މިނިވަން 50 ޖާފަތުގެ މައްސަލާގައި މުންދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ---- ފޮޓޯ/ ރައީސް އޮފީސް

މިނިވަންކަމުގެ ރަން ޔޫބީލްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ ހަވާލުކުރި ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ވަނީ ރަސްމީކޮށް މިއަދު އެކަން ސަން އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.

މިކަމާ ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިނިވަން 50 އަށް ރަސްމީ ޖާފަތް ތައްޔާރުކުރަން އިއުލާން ކުރިކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެ ޖާފަތަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެފައި ވަނީ އެއީ ވަަރަށް ފެންވަރުދަށް ޖާފަތެއް ކަމަށާއި ޖާފަތުގެ ކަންކަން ދިޔައީ އުންމީދުކުރި ގޮތަށް ނޫން ކަމަށެވެ.

ރަސްމީ ޖާފަތުގައި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެތެރޭގައި ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި ހާދިސާއަށްފަހު ގޭގައި މަޑުކުރައްވަން އެންގުމުން މުންދު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.

އޭނާ ގޭގައި މަޑުކުރަން އެންގީ ކީއްވެގެން ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ. ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލާގައި މުންދުގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

comment ކޮމެންޓް