އައިހެވަން މަޝްރޫއަށް އިންވެސްޓަރުން ހޯދަން ޝައިނީ އާއި ސައީދު ސައުދީއަށް

މިނިސްޓާ ސައީދު އާއި ޝައިނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް ހޯދުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ފުރާވަޑައިގަތުމުގެ ކުރިން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒު މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ ޑރ. ޝައިނީ ވިދާޅުވީ އައިހެވަން މަޝްރޫ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް ހުރިހާ މަޝްވަރާއެއް ކޮށްފައި ވަނީ ސައުދީގެ ސަރުކާރާއެކު ކަމަށް ޝައިނީ ވިދާޅުވި އެވެ.

އައިހެވަން މަޝްރޫގައި އިސްނަގައިގެން އުޅެނީ ސައުދީ އިންވެސްޓްމަންޓް ފަންޑުން ކަމަށާއި އެ ދަތުރުފުޅުގައި އެޕުރޮޖެކްޓް ހިންގާނެ ގޮތާމެދު މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މިކުރެވުނު މަޝްވަރާތަކުގެ އަލީގައި މިހާރު މި އޮތް ޕުރޮޖެކްޓްގައި ކުރިއަށް ދިއުމާމެދު އެއްވެސް ޝައްކެއް ނެތް، އިރާދަކުރެއްވިއްޔާ ޕްރޮޖެކްޓްކުރިއަށްދާނެ، ދެން މިހާރު އިމްޕްލިމެންޓް ސުޓޭޖަކަށް މީތި ބަދަލުވެގެންދާތީވެ އެސްއީޒީގެ ތެރެއިން އެސްއީޒީގެ ޗެއާއާއެކު އަޅުގަނޑުމެން ދަތުރު މި ކުރަނީ ދެން މި ޕުރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރާވާނެ ގޮތަކީ ކޮބައިތޯ ބަލަން،" މިނިސްޓާ ޝައިނީ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު އަދި އެސްއީޒެޑްގެ ޗެއާ ސައީދު ވިދާޅުވީ އައިހެވަން މަޝްރޫއާއި ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި މިހާތަނަށް ވެސް ވަނީ މުހިންމު ވާހަކަތަކެއް ދެކެވިފައި ކަމަށެވެ. ދެ އަހަރު ތެރޭ އައިހެވަން ފަދަ މަޝްރޫއެއްގެ ފެށުމާ ގާތަށް އާދެވުމުން އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓާ ސައީދު ވިދާޅުވި އެވެ.

ސައުދީ ކަހަލަ ގައުމަކުން ސަރުކާރާ އެކަން ކުރަން ނިންމި ނިންމުމަކީ އޭގެ މަންފާ ކުރާނެ ފަދަ ޕުރޮޖެކްޓްތައް ހުރިކަން ދައްކުވައި ދޭ ހެއްކެއް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ވަނީ ބޮސްޓަން ކޮންސަލްޓިން ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ފަރާތުން ވަނީ އެ ސަރަހައްދުގައި ތަރައްގީ ކުރެވޭނެ މަޝްރޫތަކުގެ ސުޓަޑީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް