ފުލުހުން ފްރަންޓް ލައިން ކެމެރާ ބޭނުންކުރަން ފަށައިފި

ފުލުހަކު ފްރޮންޓްލައިން ކެމެރާއެއް މޭމަތީ ހަރުކޮށްގެން ---- ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ފްރަންޓް ލައިން ޑިއުޓީގައި މަގުމަތީގައި ހަރަކާތްތެރިވާ އިރު ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ކަމަށެވެ. އަދި މިހާރު ބަލަމުންދާ ކަންކަތައްތަކުގެ ނަތީޖާއަށް ބަލައި ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރުން އިތުރު ކުރަމުން ގެންދާނެ ކަމަށް އިސްމާޢީލް ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި މިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް މަގުމަތީގެ ހާލަތު މިހާރަށް ވުރެ ބޮޑަށް ދެނެގަނެ ފުލުހުންގެ ރައްކާތެރިކަމަށާއި ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން އިތުރަށް ހަރުދަނާކޮށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.

ހަމަ އެއާއެކު ފުލުހުންގެ އެކައުންޓިބިލިޓީ އާއި އިންޓެގްރިޓީ ދެމެހެއްޓި މައްސަލަތަކުގެ ހެކި ހޯދުމަށް ވެސް ބޮޑީ ކެމެރާ ބޭނުންކުރުމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

އަދި މިވަގުތު ބޮޑީ ކެމެރާ ބޭނުންކުރަމުންދާނީ މާލޭ ސިޓީގައި މަސައްކަތްކުރާ ބައެއް ފުލުހުންކަމަށްވިޔަސް ފުލުހުންގެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ބޮޑީ ކެމެރާ ބޭނުންކުރުން އިތުރުކުރަމުން ގެންދާނެކަމުގައިވެސް ނަވީން ވިދާޅުވި އެވެ.

comment ކޮމެންޓް