ޕާކް ހުޅުވުމަށް ހާބަރު ކަޑަތައް ވަގުތީ ގޮތުން ބަންދުކުރަނީ

ހާބަރު ސަރަހައްދުގައި ހުންނަ ކަޑައެއް-- ސަން ފައިލް ފޮޓޯ

ހާބަރު ސަރަހައްދުގައި ހަދާފައިވާ ޕާކް ހުޅުވުމުގެ ރަސްމިއްޔާތަށް ވަގުތީ ގޮތުން ހާބަރު ކަޑަތައް ބަންދު ކުރުމަށް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހަވީރު އެޕާކް ހުޅުވުމުގެ ރަސްމިއްޔާތަށް ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް މިއަދު 11:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ބަންދު ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެޕާކް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ނަމަވެސް އެޕާކް ހުޅުއްވައިދެއްވާނެ ފަރާތެއް އަދި ޔަގީން ނުވާ ކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްކޮޅުގައި ބޮމެއްގޮއްވާލި ހާދިސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

ކުޑަކުދިން ކުޅެ ހިތް އުފާކޮށްލެވޭ ގޮތަށް ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ "ރައިވެރިބޭ މައިޒާން" އަކީ ކުޑަކުދިން ކުޅޭ އެކި ތަކެތި ބަހައްޓާފައިވާ ޕާކެކެ އެވެ. އޭގެ އިތުރުން އެޕާކްގައި މީހުންނަށް އިށީނދެ ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. ހަމައެއާ އެކު އެސަރަހައްދުގައި ވަނީ އިތުރު ޕާކިން ޒޯންތަކެއް ވެސް ވަނީ ހަދައިފަ އެވެ.

comment ކޮމެންޓް