މެޗު ފިކްސިންގެ ތުހުމަތުތަކަށް އީގަލްސް ކޯޗު ރައްދު ދީފި

ޓީމުގެ ކޯޗު އިހްސާން ޢަބްދުލް ޣަނީ (ސާންތީ): ތުހުމަތުތަކަށް ރައްދުދީފައިވޭ--- ސަން ފޮޓޯ/ ހުސައިން ހަބީބު

ކުލަބް އީގަލްސްއާ ގުޅޭ ގޮތުން ތުހުމަތު ކުރި މެޗް ފިކްސިންގެ މައްސަލަ ސޯޝަލް މީޑއާގައި ދައުރުވާން ފެށުމުން އެ ޓީމްގެ ކޯޗު އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ރައްދު ދީފި އެވެ.

ސޯޝަލް މީޑއާގައި ދައުރު ވަމުންދިޔަ ބައެއް ޕޯސްޓްތަކުގައި ބުނެފައި ވަނީ މިއަދު ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ދޫކޮށްލުމަށް ޓީސީން އީގަލްސްއަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ހުށަހަޅައި އީގަލްސްއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ޓީސީއާ ދެކޮޅަށް މިއަދު ކުޅެ އެއްވަރުވި މެޗަށް ފަހު ޕޯސްޓް މެޗް ޕްރެސްކޮންފަރެންސްގައި ސާންތީ ބުނީ މިއަދުގެ މެޗުން ނުކުތް ނަތީޖާއިން ވެސް ދައްކައިދެނީ އެ ފެތުރި ވާހަކަތަކުގެ އަސްލެއް ނެތް ކަން ކަމަށެވެ. އަދި އެ ވާހަކަ ފެތުރި ބައެއްގެ މަގުސަދަކީ އީގަލްސުން މެޗާމެދު ސީރިއަސްކޮށް ވިސްނައިގެން، ކުޅުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ވެދާނެ ކަމަށް ސާންތީ ބުންޏެވެ.

ކޯޗަކަށް ހުރެ މެޗު ވިއްކާލުންފަދަ ކަންތައްތަކަށް ފުރުސަތެއް ނުދޭނެ ކަމަށް ސާންތީ ބުންޏެވެ.

"އަޅުގަނޑު ކޯޗަކަށް ހުރިހާ ދުވަހަކު ކޮންމެ ޓީމެއް އިދިކޮޅަށް އޮތަސް އަޅުގަނޑު ނަގާނީ ސީރިއަސްކޮށް. އަޅުގަނޑުމެންނަށް ވަރިހަމަ ކޮންމެ ބަޔަކަށް މިލީގް ލިބުނަސްވެސް، ވަރަށް ނުބައި ޚަބަރުތަކެއް ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ" ސާންތީ ބުންޏެވެ.

ސާންތީ ބުނީ މިއަދުގެ މެޗްގައި ބޭނުންވީ އީގަލްސްއަކީ އެއްވެސް އެހެން ޓީމަކަށް ފައިދާ ތަކެއް ހޯދުމަށް ކުޅޭ ޓީމެއް ނޫންކަން ސާބިތުކޮށް ދިނުމަށް ކަމަށެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) އާ މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނީ ސޯޝަލް މީޑއާގައި ފެތުރެމުންދާ ވާހަކައަކަށް ރިއެކްޓްކޮށްގެން އެކަމާ ވިސްނަން ބޭނުން ނުވާ ކަމަށާއި ޓީސީން ފުރަތަމަ ފައިސާ ޚަރަދު ކުރާނީ ޓީސީގެ ކުޅުންތެރިންނަށް ކަމަށާއި އިތުރަށް ފައިސާ ލިބޭ ނަމަ އެހެން ޓީމްތަކުގައި ތިން މަސް ހަތަރު މަސް ވާއިރު މުސާރަ ނުލިބި ތިބި ކުޅުންތެރިންނަށް މުސާރަ ދިނުމަށް އެޓީމްތަކަށް ފައިސާ ދޭން ޓީސީން ވަރަށް ބޭނުން ކަމަށެވެ.

އެއީ މެޗެއް ގަންނަން ނޫން ކަމަށާއި ކުޅުންތެރިންނަށް ލިބޭ އިހާނެތިކަން ފިލުވާލުމަށް ކަމަށް ނިޒާންބެ ބުންޏެވެ.

"ޓީސީއިން ލާރި ޚަރަދު ކުރާނީ ޓީސީ ޓީމަށް. ފުރަތަމަ ކުޅުންތެރިންނަށް މުސާރަ ދޭން ދެން ޓީމްގެ އެހެން ކަންތައްތަކަށް. އޭގެ އިތުރަށް ލާރި ހުރެއްޖެ ކަމުގައިވާނަމަ ޓީސީން ވަރަށް ބޭނުން އިދިކޮޅު ކުލަބުތަކުގެ ތިން މަސް ހަތަރު މަސް މުސާރަ ނުލިބި ތިބި ކުޅުންތެރިންނަށް މުސާރަ ދޭން ދޭނީ. އެއީ މެޗެއް ގަންނާކަށް ނޫން. އެއީ ކުޅުންތެރިންނަށް ލިބޭ އިހާނެތިކަން ފިލުވާލުމަށް އެލާރިކޮޅު ދޭން ބޭނުންވަނީ އަދި އެވަރު ނެތީ. އެވަރު ލިބޭ ދުވަހަކުން އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން" ނިޒާންބެ ބުންޏެވެ.

comment ކޮމެންޓް