ޝެއިހް އިމްރާންގެ ޝަރީއަތް ކުރިއަށް ދަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް: އެމްޑީއެން

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ހިންގާ ޝަރީއަތް ކުރިއަށް ދަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު ބުނެފި އެވެ.

ޑިމޮކްރަސީ ނެޓުވޯކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝެއިހް އިމްރާންގެ ޝަރީއަތް ފެށުނުއިރު އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައިވީ ނަމަވެސް ޝަރީއަތުގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އެތަނުން ދެ ފަނޑިޔާރުންގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި އަޑުއެހުން ފެށުމާއެކު ކޯޓުގެ އިސްގާޒީގެ ނިންމެވުމަކީ، ތިން ފަނޑިޔާރުންގެ ބަދަލުގައި ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް ޝަރީއަތް ހިންގެވުން ކަމުގައި ގާޒީ ވިދާޅުވެފައިވާ ކަމަށް ވެސް ޑިމޮކްރަސީ ނެޓުވޯކުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ނޫސްބަޔާނުގައި ވަނީ، ފަނޑިޔާރު އަބްދުލްބާރީގެ ކިބައިން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އެއްގޮތް ނޫން ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލުންނާއި މުއާމަލާތު ކުރެއްވުމުގައި ހިތް ނުތަނަވަސް ކަމާއި ރުޅި އިސްކުރައްވައި އިހުތިރާމު ކުޑަކަން ދޭހަވާ ގޮތަށް ބަސްމަގު ބަހައްޓަވާފައިވާ ކަމަށް ބުނެފައި ވެއެވެ.

ދައުވާކުރާ ފަރާތްކަމުގައިވާ ޕްރޮސިިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުންގެ ފަރާތުން އަދި އެ ވަކީލުންގެ ވާހަކަތަކަށް ބުރަވެ ހުންނެވިކަން ދޭހަވާ ގޮތަކަށް ފަނޑިޔާރު އަބްދުލްބާރީ ވާހަކަފުޅުދައްކަވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެމްޑީއެންގެ ބަޔާނުގައި ވެއެވެ. އަދި ޝަރީއަތް ނިމުމުގެ ކުރިން ދައުވާ ލިބޭ ފަރާތަކީ ކުށްވެރިއެއްގެ ގޮތުގައި ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅުދައްކަވާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ޑިމޮކްރަސީ ނެޓުވޯކުން ބުނީ، ފަނޑިޔާރުންގެ ސުލޫކާ ބެހޭ ގޮތުން އުފެދޭ އެބާވަތުގެ ސީރިއަސް ތުހުމަތުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރައްވަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި އެ ޖަމިއްޔާގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

"އަދުލު އިންސާފު ގާއިމުވުމާއި އަދުލު އިންސާފު ގާއިމުވާކަން އާއްމުންނަށް ގަބޫލުކުރެވުމަކީ ހަމަ އެއް މިންވަރަކަށް މުހިއްމު ދެކަންތަކެވެ. ޝަރީއަތުގެ އިތުބާރު އިތުރު ކުރެވޭނީ، އިތުބާރު އިތުރު ކުރެވޭ ގޮތަކަށް ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސުޕްރީމް ކޯޓުގެ މަސައްކަތްތައް ބައްޓަން ކޮށްގެންނެވެ." ޑިމޮކްރަސީ ނެޓުވޯކުން ބުންޏެވެ.

comment ކޮމެންޓް