ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނަށް ވެސް ކޯޓާ ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

ބިދޭސީ މަސައްކަތްތެރިން ތަކެއް: ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނަށް ވެސް ކޯޓާ ނަގަންޖެހޭ ގޮތަށް އިމިގްރޭޝަނުން މިހާރު ވަނީ ހަމަޖައްސާފައި -- ސަން ފައިލް ފޮޓޯ

ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކަށް ބިދޭސީން ގެނެވޭނީ ޑިމާޓުމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ދޫކުރާ ކޯޓާއެއްގެ ދަށުން ކަމަށާއި އެކަން އެގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ޑިޕާޓުމަންޓުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކަށް ގެންނަ ބިދޭސީން އަދި އިޖްތިމާޢީ އެކިއެކި ބޭނުން ތަކަށްޓަކައި ވިޔަފާރީގެ މަންފާއެއް ހާސިލްކުރުން ނޫން ގޮތްގޮތުން ދަރުމަވެރިންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށްޓަކައި އަންނަ އަހަރުން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ ނަގަން ޖެހޭގޮތަށް ވަނީ ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެ ބަދަލަކީ ރާއްޖޭގެ ލޭބަރ މައިގްރޭޝަން ނިޒާމް ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެޑިޕާޓުމަންޓުން ބުނީ އެ ބަދަލު ގެނައުމާއި ހަމައަށް އެ ފަރާތްތަކުގެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދަން ނުޖެހޭނެ ކަމަށެވެ،.

އިމިގްރޭޝަނުން ބުނީ އެފަދަ ފަރާތްތަކުގެ ވަޒީފާގައި މި ވަގުތު ތިބި ބިދޭސީންނަށް އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކޯޓާ ހޯދަންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ބަދަލާ ގުޅިގެން ކޯޓާ ދޫކުރާ އުސޫލާއި ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން މިއަދު ވާރކްޝޮޕެެއް ބޭއްވިފައިވާ ކަމަށެވެ. އެ ވާރކްޝޮޕްގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތައް ހިމެނޭ ގޮތަށް ޖުމްލަ 53 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ އިތުރުން އެކްސްޕެޓް އޮންލައިން ސިސްޓަމުން ކޯޓާއަށް އެދި ހުށަހަޅާނޭ ގޮތުގެ ޑޮމޮންސްޓްރޭޝަނެއް ވެސް ވާރކްޝޮޕްގެ ބައިވެރިންނަށް ދެއްކިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް