ފޭސްބުކުން މާކް ޒަކަބާގް އަށް ލިބޭ 99 ޕަސެންޓް ހިއްސާ ހަދިޔާ ކުރަން ނިންމައިފި

މާކް ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސިލާ ޗޭން އަންހެން ދަރިފުޅާއި އެކު -- ފޮޓޯ: ފޭސްބުކް

ކެލިފޯނިއާ (ޑިސެމްބަރ 2) : ފޭސްބުކުން މާކް ޒަކަބާގް އަށް ލިބޭ 99 ޕަސެންޓް ހިއްސާ "ޗޭން ޒަކަބާގް އިނިޝިއޭޓިވް" އަށް ހަދިޔާ ކުރުމަށް ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސިލާ ޗޭން ނިންމައިފި އެވެ.

ފައިސާގެ ގޮތުން 45 ބިލިއަން ޑޮލަރަށް އަރާ ހިއްސާ ހަދިޔާ ކުރާނެ ކަމަށް ޒަކަބާގް އިއުލާން ކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި، ޒަކަބާގް އާއި ޕްރިސިލާގެ ފުރަތަމަ ދަރިފުޅު، މެކްސް އަށް ލިޔުނު ސިޓީއެއްގައި އެވެ.

ޒަކަބާގް ބުނި ގޮތުގައި ޗޭން ޒަކަބާގް އިނިޝިއޭޓިވްގެ މަގްސަދަކީ އިންސާނީ ފޯރުންތެރިކަން އިތުރުކުރުމާއި ކުރިއަށް އޮތް ޖީލުގެ ކުޑަކުދިންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމެވެ. ޒަކަބާގްގެ އުއްމީދަކީ އޭނާގެ ދަރިފުޅު ދިރިއުޅޭނެ ދުނިޔެއަކީ މިހާރަށް ވުރެ ރަނގަޅު ދުނިޔެއަކަށް ހެދުމެވެ.

"[އަހަރުމެންގެ] މުސްތަގުބަލަށް ޓަކައި މެކްސް ދޭ އުއްމީދު ސިފަ ކުރާނެ ގޮތެއް އަހަންނަށާއި (މެކްސްގެ) މަންމައަށް އަދި ނޭގެ،" މެކްސް އަށް ލިޔުނު ސިޓީގައި ޒަކަބާގް ބުނެފައިވެ އެވެ.

ޒަކަބާގް އައި ޕްރިސިލާގެ އަންހެން ދަރިފުޅު، މެކްސް އުފަންވީ މިދިޔަ ހަފްތާގަ އެވެ. މެކްސް އަށް ޕްރިސިލާ ބަލިވެ އިނީ ގިނަ އަހަރުތަކެއް ވަންދެން ކުއްޖަކު ހޯދުމަށް މަސައްކަތް ކުރުމަށް ފަހު އެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް