ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް ރާއްޖެއަކު ނެތް: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން-- ފޮޓޯ/ އޭޕީ

ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓުގައި ހިނގާ ކަމެއްގައި އުސޫލާ ޚިލާފުވެފައިވާ ކަމަށް ބެލެވިގެން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

"...ޑޮމެސްޓިކް ކޯޓްތަކުގައި ޑިއު ޕްރޮސެސް ނެތް ކަމަށް ބެލެވިގެން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމަކީ އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި ކަންތައްތަކާ ހިލާފު ވުމުން ބޭނުން ކުރަން އޮންނަ ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ހަތިޔާރެއް ޒިންމާދާރު ކަމެއް ނެތް ގޮތަކަށް ބޭނުންކުރުމެވެ. ރާއްޖޭގައި އޮތް ސިޔާސީ ހާލަތަކީ އެފަދަ ހަރުކަށި ފިޔަވަޅުތައް އަޅަން އެކަށީގެންވާ ހާލަތެއް ނޫނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ދަތިކުރުމުގެ ފިޔަވަޅު ތައް އެފަރާތްތަކާ ދެކޮޅަށް އަޅަންވީ ފަރާތްތަކުގެ ލިސްޓެއް، ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހަށް ހުށަހެޅުމުން އެކަން ކުށްވެރިކޮށް ނެރުނު، އެބަޔާނުގައި ބުނެފައި ވަނީ، އެއީ ޝަރުއީ ކަމަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ވާހަކަ ދެއްކުމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެފަދަ ހައްގެއް ގެއްލޭ ފަދަ ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށެވެ.

"... ރައްޔިތުން ކަންބޮޑުވާ ކަންކަމާއި މެދު އަޑު އުފުލުމާއި މުޒާހަރާ ކުރުމުގެ ހައްގަށް ސަރުކާރުން އިހުތިރާމް ކުރެއެވެ. ރާއްޖެއަށް މަޝްވަރާ ދިނުމާއި ފާޑުކިއުމާއި އެހީތެރިވުމަށް އެހެން ގައުމުތަކަށް އޮތް ހައްގަށް ވެސް އިހުތިރާމްކުރާ ފައިދައިންނެވެ،" ބަޔާނުގައި ވެއެވެ.

ބަޔާން ނިންމާލަމުން ބުނެފައި ވަނީ ބައިނަލް އަގުވާމީ މަޝްރަހުގައި ރާއްޖެއާ މެދު އިންސާފުވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

comment ކޮމެންޓް