ސީރިއާއަށް ހަމަލާ ނުދިނުމަށް ގޮވާލައި ލަންޑަންގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި ލަންޑަންގެ އެތައް ހާސް ބަޔަކު ބައިވެރިވި -- ފޮޓޯ: އޭޕީ

ލަންޑަން (ނޮވެމްބަރ29): އައިއެސްއާ ދެކޮޅަށް ސީރިޔާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިނުވުމަށް އެދި ލަންޑަނުގެ އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާ ކޮށްފި އެވެ.

"ހަނގުރާމަ ކޯލިޝަން ހުއްޓާލާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާތައް ބާއްވާފައި ވަނީ ޕެރިހަށް ދިން ހަމަލާތަކަށް ފަހު އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކުރުމަށް ރަޝީއާ އާއި ފްރާންސުން ހުޅަނގުގެ ގައުމުތަކަށް ގޮވާލާފައި ވަނިކޮށެވެ.

އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިނގިރޭސިވިލާތުން ބައިވެރިވުމާއި ބެހޭގޮތުން އެގައުމުގެ ރައްޔިތުންގެ މަޖިލީހުން މިއަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ލަފާކުރެވެ އެވެ. އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ތާއިދު ކުރުމަށް މަޖިލިސް މެމްބަރުންގެ ފަރާތުން އެދި ވަޑައިގެންފަ އެވެ.

ސީރިޔާއަށް ބޮން ނޭޅުމަށާއި ހަނގުރާމަ އިތުރަށް ހޫނު ނުކުރުމަށް އެ މުޒާހަރާތަކުގެ ބައިވެރިވި އިނގިރޭސި ރައްޔިތުން ވަނީ ގޮވާލާފަ އެވެ. (އޭޕީ)

comment ކޮމެންޓް