ބްރިޖަަށް ކުރާ ހަރަދު ދައުލަތަށް ބުރައަކަށް ވެގެން ނުދާނެ: ހައުސިން

މާލެ-ހުޅުލެ ބްރިޖު: މަޝްރުއަށް ހަރަދުވާނެ ކަމަށް އަންދާޒާކުރި އަދަދު 300 އިން 200 މިލިއަން ޑޮލަރަަށް ވަނީ ކުޑަވެފައި--

މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅާ ބުރިޖަށް ކުރާ ހަރަދަކީ ދައުލަތައް ބޮޑު ބުރައަކަށް ވެގެން ނުދާނެ ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީ "50 މިނެޓް" ޕްރޮގުރާމްގައި މިރޭ ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ބުރިޖުގެ މަޝްރޫއަށް 200 މިލިއަން ރުފިޔާ ހަރަދުވާއިރު އޭގެ ތެރެއިން ދެބައި ކުޅައެއް ބަޔަކީ ޗައިނާގެ ހިލޭ އެހީ ކަމަށާއި އެހެންކަމުން ބްރިޖަށް ކުރެވޭ ހަރަދަކީ ދައުލަތައް ބޮޑު ބުރައަކަށް ވެގެން ނުދާނެ ކަމަށެވެ.

"ޖުމުލަކޮށް ބަލާއިރު 200 މިލިއަން ޑޮލަރަކީ ކުޑައަދަދެއް ނޫން، އެހެން ނަމަވެސް މީގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ޗައިނާ ސަރުކާރުން ދޭ ދެބައިކުޅަ އެއްބައި ހިލޭ އެހީގެ ގޮތުގައި މިދެއްވަނީ، އޭގެ އިތުރުން ވަރަށް ފަސޭހަ ލުއި ލޯނެއް މަސައްކަތް މިކުރެވެނީ، އެހެންވީމަ ދިވެހި ދައުލަތައް އެހާބޮޑު ބުރައަކަށް ވެގެންދާގޮތަކަށެއް ނޫން މިމަޝްރޫ މިހިންގެނީ،" މުއްތަލިބް ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ހަވާލުކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނީގެ ޕްރޮޖެކެކްޓް މެނޭޖުމަންޓު ޓީމުގެ ބޭފުޅުން ވަނީ ރޭ ރާއްޖެ ވަޑައިގެންފަ އެވެ.

މުއްތަލިބު ވިދާޅުވީ އެ ޓީމުގެ ބޭފުޅުން ރާއްޖެ އައިސް އެބޭފުޅުނަށް ކަނޑައަޅާފައިވާ ތަންތަން ދަނީ ބަލާ ހަދަމުން ކަމަށާއި އަމާޒަކީ ވީހާ ވެސް އަވަހަކަށް ޕްލޭންތައް ނިންމާ މޮބޮލައިޒް ކުރުމުގެ ކަންކަން ހަމަޖެއްސުން ކަމަށެވެ. އެ ޓީމުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު ޗައިނާގައި ވެސް ބުރިޖުގެ އެކި މަސައްކަތްތައް ކުރެވެމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރުމަށް ހުޅުމާލެއިން އަލަށް ހިއްކާފައިވާ ސަރަހައްދުން 40،000 އަކަމީޓަރުގެ ބިމެއް ދޫކުރުމަށް ނިންމާފައިވާއިރު އެބިމުގައި ބުރިޖުގެ މައިގަނޑު ހެދުމާއި ލޭބާ ކުއާޓާ ފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މެޝިނަރީ ބެހެއްޓުމަށް ހުޅުލެ ކޮޅުން 5000 އަކަމީޓަރުގެ ބިމެއް ދިނުމަށް ނިންމާފައިވާއިރު މާލެއިން ސައިޓް އޮފީހެއް ހެދުމަށް ބިމެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ދޫކުރާ ބިންތަކަކީ މަސައްކަތް ނިމުމަށްފަހު އަނބުރާ ލިބޭނެ ތަންތަން ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.

މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ހައުސިން މިނިސްޓުރީން ބުނީ ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓުރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހުޅުލެ އާއި މާލެ އާއި ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އެ މަޝްރޫއު 2018 ވަނަ އަހަރަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް