ހެޔޮކަމެއް ކޮށްދޭން އުޅެގެން އުމުރަށް ޖަލަށް!

ފަސިންޖަރެއްގެ ލަގެޖް ކަސްޓަމް އޮފިސަރަކު ޗެކް ކުރަނީ-- ފޮޓޯ: ކަސްޓަމް

މީގެ ދެތިން އަހަރު ކުރި އެވެ. އޭނާ ރާއްޖެ އައީ މެލޭޝިއާ އިން މަތީ ތައުލީމް ހާސިލު ކުރުމަށްފަހު އެވެ. މެލޭޝިއާ އިން އޭނާ ރާއްޖެ އަންނަން އުޅޭކަން އެނގުމާ އެކު މެލޭޝިއާގައި އެކުގައި އުޅުނު އެކުވެރިއެއް އޭނާއާ ފައިވާނެއް ހަވާލުކުރި އެވެ. އެފައިވާން މާލޭގައި އުޅޭ މީހަކަށް ދިނުމަށް އެދުނެވެ. އެކުވެރިޔާގެ އެ އެދުން ފުއްދުމަށް އޭނާ އައީ އެފައިވާން ހިފައިގެންނެވެ. ރާއްޖެ އައިސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ)ގައި ހަރަކާތްތެރިވާ ކަސްޓަމް އޮފިސަރުން އޭނާގެ ލަގެޗުތައް ބަލައި ފާސްކުރުމުގެ ތެރެއިން އެއްކަލަ ފައިވާނާ މެދު ސުވާލުކުރި އެވެ. އެއަށް ފަހު ފައިވާން އިތުރަށް ސްކޭންކޮށް ބެލުމަށް ފަހު ފައިވާން ކަފާލައި ބެލި އެވެ. ކަމަކުދާކަށް ނެތެވެ. ފައިވާން މެދަށް ވަނީ މަސްތުވާތަކެތި އެޅުމަށް ފަހު އަލުން ހިއްޕާފަ އެވެ. އެފައިވާން ހަވާލުކުރި އެކުވެރިޔާ އެކަން ކުރިކަމަކަށް އެއްބަހެއްނުވިއެވެ. ނަތީޖާއަކަށްވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އޭނާ އުމުރަށް ޖަލަށް ލުމެވެ.

އެފަދަ އެެހެން ހާދިސާއެވެ. ދާދިފަހަކުންނެވެ. އުމުރުން 60 މައްޗަށް ގޮސްފައިވާ ދެމަފިރިން ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އެނބުރި ރާއްޖެ އައި އިރު އެމީހުންނަށް އިންޑިއާ އިން އެހީތެރިވި މީހާ ހަވާލުކުރި ބޭސް ފުޅިއެއް ގެނަ އެވެ. އެހީތެރިވި ފަރާތުން ބުނީ މާލޭގައި ހުރި މީހަކާއި އެ ބޭސްފުޅި ހަވާލު ކުރުމަށެވެ. ނަމަވެސް ކަސްޓަމް އޮފިސަރުންނާއި ހިސާބުން އެފުޅި ވަނީ ހިފަހައްޓައިފަ އެވެ. އެއަށް ފަހު އެފުޅި ކަނޑައި ބެލިއިރު އެފުޅީގެ 80 ޕަސެންޓަށް ހުރީ މަސްތުވާތަކެތި އަޅައިފަ އެވެ. އެދެމަފިރިން މެދުވެރިކޮށް މަސައްކަތް ކުރީ މަސްތުވާތަކެތި އެތެރެކުރުމަށެވެ.

އެއާޕޯޓް ސެކިއުރިޓީން ފަސިންޖަރެއް ލަގެޖް ފާސް ކުރަނީ-- ފޮޓޯ:އެއާޕޯޓް ސެކިއުރިޓީ

އިސްވެ މިފާހަގަކުރީ އެކުވެރިއަކަށް ހެޔޮކަމެއް ކޮށްދޭން އުޅެގެން އުމުރަށް ޖަލަށް ދާން ޖެހުނު ހާދިސާ އަކާއި ދުވަސްވީ ދެމަފިރިންނަށް ދިމާވި ހާދިސާއެކެވެ. އެފަދަ އެތައް ހާދިސާއެއް މި މުޖުތަމައުގައި ހިނގާފައި އެބަހުއްޓެވެ. މިއީ އިތުރަށް ސަމާލުވާން ޖެހޭ ކަމެކެވެ. ހާއްސަކޮށް ރާއްޖެ އިން ބޭރުން އަންނައިރު މީހުން އެކި ފަރާތްތަކަށް ދިނުމަށް ހަވާލުކުރާ ތަކެއްޗާއި ހަވާލު ވުމުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން އެވަނީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ގޮސްފަ އެވެ.

މަސްތުވާތަކެތި އެތެރެކުރަން ގިނައިން ބޭނުންކުރަނީ ދުވަސްވީ ފަރާތްތައް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރާ އެތައް މަގެއްވެ އެވެ. އޭގެ ތެރެއިން އެއް ކަމަކަށް އަލި އަޅުވާލާނަމަ އެވެ. އެއީ އެކި ބޭނުންތަކަށް ރާއްޖެ އިން ބޭރަށް ގޮސް އުޅޭ ފަރާތްތަކާއި އޮޅުވާލުމުގެ ތެރެއިން ތަފާތު ތަކެތީގެ ނަމުގައި މަސްތުވާތަކެތި ހަވާލުކޮށް އެތަކެތި ރާއްޖެ އެތެރެކުރަން އުޅުމެވެ. ތަފާތު އެކިތަކެތީގައި މަސްތުވާތަކެތި ފޮރުވައި އެގޮތަށް އެތެރެކުރަން އުޅޭއިރު އެކަމުގެ ސަބަބުން ކުށް ނުކުރާ އެތައް އާންމުންނެއް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުށުގައި އެވަނީ ބެދިފަ އެވެ.

އޮޅުވާލުމެއްގެ ތެރެއިން މީހުންނާ މަސްތުވާތަކެތި އަޅާފައިވާ ތަފާތުތަކެތި ހަވާލުކޮށް އެތެރެކުރަން މަސައްކަތް ކުރާ އިރު އޭގެ ތެރެއިން އެންމެ ބޮޑު ޓާގެޓަކަށް ވެފައި ވަނީ ދުވަސްވީ މީހުންނެވެ. ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ގޮސް އުޅޭ އެދުވަސްވީ މީހުން ބޭރުގައި އުޅޭ އިރު އެމީހުންނަށް އަޅާލައި ހެދުމަށް ފަހު އެމީހުން އެނބުރި ރާއްޖެ އަންނަ އުޅުމުން ތަކެތި ހަވާލުކުރަނީ އެވެ. އެވެނި މިވެނި މީހަކަށް ދިނުމަށް ބުނެ ހަވާލުކުރާ އެތަކެތީގައި ހުންނަނީ މަސްތުވާތަކެއްޗެވެ.

ކަސްޓަމްގެ ސީނިއާ ސްޕްރިންޑެންޓް މުހައްމަދު ނިޒާރު ވިދާޅުވީ ރާއްޖެ އިން ބޭރަށްގޮސް އުޅޭ ދުވަސްވީ މީހުން އެނބުރި ރާއްޖެ އަންނައިރު އެމީހުންގެ އަތަށްދީގެން ހެރޮއިން އާއި ހޭޝް އޮއިލް އެތެރެކުރަން މަސައްކަތް ކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަހަރެއްގެ މައްޗަށް އޭގެ ދެތިން މައްސަލަ ހުށައެޅޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ކަސްޓަމްގެ ސީނިއާ ސްޕްރިންޑެންޓް މުހައްމަދު ނިޒާރު ސަން އަށް އިންޓަވިއޫ ދެއްވަނީ-- ފޮޓޯ: ނިޔާޒު

މަސްތުވާތަކެތި ފޮރުވާފައި ހުންނަނީ ފެކްޓްރީ ސީލްގެ ކޮލެޓީގައި!

އެފަދަތަކެތި އެތެރެ ކުރަން ބޭނުން ކުރާ ތަފާތު އުކުޅުތައް ހުރެ އެވެ. މީގެ ތެރެއިން އޮޅުވާލައިގެން މީހުން ލައްވާ އެތެރެ ކުރަން އުޅެފައި ހުރި މަސްތުވާތަކެތި ފޮރުވާފައި ހުންނަ ތަކެތީގެ ތެރޭގައި ރޮށި ހޫނު ކަމުގައި ބެހެއްޓުމަށް ބޭނުންކުރާ ތައްޓާއި ފައިވާނާއި އެކިޒާތުގެ ފުޅިފުޅިއާއި ދަޅުތައް ހިމެނެ އެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރެއަށް މަސްތުވާތަކެތި އެޅުމަށް ފަހު ފެކްޓްރީ ސީލް ކޮލެޓީގައި އެ ތަކެތި ބަންދުކޮށްގެން ވެސް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި އެބަހުއްޓެވެ. ހަމައެހެންމެ މަސްތުވާ ތަފާތު ބޭސްތައް ވެސް އެގޮތަށް އެތެރެކުރަން މަސައްކަތް ކުރާ އިރު މިކްސަރު ފަދަ ތަކެތީގައި ފޮރުވައިގެން ވެސް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތްކޮށްފައިވެ އެވެ. އެތަކެތީގައި މަސްތުވާތަކެތި ފޮރުވާފައި ހުންނަ އިރު އެއާ ހަވާލުވާ ފަރާތްތަކަށް އޭގެ ތެރޭގައި އެއްޗެއް ހުރިކަން ވެސް ނޭނގޭހާ މޮޅަށް އެބަ ބަންދުކުރެ އެވެ.

"އަޅުގަނޑުމެންނަށް އަތުލައިގަނެފައިވެސް އެބަހުރި މިކްސަރެއްގެ ފޫ ނައްޓާލަނީ ފޫނައްޓާލާފައި އޭގެ މޯޓަރުބައި އިންނަތަނުގެ ނުވަތަ ކޮއިލް ގަނޑުގެ ތެރެއަށް މިލަނީ ބޭނުންވާ އެއްޗެހިތަކެއް، މަސްތުވާތަކެތި ހެރޮއިން ކަހަލަ ތަކެތި، ނޫނިއްޔާ ހޭޝްއޮއިލް ކަހަލަ އެއްޗެތި، ލުމަށް ފަހު މީގެ ފޫ ޖަހާލާފައި ހަދާލާފައި މިއިންނަނީ ފޮށިގަނޑަށް ލާފައި އުރަޔާއެކީގައި،" ނިޒާރު ވިދާޅުވި އެވެ.

ކުށްވެރިވެ އަދަބު ލިބެނީ އެތަކެއްޗާއި ހަވާލުވި ފަރާތް!

އެފަދަ ހާދިސާތަކުގައި ގިނަ ފަހަރަށް ކުށްވެރިވެގެން ދަނީ ނޭންގުމެއްގެ ތެރެއިން ނަމަވެސް އެތަކެތި ރާއްޖެ ގެނެވުނު ފަރާތެވެ. ސަބަބަކީ އެމީހަކު ގެންނަ އެއްޗަކަށް އެމީހަކު ޒިންމާ ވާންޖެހޭތީ އެވެ. އެފަދަ ކަންކަން ކުރިމަތިވާ ހާލަތްތަކުގައި އެތަކެތި ހަވާލު ކުރި ފަރާތްތަކުން ހަވާލެއް ނުވެ އެވެ. އެއީ އެމީހުން ދިން އެއްޗެއް ކަމަށް އެއްބަހެއް ނުވެ އެވެ. ނަތީޖާ އަކީ ގާނޫނީ ބޮޑު ކުށަކަށް ކުށެއްނެތް މީހާ ވެއްޓިގެން ދިއުމެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެކަން އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ އެއީ އޭނާގެ އެއްޗެއް ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެއީ އެހެން މީހެއްގެ އެއްޗެއް ކަން ނުވަތަ ތިމާއާ ގުޅުން ނެތް އެއްޗެއްކަން ސާބިތުކޮށް ދިނުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ. އެހެން ނޫން ނަމަ ތިމާ މަސްތުވާތަކެތި ގެންގުޅުނުކަން ނުވަތަ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރިކަން ސާބިތުވީ އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެފަދަ މައްސަލައެއްގައި ދައުވާ އުފުލިއްޖެ ނަމަ ފަސޭހައިން ސަލާމަތްވުމަކީ މިހާރު ގާނޫނުތައް ހުންނަ ގޮތުން ވަރަށް އުނދަގޫ ކަމެކެވެ. ނަތީޖާއަކަށްވެގެންދަނީ ދިރިއުޅުން ގެއްލިގެން ދިއުމެވެ.

ކަސްޓަމް އޮފިސަރުންތަކެއް އައިއެންއައިއޭގައި ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

"ތިމާއަށް އޭގެ އެއްވެސް މަންފާއެއް ނުކުރާ ގޮތަކަށް ނުވަތަ ތިމާއަށް އެއްވެސް ކަމެއްގައި ޝާމިލް ނުވާގޮތަށް އެނގުމެއްނެތި މިހެން ކުރެވޭ ކަމެއްގެ ސަބަބުން މުޅި ތިމާގެ ދިރިއުޅުމުގެ ބޮޑުބައެއް ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހޭދަކުރަންޖެހުން ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާއެއް ފައިސާތަކެއް ދައްކަން ޖެހުން، މިއީ މުޅި ދިރިއުޅުން ހަލާކު ވެދާނެ ކަންކަން." ކަސްޓަމްގެ ސީނިއާ ސްޕްރިންޑެންޓް ނިޒާރު ވިދާޅުވި އެވެ.

ތަކެއްޗާއި ހަވާލުވާއިރު އިތުރަށް ސަމާލުވޭ!

ނިޒާރު ވިދާޅުވާ ގޮތުގައި މިހާރުގެ ހާލަތު އޮތްގޮތުން މައިންބަފައިން ކަމުގައި ވިޔަސް އަދި ތިމާގެ ކިތަންމެ ގާތްބައެއް ކަމުގައި ވިޔަސް އެފަދަތަކެތި ހަވާލުކުރާއިރު ތިމާއަށް އެއެއްޗެއްގައި ގާނޫނާއި ހިލާފް އެއްޗެއް ނެތްކަން ކަށަވަރު ކުރަން ޖެހެ ކަމަށެވެ. ސަބަބަކަށް ވަނީ އެތަކެއްޗަށް އެމީހަކު ޒިންމާވާންޖެހޭތީ އެވެ.

"މީހަކު ދީފައި އޮތް އެއްޗަކާ ހަވާލުވެގެން އަންނައިރު އެމީހަކު ދީފައި އޮތް ލިޔުމެއް އޮތް ނަމަވެސް އަދި އެމީހަކު މީހުންތަކެއްގެ ތެރޭގައި ހުރެގެން ހަވާލުކުރި އެއްޗެއް ކަމުގައި ވިޔަސް ވެސް އެއެއްޗެއް އެގެންނަ މީހަކު ރާއްޖެ އަށް އެތެރެކުރާ ހިސާބުން ކަސްޓަމަށް އެއެއްޗެއް ހިފައިގެން އަންނަ މީހާ ޒިންމާ ވާންޖެހޭނެ." ނިޒާރު ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރަށް ގޮސް އެބުރި ރާއްޖެ އަށް އަންނައިރު މީސްމީހުން ދޭ އެއްޗިއްސާ ހަވާލުވާ އިރު ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ. އޭގައި ގާނޫނާއި ގަވައިދާ ހިލާފް އެއްޗެއް ނެތްކަން ކަށަވަރު ވާން ޖެހެ އެވެ. އެކަށަވަރު ނުކޮށް އެމީހަކާ އޮންނަ ގާތްކަމެއްގެ ސަބަބުން ކުރެވޭ ކަމަކުން ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިލާންޖެހެ އެވެ. ކޮންމެހެން ގެނެސްދޭން އެއްޗެހި ދެމީހުން އެކީ ބާޒާރަށް ގޮސް ގަނެގެން އެތަނުން ވަގުތުން ބަންދު ކުރުމަކީ ވެސް އެޅިދާނެ ފިޔަވަޅެކެވެ. ނުވަތަ ހަވާލު ވުމުގެ ކުރިން ރަނގަޅަށް ހުޅުވައި ބަލަންޖެހެ އެވެ.

އެތައް ބަޔަކު އެވަނީ ހެޔޮކަމެއް ކޮށްދޭން އުޅެގެން ބޮޑެތި އަދަބްތަކެއް ލިބިފަ އެވެ. އެހެންކަމުން މީހުންދޭ ގޮތްނޭނގޭ ތަކެއްޗާ ހަވާލުވާ އިރު އެއީ ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަންކަމެވެ. އެކިތަކެއްޗަށް މަސްތުވާތަކެތި އެޅުމަށް ފަހު އޮޅުވާލައިގެން އެތަކެތި އެތެރެކުރަން އުޅުމަކީ އާންމު ކަމެކެވެ. އެކަމަށް ސަމާލުވާންޖެހެ އެވެ. އެހެން ނޫން ނަމަ ހެޔޮކަމެއް ކޮށްދޭން އުޅެގެން މިޖެހެނީ އުމުރަށް ޖަލަށް ދާށެވެ.

comment ކޮމެންޓް