު ގޮނޑުދޮށްތަކަކަށް ވެދާނެ އެވެ. އެކަމަކު އަނދިރި ޚުދުމުޚުތާރުކަމެއްގެ ތެރެއަށް ދިވެހިރާއްޖެ އެނބުރިއްޖެ އެވެ"، ކްލޫނީ ދައުވާކޮށްފައިވެ އެވެ.

ގާނޫނީ ގޮތުން ބޮޑުވަރުކޮށްލާފައިވާ އެވާހަކައާ މެދު ކެނެޑީއާއި އެހެން ބޭފުޅުން ދެކޮޅު ހައްދަވަ އެވެ.

"މިނިވަންކަމާ އެކު ނަޝީދު ލަންޑަންގައި ހުންނެވި ހުންނެވުމަކީ (ރާއްޖޭގައި) އަނިޔާވެރިކަން އޮތް ކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދޮގުކުރާ ކަމެކެވެ.

ކްލޫނީ ވަނީ އަނދިރި ޚުދުމުޚުތާރުކަމުގެ ފަރާތުން މަސައްކަތް ހޯދާފަ އެވެ. އޭނާގެ ހިދުމަތް ހޯދި އެންމެ ނުލަފާ މީހަކީ ލީބިޔާގެ ޚުދުމުޚުތާރު ވެރިޔާ މުޢައްމަރުލް ޤައްޒާފީގެ އިންޓާނަލް ސެކިއުރިޓީގެ ވެރިއެއްގެ ހައިސިއްޔަތުން، އެތައް ހާސް ބަޔަކު ޖަލަށް ލައި މެރިކަމުގެ ޒިންމާ އުފުލަން ޖެހޭ ޢަބުދުﷲ ސިނޫސީއެވެ.

އެކަމެއްގެ ސަބަބުން 170 މީހުން މަރުވި، މަތިންދާބޯޓެއްގައި ބޮން ގޮއްވުމުގެ ހާދިސާއެއްގައި ދައުރެއް އަދާކުރިކަމުގެ ކުށް އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި ސާބިތުވެފައިވެ އެވެ. ސްވިޒަލޭންޑްގެ ލޮކަބީ މަތިން އުދުހުނު އެމެރިކާގެ މަތިންދާބޯޓެއްގައި ބޮން ގޮއްވި ޖަރީމާއާ އޭނާއާ ވަނީ ގުޅިފަ އެވެ. އެ ހާދިސާގައި 259 މީހުން މަރުވި އެވެ.

ކްލޫނީގެ ހިދުމަތް ހޯދި އަނެކަކީ ބަހްރައިންގެ ރަސްގެފާނު ޙަސަން ބިން ޢީސާ އަލް ޚަލީފާއެވެ. ބަހްރައިންގައި 2011 ވަނަ އަހަރު ޝިޔައީންގެ އުތުރި އެރުމެއް މައިތިރިކުރަން ސަރުކާރުން ބާރުގެ ބޭނުންކުރި މައްސަލަ ބަސިއޫނީ ކޮމިޝަނުން ތަހުގީގުކުރަމުން ދިޔަ އިރު އޭނާގެ ގާނޫނީ މުރުޝިދަކީ ކްލޫނީ އެވެ.

އެކޮމިޝަން އުފެއްދީ ރަސްގެފާނެވެ. އެކޮމިޝަނުން ތަހުގީގުން އެނގުނީ ސަލާމަތީ ބާރުތައް ހިމެނޭ ގޮތުން 46 މީހުން އެކަމުގެ ތެރޭގައި މަރުވިކަމެވެ. އަދި އެކަށީގެން ނުވާ ބާރު ފުލުހުން ބޭނުންކުރިކަމެވެ. އަދި ބަންދުގައި ތިބި އިރު އިންސާނިއްޔަތާ ހިލާފު އަނިޔާ ލިބުނު ކަމަށް 559 މީހުން ދައުވާކުރި އެވެ.

މިއިން އެއްވެސް ކަމަކީ އޭނާ( އާމާލް)ގެ ޒާތަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ. ތުހުމަތު ކުރެވޭ އެންމެނަށް ވެސް ރަނގަޅަށް ދިފާއުކުރުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ވަކީލުންނަކީ ރަނގަޅަށް ދިފާއު ކުރަން އެމީހުންގެ މައްޗަށް ލާޒިމުވާ ބައެކެވެ.

ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލަށް ލަފާދޭ، ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ނަޝީދުގެ ގާނޫނީ ޓީމުން މިދިޔަ އަހަރު މައްސަލައެއް ހުށަހެޅި އެވެ. ނަޝީދު ބަންދުކުރުމަކީ ޔުނިވާޝަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއާ ހިލާފުވުމެއް ކަމަށް ބުނެ ވޯކިން ގްރޫޕުން ލަފައެއް ދިނެވެ.

ދިވެހި ސަރުކާރުން އެކަމާ ދެކޮޅުހެދި އެވެ. އަދި އެ ޚިޔާލާތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދުށްޓެވެ. އޭނާ ދޫކޮށްލި އިރު ކޮށްފައިވާ ޝަރުތުތައް ނައްތާލައި، ނަޝީދު ވަނީ ކާމިޔާބު ކަމާއި އެމަނިކުފާނުގެ ނަފުސް މިނިވަންކޮށްފަ އެވެ. ނަމަވެސް އެ މަނިކުފާނު އެކަން އެގޮތަށް ކުރެއްވީ އަނިޔާވެރި ކަމަށް އެމަނިކުފާނު ދައުވާ ކުރާ ސަރުކާރެއްގެ އެހީގައެވެ.

މިވާހަކައިގައި ބަތޮލަކު ނޫޅެ އެވެ.

ދިވެހިރާއްޖެއާ ބެހޭ ގޮތުން އޮތް އޮޅުންބޮޅުންގަނޑަކީ އަސަރުގަދަ ވާހަކަތަކުން ލޯތައް ކަނު ނުކުރުމަށް ހަނދާންކޮށްދޭ ކަމެކެވެ.

comment ކޮމެންޓް