ޢަބްދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމީ ގައުމީ ވާޖިބެއް: ރައީސް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ޢަބްދުއްސައްތާރު މޫސާދީދީގެ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ރައީސް ޔާމީން ލިޔުއްވަނީ -- ފޮޓޯ -- ރައީސް އޮފީސް

ޢަބްދުﷲ ޢަބްދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމީ ވާޖިބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ރައީސް ޔާމީން ލިޔުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ 27 ނޮވެންބަރު ވީ ހުކުރު ދުވަހު ތައިލެންޑްގެ ބެންކޮކްގައި އަވަހާރަވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢަބްދުއްސައްތާރު މޫސާދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި އަދި މުޅި ދިވެހި ޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.

ޢަބްދުއްސައްތާރު މޫސާދީދީ އަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަމޫނާއެއް ކަމަށާއި، އަދި މަޑުމައިތިރި އަޚްލާޤެއްގެ ވެރިޔެއްކަމަށް ބަޔާނުގައި ލިޔުއްވާފައިވެ އެވެ.

"މިފަދަ ހަރުދަނާ ގައުމީ ޝަޚްޞިއްޔަތެއް އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގަތުމުގެ ފުން ހިތާމަ މިއަދު ޤައުމު ކުރަމުންދާއިރު، އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ. މީގެ އިތުރުން އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް. އަދި އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކަކީ، ޢިބްރަތުން ފުރިފައިވާ އަގުހުރި ފިލާވަޅެއް،" ތައުޒިޔާގެ ދަފްތަރުގައި ރައީސް ޔާމީން ލިޔުއްވާފައިވެ އެވެ.

އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ޢަބްދުއްސައްތާރު މޫސާދީދީ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އިނގިރޭސި ސަރުކާރާ ވާހަކަ ދެއްކެވުމުގައި މެދުވެރިއެއްގެ ދައުރު އެމަނިކުފާނު އަދާކުރެއްވީ ވެސް ވަރަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އަބްދުއްސައްތާ މޫސާ ދީދީގެ މައްޗަށް ޣައިބަށް ކުރެވުނު ކަށު ނަމާދުގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް