ގޮތްނޭގޭ 11 ބޯޓު ޖަޕާންގެ އައްސޭރިފަށަށް މިމަހުގެ ތެރޭގައި ލައްގައިފި

ގިނަ ދުވަސް ވަންދެން ކަނޑުމަތީގައި އޮތުމުގެ ސަބަބުން ބޯޓުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ނޮވެމްބަރ 28) : މަރުވެފައިވާ 20 މީހުން ތިބި ގޮތްނޭގޭ 11 ބޯޓު ޖަޕާނުގެ އައްސޭރިފަށަށް މިމަހުގެ ތެރޭގައި ލައްގާފައިވެ އެވެ.

ފުރަތަމަ ހަތަރު ބޯޓު ލައްގާފައި ވަނީ ނޮވެމްބަރު ކުރީ ކޮޅެވެ. އަދި ބާކީ ހަތް ބޯޓު ލައްގާފައި ވަނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެވެ. އެންމެ ފަހުން ފެނުނު ބޯޓު ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ޓޯކިޔޯ ކައިރިންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ދަނީ ބޯޓުތައް ތަހުގީގު ކުރަމުންނެވެ. ސަލާމަތީ ފަރާތްތަކުން ބުނީ ބޯޓުގައި ތިބި މީހުންގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އެހެން ކަމުން ބޯޓުގައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް ވަނީ އުނދަގޫވެފަ އެވެ.

މިހާތަނަށް ބޯޓުން ފެނިފައިވާ ތަކެތިން ލަފާކުރެވެނީ ބޯޓުތައް ނިސްބަތް ވަނީ އުތުރު ކޮރެއާއަށް ކަމަށެވެ. އެއް ބޯޓުގައި "ކޮރެއާގެ އަސްކަރިއްޔާ" އޭ ވެސް ޖަހާފައިވާ ކަމަށްވެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ ބޯޓުތަކަކީ އުތުރު ކޮރެއާގެ މަސްވެރިކަން ކުރާ ބޯޓުތަކެކެވެ.

އުތުރު ކޮރެއާއިން ދަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ޖީޕީއެސް ފަދަ ޒަމާނީ އާލަތްތައް ނުލިބުމުގެ ސަބަބުން ބައެއް ބޯޓުތައް މިސްރާބު އޮޅިގެން ގެއްލެނީ އެވެ.

އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ބޯޓުތަކަކީ އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖަންގް އުންގެ ހަރުކަށި ވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރި މީހުންނެވެ. ކޯސްޓުގާޑުން ބުނީ އެ މީހުން ކަނޑުމަތިވެފައިވާތާ މަސްތަކެއް ވެފައި ވާނެ ކަމަށެވެ.

ބޯޓުތައް ހަދާފައި ވަނީ ވަރަށް ކުރީގެ ޑިޒައިންތަކަށް ކަމުން އެބޯޓުތައް ހުޅަނގުގެ ގައުމަކަށް ނިސްބަތްވުމަކީ ނާދިރު ކަމެކެވެ.

މައުލޫމާތު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް