ޢަބުދުއްސައްތާރު މޫސާ ދީދީގެ ޚިދުމަތްތަކާ ބެހޭ ފޮތެއް ނެރެނީ

އަބްދުއްސައްތާރު މޫސާ ދީދީ: ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު މުނާސަތުގައި ބޭއްވި ދިދަ ދެގުމުގެ ރަސްމިއްޔާތުގައި-- ފޮޓޯ/ ރައީސް އޮފީސް

ރޭ އަވަހާރަވެފައިވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ޢަބުދުއް ސައްތާރު މޫސާ ދީދީގެ ޚިދުމަތްތަކާ ބެހޭ ގޮތުން ފޮތެއް ނެރެން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފި އެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ މިއަދު ސަން އަށް ވިދާޅުވީ ޢަބުދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކާ ބެހޭ ގޮތުން ފޮތެއް އެކުލަވައިލުމަކީ އިލްމީ މަސައްކަތަކަށް ވާތީ އެކަމަށް ވަގުތުކޮޅެއް ހޭދަވާނެ ކަމަށެވެ. އެހެން ނަމަވެސް ލަސް ނުކޮށް އެފޮތުގެ މަސައްކަތް ނިންމުމަށް އެކަޑަމީން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ލަސްނުކޮށް، ވީހާވެސް އަވަހަކަށް އޭނާގެ އަރިހުގައި އުޅުއްވި ބޭފުޅުންނާ އަދި އާއިލާގެ ބޭފުޅުންނާ، މި ދެންނެވީ ދެނެވަޑައިގަންނަވާ، އޭނާގެ ޚިދުމަތުގެ އަގުކުރަން ދަންނަ، ބޭފުޅުންކޮޅުގެ އަތްޕުޅުން ވެސް ހަމަ މިކަމާ ބެހޭ ހަމަ ޚާއްސަ ޚިތާބުތަކެއް ހޯދައި އޭގެ މައްޗަށް މަސައްކަތްތަކެއް ކޮށްގެން ކުރިއަށް ގެންދަން،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޢަބުދުއްސައްތާރު މޫސާދީދީއަކީ ދިވެހި ތާރީހުގެ އެއް ތަނބު ކަމަށާއި އެއީ ވަރަށް އަގު ހުރި ބަތަލެއް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ހަޔާތުގައި އޭނާގެ މަސައްކަތްތައްތަކަކީ އާދަޔާ ހިލާފަށް ތެދުވެރި މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"... އެހެންވީމާ މިކަހަލަ އަގުހުރި ބޭފުޅެއްގެ ހަނދާނުގައި، ތާރީޚަށް ޓަކައި މަސައްކަތްތަކެއް އަޅުގަނޑުމެން ކުރުމަކީ އެއީ އަޅުގަނޑުމެން ދެކެނީ އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް،" ފޮތެއް ނެރެން ނިންމެވި ސަބަބާ ބެހޭ ގޮތުންވާ އަޝްރަފު ވިދާޅުވި އެވެ.

އުމުރުފުޅުން 79 އަހަރުގައި އަބުދުއްސައްތާރު އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

comment ކޮމެންޓް