ކުޑަކުދިންނާއި އަންހެނުން ގޮވައިގެން ގެމަނަފުށްޓަށް ދިޔަ ދޯންޏެއް ފަރަށް އަރައިފި

ގެމަނަފުއްޓަށް ދިޔަ ދޯނި ފަރަށް އަރާފައި-- ފޮޓޯ/ ޕޮލިސް

ގއ. ވިލިނގިލިން ފުރައިގެން އެއަތޮޅު ގެމެނަފުށްޓަށް ދަތުރުކުރަމުންދިޔަ، ގެމަނަ ފުށީ މަސްވާލި ނަމަކަށްކިޔާ ދޯނި ވިލިނގިލީ ފަރުމައްޗަށް އަރައިފި އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ފުލުހުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ކަމަށެވެ.

ދޯނިން ސަލާމަތް ކުރި މީހުން ވިލިނގިއްޔަަށް ބާލަނީ-- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ ދޯނި ވިލިނގިލީ ފަރަށް އަރާފައި ވަނީ ވިލިނގިލީ ނެރުން ނުކުތްތަނުން ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ނުވަ ފިރިހެނުންނާ ހަތް އަންހެނުންނާއެކު ފަސް ކުޑަކުދިން ތިއްބެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ދޯނީގައި ތިބި އަންހެނުންނާ ކުޑަކުދިން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވިލިނިގިއްޔަށް ގެންގޮސްފަ އެވެ. އެ ޙާދިސާ ހިންގަން މެދުވެރިވި ސަބަބާ ދޯންޏަށް ލިބުނު ގެއްލުން ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް