އޮންލައިންކޮށް ގިނަ ޚިދުމަތްތައް ދެވޭ ސިސްޓަމެއް އިސްލާމިކް ޔުނިވަސިޓީގައި ގާއިމްކުރަނީ

އައިޔޫއެމްގައި ޔުނިވަރސިޓީ މެނޭޖްމެންޓް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުަގައި ޑެޕިއުޓީ ވައިސް ޗާންސެލަރް ޢަލީ ރަޝީދު އަދި އޯ2 ޔޫ ސޮލިއުޝަންސް ބަރުހާދުގެ ސޭލްސް މެނޭޖަރް ޑޭބީ ސޮއިކުރައްވަނީ . ސަން ފޮޓޯ: ފަޔާޒް މޫސާ

ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދެވޭ ފަދަ ޔުނިވަސިޓީ މެނޭޖްމެންޓް ސިސްޓަމެއް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ގާއިމް ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އޯ2 ޔޫ ސޮލިއުޝަންސް ބަރުހާދާ އެވެ. މަސައްކަތުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރް އެޑްމިން އެންޑް ފިނޭންސް ޢަލީ ރަޝީދެވެ. އަދި އޯ2 ޔޫ ސޮލިއުޝަންސް ބަރުހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސޭލްސް މެނޭޖަރު ޑޭޕީ ޗާން އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޢަލީ ރަޝީދު ވިދާޅުވީ އައިޔޫއެމްގައި ޔުނިވަސިޓީ މެނޭޖްމަންޓް ސިސްޓަމެއް ނެތުމުން މިހާރު ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ މެނުއަލްކޮށް ކަމަށާއި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"... މިހުރިހާ ކަމެއް ހައްލުކުރުމުގެ މަގުސަދުގައި، ދަރިވަރުންނަށްދޭ ހިދުމަތް ވީހާވެސް ރަނގަޅު ފެންވަރެއްގައި، ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް، އަވަހަށް ދިނުމުގެ މަގުސަދުގައި، ވީހާ ވެސް މަދު ސްޓާފުން ބޭނުންކޮށްގެން ދިނުމުގެ މަގުސަދުގައި އަޅުގަނޑުމެން މިފަދަ މެނޭޖްމަންޓް ސިސްޓަމަކަށް ބޭނުންވެގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެ ސިސްޓަމް ގާއިމް ކުރުމުން ލިބޭނެ ފަސޭހަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އެ ސިސްޓަމްގައި އެޑްމިޝަން، ރެޖިސްޓްރޭޝަން މޮޑިއުލްއަކާއި އީ ލާނިން ޕޯޓަލްއަކާއި އީ ލައިބްރަރީގެ ހިދުމަތާއި ލެކްޗަރާ ޕޯޓަލްއަކާއި ސްޓޫޑެންޑް ޕޯޓަލްއެއް އެ ސިސްޓަމްގައި ހިމެނޭނެ ކަމަށެވެ.

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި ޔުނިވަރިސިޓީ މެނޭޖްމެންޓް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ . ސަން ފޮޓޯ: ފަޔާޒް މޫސާ

"... މުސްތަގުބަލުގައި އަޅުގަނޑުމެންގެ ކޯހަށް އެދޭ ދަރިވަރުން، އޮންލައިންކޮށް އެކުދިންނަށް ރަޖިސްޓްރީ ކުރެވޭނެ. އެކުދިން ކޮންމެ ރަށެއްގައި ކޮންމެ ކަންކޮޅެއްގައި ހުރި ނަމަވެސް އޮންލައިންކޮށް އެޕްލައިކުރެވިގެންދާނެ،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް، ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ފައިސާ ދެއްކުމުގެ ކަންތައް ވެސް އެ ސިސްޓަމްގެ ބޭނުންކޮށްގެން އޮންލައިންކޮށް ހަމަ ޖެއްސޭނެ ކަމަށެވެ.

އީ ލާނިން ޕޯޓަލް ބޭނުންކޮށްގެން ރާއްޖޭގެ ރަށް ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އަންނަ އަހަރުގެ ދެވަނަ ސެމިސްޓާގައި ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިޔޫއެމްގައި ގާއިމްކުރާ ސިސްޓަމް ގާއިމް ކުރުމަށާއި ސޮފްޓްވެއާ ލައިންސަންސަށް ފުރަތަމަ 215400 އެމެރިކާ ޑޮލަރު ހަރަދުވާނެ އެވެ.

"...މިބޭފުޅުންގެ ސޮފްޓްވެއާ މި ސަޕްލައިކޮށްދެނީ ސޮފްޓްވެއާ ސަބްސްކްރިޕްޝަން އުސޫލުން. އަހަރުން އަހަރަށް ރިނިއުކުރާ ގޮތަށް އިނގޭތޯ. އެހެންވީމާ ފުރަތަމަ އަހަރަށް، އެއީ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަނަށް އެދާ ހަރަދާއި ސޮފްޓްވެއާ ލައިސަންސާ އެއްކޮށް ޖުމްލަ 215400 ޑޮލަރު، އެއީ ފުރަތަމަ އަހަރަށް ހަރަދުވެގެންދާނެ ކަމަށް މުޅި ޖުމްލަ ލަފާ ކުރާ އަދަދު،" ޢަލީ ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ސިސްޓަމް ގާއިމް ކުރުމަށް އޯ2ޔޫ ސޮލިއުޝަންސް އަށް ދީފައިވާ މުހުލަތަކީ ހަމަސް ދުވަސް ކަމަށެވެ. އަދި އަންނަ ޑިސެމްބަރުމަހުގެ ހަތް ވަނަ ދުވަހު އެކުންފުނީގެ ޓެކްނިކަލް ބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެ ޔުނިވަސިޓީގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް