އިސްލާމިކް ޔުނިވާސިޓީން އަންނަ އަހަރު އޮންލައިން ކޯސްތަށް ފަށަނީ

އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރް ޢަލީ ރަޝީދު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ

އޮންލައިންކޮށް ކިޔަވައި ދޭ ކޯސްތަކެއް އަންނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ފަށާނެ ކަމަށް އެ ޔުނިވަރިސިޓީން ބުނެފި އެވެ.

އައިޔޫއެމްގައި ޔުނިވާސިޓީ މެނޭޖްމެންޓް ސިސްޓަމެއް ގާއިމް ކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ވައިސް ޗާންސެލަރު ޢަލީ ރަޝީދު ވިދާޅުވީ އަންނަ އަހަރުގެ ދެ ވަނަ ސެމިސްޓާ ފެށޭ އިރު އެ ފުރުސަތު ފަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"...މި މެނޭޖްމަންޓް ސިސްޓަމްގައި އެކުލެވިގެންދާނެ އީ ލާނިން ޕޯޓަލްއެއް. މީގެ ބޭނުން ހިފައިގެން އަޅުގަނޑުމެން 2016 ވަނަ އަހަރުގެ ދެ ވަނަ ސެމިސްޓާ ފެށޭއިރު އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކުގައި މިޔުނިވާސިޓީގެ ކޯސްތައް ހަދަން ބޭނުން، ކިޔަވަން ބޭނުން ދަރިވަރުންނަށް، އެ ކުދިން ރަށުގައި ތިބިގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ،" ރަޝީދު ވިދާޅުވިއެވެ.

އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނީ ކޮން ދާއިރާތަކަކުންތޯ ސަން އިން ސުވާލު ދެންނެވުމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެގޮތަށް އޮންލައިންކޮށް ކޯސްތައް ހިންގާނެ ދާއިރާތައް އަދި ކަނޑަނާޅާ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

"... 2016 ވަނަ އަހަރުގެ ތެރޭގައި، މާތް ﷲ އިރާދަކުރެއްވިއްޔާ އީ ލާނިން ތައާރަފް ކުރެވޭނެ. އެހެން ނަމަވެސް އަޅުގަނޑުމެން އަދި ކަނޑައެއް ނާޅަން ކޮންކޮން ދާއިރާތަކަކުން ކަމެއް އެކަންތައް އަޅުގަނޑުމެން ފަށައިގަންނާނީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް