ޗައިނާއާއެކު އޮތް އިތުބާރު ދެމިއޮންނާނެކަން ޔަގީން: ރައީސް

ސީޕީޕީސީސީގެ ވައިސް ޗެއާމަންއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ޗައިނާއާ ދޭތެރޭގައި އޮތް އިޙްތިރާމާއި، އިތުބާރާއި، އެއްޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ކުރިއަށް އޮތްތާނގައި ވެސް ދެމިއޮންނާނެކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ ވައިސް ޗެއާމަން ޗެން ޒިއަގްއެންގް މިއަދު ރައީސް އޮފީހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ. ރައީސް އޮފީހުން ބުނީ ސީޕީޕީސީސީ އަކީ ޗައިނާގެ ސިޔާސީ ކަންކަމުގައި ލަފާދޭ، ޗައިނާ ސަރުކާރުގެ މުޢައްސަސާއެއް ކަމަށެވެ.

ސީޕީޕީސީސީގެ ވައިސް ޗެއާމަންއާ މިއަދު ހެނދުނު ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން ގުޅިގެން، ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތުގެ ފުރިހަމަ މިސާލެއް ރާއްޖެ އާއި ޗައިނާއިން މިއަދު ދުނިޔެއަށް ދައްކަމުންދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ޤައުމުން އިސްކަން ދޭ އެކިއެކި މައްސަލަތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސީޕީޕީސީސީގެ ވައިސް ޗެއާމަން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީގައި ޗައިނާ ފަތުރުވެރިންގެ ޙިއްސާ ބޮޑުކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތްތާނގައި ވެސް ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން މިހާރެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް، އެކުވެރި ގުޅުމަށް 43 އަހަރުވެފައިވާކަން ފާހަގަ ކުރައްވައި ކުރިއަށް އޮތް ތާނގައި ވެސް އެ ގުޅުން އެގޮތަށް ދެމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ޗައިނާއަކީ މިއަދު ރާއްޖެއަށް އެކި ރޮނގު ރޮނގުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމެއްކަން ފާހަގަ ކުރައްވައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގުޅުން އެތައް ރޮނގަކުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، ސީޕީޕީސީސީގެ ވައިސް ޗެއާމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްވެފައިވާ ގުޅުން މިހާރު ވަނީ ކުރިން ނުވާހާ ވަރުގަދަވެފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި، ޗައިނާއިން އަބަދުވެސް ދިވެހި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އިޙްތިރާމް ކުރާނެކަމުގެ ޔަޤީންކަން ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން ދެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ އަމީންއާން އަޙްމަދު މުޙަންމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ މުޙަންމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ އާއި، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބު ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް