އެމްޑީޕީ ހަރުގެއަށް ފުލުހުން ރޭ ވަނީ ގާނޫނާ ޚިލާފަށް: އިންތި

ނޮވެމްބަރ 13، 2015: ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

"މިންޖުވާން" ނަމުގައި އެމްޑީޕީގެ އިހުތިޖާޖުތައް ކުރިއަށް ދަނިކޮށް އެޕާޓީގެ ހަރުގެއަށް ފުލުހުން ވަދެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ލީޑާޝިޕުން އިންތިޒާމު ކޮށްގެން އެ ޕާޓީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ، އެ ޕާޓީގެ ހަރުގޭގައި އިހުތިޖާޖުތައް ކުރިއަށް ދިޔަ ވަގުތެއްގައި ފުލުހުން އެތަނަށް ވަދެ ކަރަންޓް ކަނޑާލާފައިވާ ކަމަށާއި އަދި އެތަނުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށެވެ.

"އެއީ އަމިއްލަ ތަނެއް، އަޅުގަނޑުމެން ހިންގާ ތަނެއް، މީހެއްގެ ގެއެއް. މިތަނަށް ގާނޫނު އަސާސީއާ ހިލާފަށް ފުލުހުން ވަދެ އެތަނުގައި ހުރި ބައެއް ތަކެއްޗާއި ކުޅެ ހަދާފައިވޭ،"

އިންތި އިތުރަށް ވިދާޅުވީ، ފުލުހުންގެ ދުވަހުން ދުވަހުގެ އޮޕަރޭޝަނަލް ކަންތައްތަކުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން ވަދެފައިވާ ކަމަށާއި ފުލުހުން ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބުމަށް ގޮވާލައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ފުލުހުންނާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުމާ ހިލާފަށް ފުލުހުން އިހުތިޖާޖަށް ހުރަސް އަޅާފައިވާ ކަމަށާއި އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ވެސް ކޮށްފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް