ސައިރިކްސް ކޮލެޖުން އަންނަ އަހަރު އަލަށް ފަށާ ހަ ކޯހެއް އިއުލާނުކޮށްފި

މި އަދުގެ ބައްދަލުވުުމުގައި ސައިރިކްސްގެ ވައިސް ރެކްޓާ އިބްރާހިމް ވަހީދު (ކ) މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސައިރިކްސް ކޮލެޖުން އަންނަ އަހަރު އަލަށް ފަށަން ނިންމާފައިވާ ހަ ކޯހެއް އިއުލާނުކޮށް އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރު އެ ކޮލެޖުން އަލަށް ފަށާ ކޯސްތަކަކީ، އާލީ ޗައިލްޑްހޫޑް އެޑިއުކޭޝަން އެންޑް ކެއާގެ ސެޓްފިކެޓް ތިނެކާއި ޑިޕްލޮމާ އިން ޕްރައިމަރީ އެޑިއުކޭޝަން އާއި ބެޗްލާ އޮފް ބިޒްނަސް (މާކެޓިން) އާއި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން) އާއި ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (ވެބް ޕްރޮގްރާމިން) އާއި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެވެ.

ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ ކޮލެޖްގެ ގަލޮޅު ކެމްޕަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓާ އިބްރާހިމް ވަހީދު ވިދާޅުވީ، އެ ހަ ކޯހުގެ ތެރެއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ މިހާރު އެ ކޮލެޖުން ހިންގާ މާސްޓާ ޑިގްރީ ކޯހާ ހިލާފަށް ދެ އަހަރަށް ދިގުދެމިގެންދާނެ ކޯހެއް ކަމަށެވެ.

ވަހީދު ވިދާޅުވީ، ސައިރިކްސް ކޮލެޖްގެ ބިޒްނަސް ސްކޫލަކީ އެ ކޮލެޖުން ތަރައްގީކުރަން ވަރަށް އިސްކަމެއް ދީގެން ތަރައްގީކުރަމުން އަންނަ ސްކޫލެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސަރުކާރުން ވެސް ބިޒްނަސް ދާއިރާއިން މީހުން ތަމްރީނު ކުރުމަށް މަސައްކަތްތަކެއް ކުރާއިރު އެ ކޮލެޖްގެ ފަރާތުން އެއްބާރުލުމެއް ދިނުން ކަމަށެވެ. އެގޮތުން ޓީޗިންގެ ދާއިރާއަށް ސައިރިކްސް ކޮލެޖުން ވަނީ އަލަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަހީދު ވިދާޅުވީ އެ ކޮލެޖްގެ ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް އެކުދިން ގްރެޖުއޭޓް ވުމުގެ ކުރިން މަސައްކަތުގެ ދާއިރާގައި ތަމްރީނު ހޯދުމުގެ ފުރުސަތު އެ ކޮލެޖުން ދޭނެ ކަމަށެވެ. އޭގެ އިތުރުން ޑިގްރީ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ގާނޫނު އަސާސީއާ ބެހޭ މޮޑިއުލްއެއް އެކުލަވާލާފައި ވުމުން އެ ކޯސްތައް ނިންމާއިރު ދަރިވަރުން ގާނޫނު އަސާސީއަށް އަހުލުވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖުން އަންނަ އަހަރު އަލަށް ފަށާ ކޯސްތައް ކުރިއަށް ދާނީ އެ ކޮލެޖްގެ ބިޒްނަސް ސްކޫލް (ގަލޮޅު ކެމްޕަސް) ގަ އެވެ. ކޯސްތަކުގެ އެޕްލިކޭޝަން ފޯމް އެ ކޮލެޖްގެ ހުރިހާ ކެމްޕަހުން ލިބޭ އިރު، ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އެ ކޯސްތަކަށް އެދި ހުށަހެޅޭނެ އެވެ.

comment ކޮމެންޓް