އައްޑޫގައި ފެންބޮޑުވެ ލިބުނު ގެއްލުމުގެ އަގު ތިން މިލިއަނަށް އަރާނެ: ހައުސިން މިނިސްޓްރީ

އައްޑޫ ސިޓީގައި ފެންބޮޑުވި ސަރަހައްދަކުން ސިފައިން ފެން ހިއްކަނީ --

ދާދިފަހުން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭ ވެހި އެ ސިޓީގެ ރަށްތަކުގައި ފެންބޮޑުވެ އެކި ގޭގެއަށް ލިބުނު ގެއްލުމުގެ އަގު ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު މިއަދު "ސަން" އަށް ވިދާޅުވީ އައްޑުއަށް ފެންބޮޑުވެ އެންމެ ބޮޑު ގެއްލުންތަކެއް ލިބުނީ އާއްމު ރައްޔިތުންގެ ތަކެއްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ ތިން މިލިއަން ރުފިޔާ އަރަނީ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ އަންދާސީ އަދަދެއް ކަމަށާއި ސީދާ ޖުމްލަ އަރާނެ އަދަދެއް ވިދާޅުވުމަށް ދަތި ކަމަށެވެ.

ޒިޔާދު ވިދާޅުވީ އައްޑު އަށް ކުރި ވިއްސާރާގައި ބައެއް ގޭގެ އަށް ހަ އިންޗިއަށް ފެން ބޮޑުވެފައިވާކަން ބެލި ބެލުންތަކުން ހާމަވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 130 ބެޑުރޫމް ސެޓު ހަލާކުވެފައި އެބަހުރި. ދެން ކޮޓަރިތަކަށް ފެން ވަދެފައި އެބަހުރި ހަ އިންޗިއަށް. ދެން 400 ގެއަށް ފެން ވަން. އޭގެތެރެއިން 300 ގެއަށް ފުދޭވަރަކަށް ފެން ވަދެފައި އެބަހުރި،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ފެން ބޭރުކުރަން ވަޅުލާފައި ހުރި ހޮޅިތައް ބައްދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާރު އެބަޖެހޭ ޕަމްޕް ސިސްޓަމުތަކެއް ހަރުކުރަން. އައްޑޫ ސިޓީގެ ހުރިހާ ރަށެއް. އެންމެ ރަށެއްގައި ޕަމްޕް ސިސްޓަމުތައް ވެސް ހުރީ. ނަމަވެސް އެ ވެސް މިހާރު ހުރީ ހަލާކުވެފައި. މިކަމުގައި ބައެއްގެ އިހުމާލު އެބައޮތް އިނގޭތޯ ވަރަށް ބޮޑަށް. އަޅުގަނޑުމެން [ހައުސިން މިނިސްޓްރީ] އަދި މިތަނަށް [އައްޑޫ ސިޓީ] މި އައީ އިހަކަށް ދުވަހު. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ބަލަނީ މި ބުނާ ޕަމްޕު ސިސްޓަމުތައް އެޅުވުން،" ޒިޔާދު ވިދާޅުވި އެވެ.

މިމަހުގެ 24 ގައި އައްޑުއަށް ކުރި ވިއްސާރައާ ގުޅިގެން އެ ސިޓީގެ ފޭދޫއާއި މަރަދޫފޭދޫގައި ބޮޑުވެފައިވާ ފެންގަނޑު އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު މިހާރު ވަނީ އެއްކޮށް ހިންދާލެވިފަ އެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ ގެތަކަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފަންޑުފޮއްޓެއް ވެސް ހުޅުވާފަ އެވެ.

comment ކޮމެންޓް