ރައީސްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ޖިހާދު އައްޑޫ ސިޓީއަށް ވަޑައިގެންފި

ފިނޭންސް މިނިސްޓަރު ޖިހާދު: އޭނާ ވަނީ ރައީސްގެ މަންދޫބެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ވަޑައިގެންފައި ---- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެ ސިޓީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޖިހާދު އައްޑޫ ސިޓީއަށް ވަޑައިގަތީ ރޭ 7:00 އެހައިކަންހާއިރު އެވެ. ރޭގެވަގުތެއްގައި ޖިހާދު ވަނީ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ސަރުކާރުން އެކުލަވާލާފައިވާ ސުޓިއަރިން ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ.

އެ ސުޓިއަރިން ކޮމެޓީގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހައުސިން މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.

އެ ކޮމެޓީގެ ޗެއާމަނަކަށް އެމްއެންޑީއެފްގެ ސަދަންއޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވަނީ ހަމަޖައްސައިފަ އެވެ.

ޖިހާދު މިއަދު ސަން އަށް ވިދާޅުވީ ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރުމުން އެބޭފުޅުން މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ފޭދޫ އާއި މަރަދޫފޭދޫގެ ގެތަކަށް ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.

ގެއްލުންތައް ބައްލަވައިލެއްވުމަށްފަހު ލިބިފައިވާ ގެއްލުންތަކުގެ ރިޕޯޓެއް މިއަދު އެކުލަވާލައި ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

"ރައްޔިތުންނާ ބައްދަލުކޮށް ލިބިފައިވާ ގެއްލުންތައް ބަލާފައި އެކަމުގެ ރިޕޯޓެއް މިއަދު އެކުލަވާލެވޭނެ. ރައީސް ބޭނުންފުޅުވަނީ ލިބިފައިބާ ގެއްލުންތައް ބެއްލެވުމަށްފަހު ކޮންގޮތަކުންތޯ އެހީދެވޭނީ ބަލަން،" ޖިހާދު ވިދާޅުވި އެވެ.

comment ކޮމެންޓް