ސާބެއާ މެދު މާރާމާރީ ހިންގިކަމުގެ ކުށް ފުލުސް މީހާގެ މައްޗަށް ސާބިތެއް ނުވި

7 ފެބްރުއަރީ 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހިނގި ކަންތައްތަކުގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)އާ މެދު މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގދ. ފިޔޯރީ އަމަން މުހައްމަދު ނިޔާޒުގެ މައްޗަށް ދައުލަތުން ކުރި މާރާމާރީ ހިންގުމުގެ ދައުވާގައި ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ސާބެ ހުއްޓައި ފުލުހުންގެ ބަޔަކު އޭނާ ގެންދަނިކޮށް ނިޔާޒު ފުންމައިގެން ގޮސް ސާބެގެ ގައިގައި ޖަހާފައިވާކަމަށެވެ. އަދި އޭނާގެ ބުރަކަށީގައި ނިޔާޒުގެ އަތުން ޖަހާފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

ނިޔާޒަކީ ވެސް އެވަގުތު ޖުމްހޫރީ މައިދާނުގައި ހުރި ފުލުހެކެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ އެ ދައުވާ އަށް ނިޔާޒު އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބެލިއިރު، އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ.

ހަތެއް ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން ދައުވާ އުފުލީ ހަމައެކަނި ނިޔާޒުގެ މައްޗަށް އެކަންޏެވެ.

comment ކޮމެންޓް