މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން އަރައިގަތުމަކީ ރާއްޖެއަށް އެކަނި ކުރެވޭނެކަމެއްނޫން:ރައީސް

ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު. ފައިލް ފޮޓޯ

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަކީ ރާއްޖެ އަށް އެކަނި ކުރެވޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަކުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އާ މުއާހަދާއެއް އެކުލަވައިލުމަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިއަދު ފެށި 'ކޮޕް21' ސަމިޓަށް ފޮނުއްވި ޚިތާބެއްގައި ރައީސް ޔާމީނު ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.

"...ދިވެހި ރާއްޖޭން ގަބޫލުކުރަނީ 21 ވަނަ ގަރުނުގައި ތަރައްގީއަށާއި ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާ ކަމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އަވަހަށް ފިޔަވަޅު ނޭޅިއްޖެ ނަމަ، ދުނިޔޭގެ އެންމެ ބިން ތިރި އެއް ގައުމުގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ފަނާކުރުވަނިވި އަސަރުތައް ރާއްޖެއަށް ކުރިމަތިވާނެ އެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުގެ ސަރުކާރު ތައްޔާރަށް އޮތް އިރު، އަޅުގަނޑުމެންނަށް އެކަނި މިކަމެއް ނުކުރެވޭނެ އެވެ،" ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކޮންމެ ގައުމަކަށް ވެސް ދައުރެއް އެބަ އޮތް ކަމަށެވެ. ކޮޕް21 ސަމިޓްގައި ދުނިޔޭގެ ލީޑަރުން ރަނގަޅު ނިޔަތަކާއި އެކު ރަނގަޅު ނިންމެވުމެއް ނިންމަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް