އަބްދުއް ސައްތާރު މޫސާދީދީއަށް ޚާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ޢަބުދުއް ސައްތާރު މޫސާ ދީދީއަށް ޚާއްސަ ތައުޒިޔާގެ ދަފްތަރެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފި އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ތައުޒިޔާ ދަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ދަފްތަރުގައި ލިޔުމުގެ ފުރުސަތު މިއަދު 12:00 އިން ހަވީރު ފަހެއް ޖަހަންދެން އަދި ކުރިއަށް އޮތް ދެދުވަހު ހެނދުނު ނުވައަކުން ހަވީރު ފަހަކަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެންވެސް ސަރުކާރުން ދަފްތަރެއް ހުޅުވި އެވެ. އެދަފްތަރު ބަހައްޓާފައި ހުރީ ރައްޔިތުންގެ މަޖިލީހުގަ އެވެ.

އުމުރުފުޅުން 79 އަހަރުގައި އަބުދުއްސައްތާރު އަވަހާރަވީ މިދިއަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

comment ކޮމެންޓް