"ކޮޕް21"ގައި ބޮޑެތި ގައުމުތަކަށް ދުލެއް ނުކުރާނަން: ތާރިގު

އެންވަޔަރްމެންޓް މިނިސްޓަރް ތާރިގު އިބުރާހީމް ޕެރިހަށް ފުރާވައިޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 'ކޮޕް21 ' ސަމިޓްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް (އެއޯސިސް) އިން ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ދޫ ނުކުރާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމު ކަމަށްވާ ދިވެހި ރާއްޖެ ތަމްސީލުކުރައްވާ ބޭފުޅާގެ ހައިސިއްޔަތުން ކޮޕް21 ސަމިޓްގައި ބައިވެރިވެވަޑައި ގެންނެވުމަށް ޕެރިހަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ތާރިގު ވިދާޅުވީ 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ސަމިޓްގައި ބޮޑެތި ގައުމުތައް ބޭނުންވާ ގޮތަށް ރާއްޖޭން ދީލާލި ކަމަށެވެ.

"... އެއްގޮތަކަށް ވެސް މީގައި ބޮޑެތި ގައުމުތައް ބޭނުންވާ ގޮތަށް ދީލާލާފައި، ސައްޕެއް ޖަހާފައި ކުދި ގައުމުތަކެއް ބޭރެއް ނުކޮށްލާނަން. އެގޮތަކަށް އަޅުގަނޑުމެން ކަންތަކެއް ނުކުރާނަން. އެގޮތަށް މީގެ ކުރިން، ކުރީ ފަހަރު ކޯޕަންހޭގަންގައި 2009 ވަނަ އަހަރު އިތުރު މިކަހަލަ އެގްރިމެންޓެއް ހަދަން މަސައްކަތް ކުރަމުން ދިޔައިރު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ރާއްޖޭން އެގޮތަށް މަސައްކަތް ކުރިތަން،" ތާރިގު ވިދާޅުވިއެވެ.

ކުދި ގައުމުތައް ބޭނުންވާ ގޮތަށް އޮތް ރަނގަޅު އެގްރިމެންޓެއް މިފަހަރު ހެދިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރަކީ ބޭކާރު މީޑިއާ ސްޓަންޓް ކުޅޭ ސަރުކާރެއް ނޫން ކަމަށާއި މަސައްކަތް ކުރަނީ ނަތީޖާ ހޯދަން ކަމަށެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކުން ނަތީޖާ ހޯދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"...މިއަހަރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އާ އެގްރީމެންޓް އެކުލަވައިލުމުގެ އަހަރަކަށް ވާތީ އޭގައި ވެސް ލީޑް ރޯލެއް ރާއްޖޭން ކުޅެމުން މިދަނީ. ދެން އަޅުގަނޑުމެން މި ސަރުކާރަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަވާނީ ބޭކާރު މީޑިއާ ސްޓަންޓް ކުޅޭ ސަރުކާރެއް ނޫނޭ. އެއްގޮތަކަށް ވެސް ކަނޑުއަޑީގައި ގޮސް، ކަނޑު އަޑީގައި ކެބިނެޓް ބާއްވައި މިކަހަލަ ކަންތައްތައްކޮށް،" ތާރިގު ވިދާޅުވިއެވެ.

comment ކޮމެންޓް