އިހަވަންދޫ އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް

ފުލުހުން މީގެކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި --- ފައިލް ފޮޓޯ

ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ހއ. އިހަވަންދޫ ގްޑުލަކް މުހައްމަދު އިމްޔާންގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އައްޑަނަ ދޯނިން އިހަވަންދޫއަށް މަސްތުވާތަކެތި ގެންގޮސްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އައްޑަނަ ބޯޓު އިހަވަންދޫއަށް ލެފުމުން އިމްޔާން ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ޗެކްކުރި އިރު ލައިގެންހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތި އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް