ގުރޫޕަކުން ވިލިމާލެ އަރައި މާރާމާރީ ހިންގައިފި

މާރާމާރީ ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި-- ސަން ފައިލް ފޮޓ

މާލެއިން ފުރައިގެން ވިލިމާލެއަށް އަރައި ގޭންގު ގުރޫޕަކުން މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ މިރޭ 7:15 އެހާކަށްހާއިރު ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ އެ ހަތް މީހުންގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ ވިލިމާލެ ފެރީ ޓާމިނަލު ކައިރީގައި ހުއްޓާ ކަމަށާއި ބާކީ ތިބި ފަސް މީހުން ހައްޔަރުކުރީ އެ ރަށުގެ ޕާކެއްގެ ތެރެއިން ކަމަށެވެ.

"އެ މާރާމާރީގައި އެކަކަށް އަނިޔާވި. އެހެންނަމަވެސް އޭނާ އަށް ލިބުނީ އެހާ ސީރިއަސް އަނިޔާތަކެއް ނޫން. އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" އިސްމާއިލް ވިދާޅުވި އެވެ.

ވިލިމާލޭގައި މާރާމާރީ ހިންގި ހަތް މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އެ މާރާމާރީ ހިނގަން މެދުވެރީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

comment ކޮމެންޓް