ދަރިފުޅު ރާއްޖެ އަށް ދިޔައީ ވަޒީފާއެއް ހޯދަން: "ސުނައިޕަރު"ގެ މަންމަ

ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް. އެ ހަތިޔާރުތަކުގެ ތެރޭގައި ސުނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޔަކު ފައިސާ ދީގެން ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނައި ކަމަށް ބުނާ ލަންކާގެ "ސްނައިޕަރު"، ލަހިރު މަދުޝަންކަ ރާއްޖެ އަށް އައީ ވަޒީފާއެއް ހޯދުމަށް ކަމަށް އޭނާގެ މަންމަ ބުނެފި އެވެ.

ހަތިޔާރު ބޭނުން ކޮށްގެން ރައީސް ޔާމީން އަވަހާރަކޮށްލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން ލަންކާގެ 27 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ވަނީ އޮކްޓޯބަރު 24ގަ އެވެ. އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ވަނީ ދެ ފަހަރަށް ވަނީ އިތުރު ކޮށްފަ އެވެ.

ނަމަވެސް، ލަންކާގެ ސަންޑޭ ޓައިމްސްއާއި ވާހަކަ ދައްކަމުން މަދުޝަންކުގެ އާއިލާ އިން ވަނީ އޭނާ އަކީ ލަންކާގެ އަސްކަރިއްޔާ އެއްވެސް ގުޅުމެއް ނެތް 24 އަހަރުގެ މީހެއް ކަމުގައި ބުނެފަ އެވެ.

މަދުޝަންކުގެ މަންމަ ބުނީ، މަދުޝަންކު މާލެއަށް ދިޔައީ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ރާއްޖެ އަށް ދިޔުމުގެ ކަންތައްތައް ހަމަޖައްސައި ދިން ލަންކާގެ އޭޖެންޓާއި ރާއްޖެ އިން ވަޒީފާ ހޯދަދޭން ބުނި ރާއްޖޭގެ މީހާގެ މައުލޫމާތު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ މައްސަލަ ބެލުމުގައި މަދުޝަންކުއަށް ހަމްދަރުދީ ވުމަށް އޭނާގެ މަންމަ ވަނީ އެދިފަ އެވެ.

ސަންޑޭ ޓައިމްސްގައިވާ ގޮތުން މަދުޝަންކުގެ ވަކީލު ވަނީ ވަރަށް ފަހުން ރާއްޖޭގައި ބަންދުކޮށްފައި ހުރި މަދުޝަންކްއާ ބައްދަލުކޮށްފަ އެވެ.

"އޭނާ [މަދުޝަންކު]ގެ ހާލު ރަނގަޅު. ސުވާލުކުރުންތައް މިހާރު ވެސް ކުރިއަށް ގެންދޭ. މައްސަލައާ ބެހޭ ގާނޫނީ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ލިބުނު،" ވަކީލް ޝަބްދިކާ ވެލަޕިލީ ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ވެސް އެ އާއިލާއިން ވަނީ މަދުޝަންކު އަކީ ހިކިމަސް ވިއްކާ މީހެއް ކަމަށާއި، ޓެރަރިޒަމް އާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ބުނެފަ އެވެ. އޭނާ ހައްޔަރު ކުރުމުގެ ސަބަބުން ލަންކާގެ ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސުނައިޕަރު ހައްޔަރުކުރި ފަހުން، ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫން ވަނީ ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދައިފަ އެވެ.

އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫ އަށް ވަންނަ ނެރުކައިރިން ކަނޑުގެ 42 މީޓަރު އަޑިން ނެވެ. ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސުނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު