މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލައި ދުނިޔޭގެ ގިނަ ބަޔަކު މުޒާހަރާ ކޮށްފި

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވި މުޒާހަރާ ތަކުގެ ތެރެއިން ޖާމަނީގެ ބާލިންގައި ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ނޮވެމްބަރ30): ޕެރިހުގައި މިއަދު ބާއްވާ ކޮޕް21 ސަމިޓުގައި އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އަޅާނެ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން އެއްބަސްވުމަކަށް އައުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މުޒާހަރާ ކޮށްފި އެވެ.

މިފަހަރުގެ ކޮޕް21 ސަމިޓުގައި 190 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާނެ އެވެ. އެ ބައްދަލުވުންތަކުގައި ދުނިޔެ ހޫނުވުމަށް މެދުވެރިކުރާ ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރު ކުރުން މަދު ކުރާނެ ގޮތްތަކާއި، ޖައްވު ސާފު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ބަހުސް ކުރާނެ އެވެ.

މޫސުމާ ބެހޭ ގޮތުން އިއްޔެ ބޭއްވި އެއްވުންތަކުގައި މުޅި ދުނިޔެއިން 570،000 އަށް ވުރެ ގިނަ މީހުން އެކި ގައުތަކުން ބައިވެރިވެފައިވާނެ ކަމަށް އެއް ކެމްޕެއިން ގުރޫޕުން ލަފާކުރެ އެވެ.

ނަމަވެސް، އެންމެ ބޮޑު މުޒާހަރާ ބާއްވަން ހަމަޖައްސާފައި އޮތް ޕެރިހުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން އެ ސިޓީގައި ބޮޑެތި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެހެން ކަމުން ޕެރިހުގައި މުޒާހަރާއަށް ނުކުތުމުން ކަރުނަ ގޭސް ޖަހައި މުޒާހަރާ ވަނީ ރޫޅާލާފަ އެވެ. އަދި އެއްވުމުގައި ބައިވެރިވި 100 މީހަކު ވަނީ ހައްޔަރު ކޮށްފައި އެވެ.

ޕެރިހުގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ ސަބަބުން މީހުން މަގުތަކަށް އެއްވުން މަނާކޮށްފައި އޮތުމުން ގިނަ މީހުން ވަނީ "ބޫޓުގެ މުޒާހަރާ" އަކަށް މުޒާހަރާ ބަދަލު ކޮށްފައި -- ފޮޓޯ: ރޮއިޓާސް

މީހުންނަށް މުޒާހަރާ ކުރުން މަނާކޮށްފައި އޮތުމުން ޕެރިހުގެ ރައްޔިތުން ކޮށްފައި ވަނީ "ބޫޓުގެ މުޒާހަރާ" އެކެވެ. އެ މުޒާހަރާ ކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންގެ ބޫޓުތައް މީހުން އެއްވާން ނިންމާފައި އޮތް ސަރަހައްދުގައި ބަހައްޓައިގެންނެވެ.

ފްރާންސުގެ އިތުރުން މުޒާހަރާތަކުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ބްރެޒިލްއާއި އިނގިރޭސިވިލާތާއި ލުބުނާނާއި ނޭޕާލާއި ނިއުޒިލެންޑާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އެ އެއްވުންތަކުގެ ބައިވެރިން ވަނީ "މޫސުމާ ދެކޮޅަށް ކުރާ ޓެރަރިޒަމް ގެ އަމަލުތައް" ހުއްޓާލައި އަދި "ޕްލެނެޓް ބީ އެއް ނެތް" ފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ބޭނުން ކޮށްފަ އެވެ.

ޕެރިހުގައި މިއަދު ފެށޭ ސަމިޓް ނިމޭނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.

މައުލޫމާތު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް