ތާވަލްގެ އެއް ވަނައަށް އަރަން ލިބުނު ފުރުސަތު ޓީސީއަށް ގެއްލިއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގަގައި އީގަލަސްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެ ލީގު ތާވަލުގެ އެއް ވަނައަށް އަރަން ލިބުނު ފުރުސަތު ޓީސީއަށް ގެއްލިއްޖެ އެވެ.

އެ މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ޓީސީ ދެ ވަނާގައި އޮތީ 28 ޕޮއިންޓާއެކު އެވެ.

އެ ޓީމަށްވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެން 29 ޕޮއިންޓާއެކު އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓް މިރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމާ ޓީސީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ބޮޑު ވެގެންދާނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ޓީސީއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗްގެ މޮޅު ކުޅުންތެރިންތެރިޔާގެ މަގާމު ހޯދި އީގަލްސްގެ ގޯލްކީޕަރު ލަންކާގެ ގައުމީ ޓީމްގެ ސޫޖަން ޕެރޭރާއެވެ.

މެޗްގައި ޓީސީގެ ރެފޭލް ބެޓިއަމް މަޓް (ރަފިއާނާ) އަށާއި ޢަލީ ނާފިއު (ކަޅޭ) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތައް ލިބިގެން ގޮސްފައެވެ.

އެގޮތުން މެޗްގެ 27 ވަނަ މިނެޓްގައި ރަފިއާނާ ބޮލުން ޕެނަލްޓީ ކަޅޭއަށް ދިން ބޯޅަ އީގަލްސްގެ ގޯލް ތެރެއަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑްގައެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކަޅޭއަށް ލިބުނު ބޯޅަ އޭނާ ފޮނުވަލުމުން ސޫޖަން ވަނީ ދިފައުކޮށްފައެވެ.

މީގެ އިތުރުން ސޫޖަން ވަނީ ޓީސިގެ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއުކޮށްފައެވެ.

މެޗްގެ އެންމެ ފަހު މިނެޓްގައި ރަފިއާނާ ފޮނުވާލި ބޯޅަ ދިޔައި އީގަލްސްގެ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހަފު ފެށިގެން އީގަލްސްއިން ރަނގަޅަށް ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

comment ކޮމެންޓް