އެމްޑީއޭއަށް ޒުވާނުންތަކެއް ސޮއިކޮށްފި

އެމްޑީއޭއާ ގުޅުނު ޒުވާނުން ގެ ފޯމްތައް އެ ޕާޓީގެ ޔޫތް ލިގްގެ ރައީސް ރީހާނާ ހަވާލު ކުރަނީ --- ފޮޓޯ: އެމްޑީއޭ

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވިސް ޑިވޮލެޕްމެންޓް އެލެޔަންސް (އެމްޑީއޭ) އަށް ޒުވާނުންތަކެއް ސޮއިކޮށްފި އެވެ.

އެމްޑީއޭގެ ޒުވާނުންގެ ލީގުގެ ރައީސް އަހްމަދު ރީހާން ސަން އަށް ވިދާޅުވީ އިއްޔެ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އިއްޔެ ސޮއިކުރި ޒުވާނުންގެ ފޯމްތަކާ ހަވާލުވީ އެ ޕާޓީގެ ރަޖިސްޓްރާ މުހައްމަދު އުމަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދުވެސް ޒުވާނުންތަކެއް އެޕާޓީއާ ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއާ ގުޅުނު ޒުވާނުން ގެ ފޯމް އެ ޕާޓީގެ ޔޫތް ލިގްގެ ރައީސް ރީހާންއާ ހަވާލު ކުރަނީ --- ފޮޓޯ: އެމްޑީއޭ

ރީހާން ވިދާޅުވީ އެމްޑީއޭ އަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ.

އެ ޕާޓީއާ ޒުވާނުން ގުޅެމުން އަންނަ މައިގަނޑު ސަބަބަކީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު އަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވުމާއި ޒުވާނުންނާއި މެދުގައި ސިޔާމް ބަހައްޓަވަމުން ގެންދަވާ ގާތްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުން ވެސް އެޕާޓީއާ ގުޅެމުން އަންނަ ކަމަށް ރީހާން ވިދާޅުވި އެވެ.

"އެމްޑީޕީގެ ދޯހަޅި ސިޔާސަތު ތަކުގެ ސަބަބުން އެ ޕާޓީ ދޫކޮށް އަންނަ ޒުވާނުން އެމްޑީއޭއާ މި ގުޅެނީ. އެމްޑީޕީގައި މިހާރު ނުހުންނާނެ ފަސް ޕަސެންޓު ގެ ޒުވާނުންވެސް. އަޅުގަނޑުމެންގެ އަމާޒަކީ ގުޅިގެން 2018 ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުން. އެ ކަމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުން މި ދަނީ،" ރީހާން ވިދާޅުވިއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

comment ކޮމެންޓް