އަލިފުޅުތުއްތު ފައުންޑޭޝަނުން ހުޅުދުއްފާރުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

އިސްލާމިކް މިނިސްޓަރާއި އުނގޫފާރު ދާއިރާގެ މެމްބަރު މިސްކިތުގެ ބިންގާ އަޅުައްވައި ދެއްވަނީ --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަލިފުޅުތުއްތު ފައުންޑޭޝަނުން ރ. ހުޅުދުއްފާރުގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މިއަދު ހެނދުނު ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހީމް އަހްމަދާއި ޑެޕިއުޓީ މިނިސްޓަރު މުސްތަފާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

ހުޅުދުއްފާރުގައި އިމާރާތްކުރާ އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހީމް އަހްމަދު ސަން އަށް ވިދާޅުވީ އަލިފުޅުތުއްތު ފައުންޑޭޝަނުން ހަ ރަށެއްގައި ހަ މިސްކިތް އެޅުމަށް މިނިސްޓްރީއާ އެކު އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހުޅުދުއްފާރުގައި ހުންނަނީ ޖުމްލަ ދެ މިސްކިތް ކަމަށާއި އޭގެ ތެރެއިން އެއް މިސްކިތަކީ ޖާގައިގެ ގޮތުން ވަރަށް ކުޑަ މިސްކިތެއް ކަމަށެވެ. މިހާރު އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމި ހުޅުވުމުން އެ މިސްކިތް ނައްތާލަން ނިންމާފައިވާ ކަމަށް ވެސް އިބްރާހީމް އަހްމަދު ވިދާޅުވި އެވެ.

comment ކޮމެންޓް