ހިތްފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައިވާ "ރައިވެރިބޭގެ މައިޒާން" ހުޅުވައިފި

ހައުސިން މިނިސްޓުރީން ރައީސް ޔާމީނަށް ހަދިޔާ ކުރެއްވި ރައިވެރިބޭގެ މައިޒާނުގެ އެހާރާއި މިިހާރުގެ ފޮޓޯތައް ހިމެނޭ ފޮތް: ފޮޓޯ/ އަސުރުމާ

ހިތްފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައިވާ "ރައިވެރިބޭގެ މައިޒާން" މިއަދު ހަވީރު ހުޅުވައިފި އެވެ.

ިރައިވެރިބޭގެ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު މެޑަމް ފާތިމަތު އިބުރާހިމަށް ލިބިވަޑައިގެންނެވި އަނިޔާތަކަށްފަހު ރަސްމީކޮށް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ރަސްމިއްޔާތެވެ.

ރައިވެރިބޭގެ މައިޒާނުގެ މަސައްކަތަކީ ހައުސިން މިނިސްޓުރިއާ މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މައިޒާން ހުޅުވިގެން ދިޔައީ ތުއްތު ކުދިންތަކެއް ފަޅައިދިން ކޭކަކުން ނެވެ.

މިއަދު ރަސްމިއްޔާތުގައި ރައިވެރިބޭގެ މައިޒާނުގެ އެހާރާއި މިިހާރުގެ ފޮޓޯތަކެއް ހިމެނޭ ފޮތެއް ރައީސް ޔާމީނަށް ހައުސިން މިނިސްޓުރީން ވަނީ ހަދިޔާ ކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައިވެރިބޭގެ މައިޒާނަކީ އިޖުތިމާ ރޮނގުން ރައްޔިތުންނަށް ދުޅަހެޔޮކަން ހޯދައި ދިނުމަށް ކުރިއަށް ގެންދާ މަޝްރުއޫތަކުގެ ތެރެއިން ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ސަރަހައްދަކީ މީގެކުރިން ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބޭނުމަކީ އެފަދަ ތަންތަނަކީ ވެސް ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދޭ ތަންތަނަށް ހެދުން ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"ރައިވެރިބޭގެ މައިޒާން" ހުޅުވުމުގެ ގޮތުން ތުއްތު ކުދިންތަކެއް ކޭކެއް ފަޅަނީ: ފޮޓޯ/ އަސުރުމާ

"އާދެ މިތަނަށް މިއަދު މިކިޔާ ނަން. އާދެ ރައިވެރިބޭގެ މައިޒާނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ މިތަނަށް ދެއްވި ނަންފުޅެއް. ރައިވެރިބޭގެ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދަނީ ބުރަ މަސައްކަތާ ހިތްމަތާ އެކީގައި މަސައްކަތް ކުރުމުގެ އަޒުމު. މިފަދަ އަޒުމެއްގައި މަސައްކަތް ކުރި ފަރާތްތަކުގެ ޒިކުރާ އާވަގެންދާ ބިނާތަކާ މައިޒާންތައް ބިނާކޮށްދީ އަޅުގަނޑުމެންގެ ކުޑަކުދިންނަށް ހަނދާންކޮށްދިނުމަކީ މުސްތަގުބަލުގައި އެކަމުން ފައިދާ ކުރާނެ ކަމެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަހާނު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކޮންސްޓުރަކްޝަން އިންޑަސްޓުރީއަށް ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އިންޑަސްޓުރީއަށް ދިމާވެފައިވާ ގިނަ ދަތިތަކެއް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހައްލު ކޮށްދެއްވާފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުން ކުރާ މަސައްކަތްތަކުގައި މަސީއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ކޮންސްޓުރަކްޝަން އިންޑަސްޓުރީ އޮތީ ވަރަށް އުނދަގޫ ދަތި ހާލެއްގައި. އަޅުގަނޑުމެންގެ ކޮންޓުރެކްޓަރުން އުނދަގޫ ދަތި ދުވަސްތަކެއް ވޭތު ކުރަމުން. އެމަނިކުފާނު {ރައީސް ޔާމީން} ވެރިކަމަށް ވަޑައިގެން ކޮންސްޓުރަކްޝަން އިންޑަސްޓުރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވި. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންސްޓުރަކްޝަން އިންޑަސްޓުރީއަށް ބޭނުންވަ އެޑުވާންސް ޕޭމަންޓު ގެރެންޓީ އަދި ޕާފޯމަންސް ގެރެންޓީގެ މައްސަލަ ވަގުތުން ރައީސް ޔާމީން ހައްލު ކޮށްދެއްވި." ޖަނާހު ވިދާޅުވި އެވެ.

ރައިވެރިބޭގެ މައިޒާން ހެދުމަށް ހަރަދުވީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހައުސިން މިނިސްޓުރީންނެއް ހާމައެއް ނުކުރެ އެވެ. އެތަނުގައި ކުޑަކުދިން ކުޅޭ ކަހަލަ ތަފާތު އެއްޗެހިން ބަހައްޓާފައިވާއިރު ދެ ފައްވާރު ވެސް ބަހައްޓާފައިވެ އެވެ.

ރައިވެރިބޭ މައިޒާން ހަދާފައި ވަނީ މާލޭ ދެކުނު ހާބަރު ސަރަހައްދުން، ހާބަރު "ކަޑަތައް" ހުންނަ ސަރަހައްދުގަ އެވެ.

comment ކޮމެންޓް