ތައުލީމީ ދާއިރާއަށް ބަދަލުތަކެއް އައި އަހަރެއް، ނަތީޖާ ރަނގަޅުވެދާނެތަ؟

އިސްކަންދަރު ސްކޫލުގެ، 2014 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ނިމިގެން މިދާ 2015 ވަނަ އަހަރަކީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުމާއި ކިޔަވައިދިނުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކޮށްގެން ކިޔަވައިދިން އަހަރެކެވެ.

މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި 87،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމް ހާސިލްކޮށްފަ އެވެ. އެއީ ވޭތުވެ ދިޔަ 2014 ވަނަ އަހަރުގައި ކިޔެވި 62،300 ކުދިންނަށް ވުރެ 39.6 ޕަސެންޓް އިތުރު އަދަދެކެވެ. މިއަހަރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޕްރީ ސްކޫލްތަކުން ގްރޭޑް އެކަކަށް ބަދަލުވި 2،074 ދަރިވަރުން އެ އަދަދުގެ ތެރޭގައި ހިމެނެ އެވެ.

ހުޅުމާލޭގައި މިއަހަރު ސަރުކާރުން ހުޅުވި އެންމެ ބޮޑު ސްކޫލު ރެހެންދީ ސްކޫލު-- ސަން ފައިލް ފޮޓޯ

މިއަހަރު ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އެންމެ ބޮޑު ސްކޫލް، ރެހެންދި ސްކޫލާ އެކު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާ އިރު، މި އަހަރު އެއް ދަންފަޅިއަށް 127 ސްކޫލެއްގައި ކިޔަވައިދީފައިވެ އެވެ.

މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6،000 އާ ގާތްކުރާ އަދަދަކަށް ޓީޗަރުން ވަނީ ކިޔަވައިދެއްވާފަ އެވެ. އެއީ 3،751 ދިވެހި ޓީޗަރުންނާއި 2،087 ބިދޭސީ ޓީޗަރުންނެވެ.

ދަސްވާރު ޕްރޮގްރާމް:

މިދިޔަ އަހަރު މާލޭގެ 10 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ވަނީ މިއަހަރު ރާއްޖޭގެ ޖުމްލަ 157 ސްކޫލެއްގައި އިމްޕްލިމްލިމެންޓް ކޮށްފަ އެވެ. މިނިސްޓްރީ އިން ބުނެފައި ވަނީ އެއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ދަސްވާރު ޕްރޮގްރާމުގެ ދެވަނަ ބެޗުގެ 168 ދަރިވަރުން ވަނީ މިދިޔަ މަހުގެ 22 ދަސްވެނި ވެފަ އެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައި ދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމްގައި މިއަހަރު ޖުމްލަ 1،152 ދަރިވަރުން ވަނީ ބައިވެރި ވެފަ އެވެ.

ދަސްވާރު ޕްރޮގްރާމުގެ ދަސްވެނިންނަށް ސެޓްފިކޭޓް ހަވާލު ކުރުމަށް މިދިޔަ މަހު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފައިލް ފޮޓޯ

ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމް އަކީ އަމަލީ މައިދާނުން ތަމްރީނާއި ތަޖުރިބާ ހޯދުމަށް ސްކޫލުންނާއި ސްކޫލުގެ ބޭރުން ކުރިއަށްދާ ޕްރޮގްރާމެކެވެ.

ދަސްވާރު ޕްރޮގްރާމުގެ ކުދިންނަށް އެކި ދާއިރާތަކުން އަމަލީ ތަމްރީން ދޭއިރު ދަސްވާރު ޕްރޮގްރާމުގެ 50 ޕަސެންޓު ދަރިވަރުން މިހާރު ތިބީ ވަޒީފާތަކުގަ އެވެ.

އެޕްރޮގްރާމުގައި ދަރިވަރުން ތަމްރީނު ކުރާ ދާއިރާތަކުގެ ތެރޭގައި ހޮސްޕިޓޭލިޓީ އާއި އައިޓީ އާއި ޓުއާ ގައިޑިން އާއި އޮފީސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.

އާ މަންހަޖަށް ކިޔަވައިދިނުން:

މި އަހަރު ސްކޫލުތަކުގައި ވަނީ އާ ގައުމީ މަންހަޖަށް އަމަލުކުރަން ފަށައިފަ އެވެ. ގްރޭޑް އެކަކުން ފެށިގެން ތިނެއްގެ ދަރިވަރުންނަށް އެކުލަވާލި އާ މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސްފައިވެ އެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ވަނީ އާ މަންހަޖުގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

މަތީ ތައުލީމުގެ ފުރުސަތު:

ސްކޫލުތަކުގެ ކިޔެވުން ނިންމުމަށް ފަހު މަތީ ތައުލީމު ހާސިލު ކުރުމަށް ތައްޔާރުވާ ދަރިވަރުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މި އަހަރު 436 ދަރިވަރަކަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 24 ގައެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ މަތީ ތައުލީމަށް ސަރުކާރުން ހުޅުވި ފުރުސަތުތަކުގެ ތެރޭގައި ލޯން ސުކީމް އާއި ސްކޮލާޝިޕްތައް ހިމެނޭ ކަމަށެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް އެދި ހުށަހަޅާފައިވާ ކުދިންތަކެއް: ސަން ފައިލް ފޮޓޯ

އެގޮތުން މި އަހަރު ސަރުކާރުން ވަނީ 310 ދަރިވަރަކަށް ލޯނު ދޫކޮށްފަ އެވެ. އެއީ ރާއްޖޭގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން އަލަށް ކިޔަވަން ފަށާ 152 ދަރިވަރަކަށް ވަނީ ކޯސް ލިބިފަ އެވެ.

އެއަށްފަހު މިދިޔަ މަހުގެ 29ގައި އިތުރު 281 ފަރާތަކަށް ވަނީ މިއަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނު ދީފަ އެވެ.

އޭލެވެލް އިމްތިހާން، އޯލެވެލް އިމްތިހާން އާ އެއް ދުވަސްވަރެއްގައި ހެދުމަށް ހަމަޖެއްސުން:

އޯލެވެލް އިމްތިހާންތައް ހަދާނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ކަމުން އޯލެވެލް ނިންމުމަށް ފަހު އޭލެވެލް އަށް ކިިޔަވަން ފެށުމާ ދޭތެރޭ ބޮޑު ޗުއްޓީއެއް ހޭދަވެ އެވެ. އެހެން ވުމާ ގުޅިގެން އަންނަ އަހަރުން ފެށިގެން އެހެން ގްރޭޑުތަކާ "ގާތްގަނޑަކަށް" އެކީ އޭލެވްލްގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މިއަހަރު ހަމަޖައްސާފަ އެވެ.

އެއާ ގުޅިގެން އޭލެވް އިމްތިހާން ވެސް އަންނަ އަހަރުން ފެށިގެން ކުރިއަށް ގެންދާނީ ނޮވެމްބަރު ހިސާބުގަ އެވެ. އެކަމާ ގުޅޭގޮތުން އިމްތިހާން ނޮވެމްބަރު ހިސާބުގައި ހެދުމަށް ރާއްޖެ އާއި ޕިއާސަން އާ ވަނީ މިއަހަރު އެއްބަސްވެފަ އެވެ.

އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރުގައި ހަދާ ގޮތަށް ހަމަޖެއްސުމަށް ޕިއާސަން އާ ދެމެދު އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މިނިިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އޭލެވެލް އިމްތިހާން ސީރީޒް ފުރަތަމަ ހަދާނީ އަންނަ އަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުން ކަމަށެވެ.

"މި ބަދަލާ އެކު އަންނަ އަހަރު ގްރޭޑް 11 ފަށާ ދަރިވަރުން އެ ދަރިވަރުންގެ 11ގެ ކިޔެވުން އެ އަހަރު ނިންމާ އޭއެސް ލެވެލް 2016 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ހެދުމުގެ ފުރުޞަތު ދެވޭނެ. އެ ދަރިވަރުންގެ އޭލެވެލް ނިންމާ އިމްތިހާނު 2017 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަރަބި މީޑިއަމް ސްކުލު ހުޅުވުން:

ޒަމާނުއްސުރެ ރާއްޖޭގައި އަރަބި މީޑިއަމް އަށް ކިޔަވައިދެމުން އައި ހަމައެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ. ނަމަވެސް ސަރުކާރުން އަންނަނީ ރާއްޖޭގެ ގިނަ ސަރަހައްދެއްގައި އަރަބި މީޑިއަމް އަށް ކިޔަވައިދޭ ސްކޫލުތަކެއް ހުޅުވުމަށް ނިންމާފަ އެވެ.

އަރަބި މީޑިއަމް ސްކޫލުތައް ހުޅުވުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ދެކުނުގަައި ވަނީ މިއަހަރު އަރަބި މީޑިއަމް ސްކޫލެއް ހުޅުވާފަ އެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލް ވަނީ މިއަހަރު އަރަބި މީޑިއަމް އަށް ބަދަލުކޮށްފަ އެވެ.

އައްޑޫ ސިޓީގައި އަރަބި މީޑިއަމް އަށް ބަދަލުކުރި ނޫރާނީ ސްކޫލު---

އައްޑޫ ސިޓީގައި ކިޔަވައިދޭ އެ ޕްރައިމެރީ ސްކޫލުގައި އަރަބި މީޑިއަމް އަށް ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އެކަންޏެެވެ. އެގޮތުން އެ ސްކޫލުގައި ގްރޭޑް އެކަކަށް މި އަހަރު 33 ދަރިވަރުން ވަނީ އެންރޯލް ވެފަ އެވެ.

އަންނަ އަހަރު ކިޔަވައިދިނުން ފަށާއިރު ގްރޭޑް ދޭއްގައި ވެސް އަރަބި މީޑިއަމް އަށް ބަދަލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އުތުރުގައި އަރަބި މީޑިއަމް ސްކޫލެއް ހުޅުވާނެ ކަމަށެވެ. އެގޮތުން އެ ސްކޫލު ހދ. ކުޅުދުއްފުށީގައި ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހުގެ 13ގައި ކިޔެވުން ފެށުމަށް ހަމަޖެއްސުމަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 24 ގައެވެ.

އަހަރުގެ ބޮޑު ޗުއްޓީ މިހާރު ފެށިފައިވާއިރު ދަރިވަރުންނަށް 50 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އެގޮތުން ދިރާސީ އަހަރުގެ ކަލަންޑަރަށް ބަލާއިރު ޓީޗަރުންގެ މަސައްކަތްތައް ރަނގަޅުކޮށް އިތުރަށް ހިޔާލުތައް ހޯދުމަށްޓަކައި ހުރިހާ ސްކޫލެއްގައި މިއަހަރު ތިން ޓީޗާސް ޑިވެލޮޕްމެންޓް ދުވަސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް